އެއްވެސް ގޭންގަކާ ގުޅުމެއް ނޯންނާނެ: ޔާމީން

ކަނޑި އާއި އެ ނޫން ވެސް އެ ޒާތުގެ ހަތިޔާރާ އެކު މާލޭގައި އޮޕަރޭޓްކުރާ ގޭންގުތަކާ ކުރީގެ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެންބަރު އަބްދުﷲ ޔާމީނާ ގުޅުވައިގެން މިނިވަން ނިއުސްގައި ލިޔެފައިވާ ވާހަކަތަކަށް ރައްދު ދެއްވައި، އެފަދަ އެއްވެސް ގޭންގަކާ ގުޅުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ހަވީރަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޕީޕަލްސް އެސޯސިއޭޝަން (ޕީއޭ)ގެ ވެސް ރައީސް ޔާމީން ވިދާޅުވީ މާލޭގައި ހިންގާ މާރާމާރީ އާއި މީހުން މެރުމުގެ ޖަރީމާތަކާ އޭނާއާ ގުޅުވައިގެން މިނިވަން ނިއުސް ވެބްސައިޓްގައި ލިޔެފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި މާލޭގައި ގްރޫޕްތަކުން ހިންގާ އަނިޔާވެރި ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން އޭނާ ކުށްވެރި ކުރައްވާ ކަމަށެވެ. ޔާމީން ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް، އެފަދަ ޖަރީމާތައް ހިންގާ މީހުން ހޯދައި ވީހާ އަވަހަށް ޝަރީއަތަށް ހުށަހެޅުމަށް ގޮވާލައްވާ ކަމަށެވެ.
"އަޅުގަނޑުމެން އެމްޕީންނަށް (ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި) ތިބެގެން، އިހަށް ދުވަހު ވެސް އެންމެ ބޮޑަށް ފާޑުކީ ކަންތައްތައް އެއީ. ކިހިނެއްތޯ އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރަން ކެރޭނީ؟" ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑަކީ ރާއްޖޭގެ އެއްވެސް ކަމެއް ހާސިލުކުރަން ވައިލެންސަށް ހިތްވަރު ދޭނެ މީހެއް ނޫން. މައްސަލައަކީ އެކަންކަން ކުރާ މީހުންނާ ދޭތެރޭ މިހާތަނަށް ފިޔަވަޅު ނާޅާތީ."
އިނގިރޭސި ބަހުން ނެރޭ މިނިވަން ނިއުސްގެ ވެބްސައިޓްގައި ޔާމީނަށް ރައްދުކޮށް މިދިޔަ އާދީއްތަ ދުވަހު ލިޔެފައި ވަނީ، އިދިކޮޅު ޕާޓީ، އެމްޑީޕީން 2005 ވަނަ އަހަރު ބޭއްވި އެއްވުމެއް ރޫޅައިލުމަށް، މާލޭގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށްވާ ބޮސްނިއާ އަށް ޔާމީން ފައިސާ ދެއްވާފައިވާ ކަމަށެވެ.
ޔާމީން ވިދާޅުވީ މީހަކު ބުނި އެއްޗެއްގެ މައްޗަށް ބުރަވެ، އޭނާގެ ބަހެއް ހޯދުމަކާ ނުލައި އޭނާއަށް ނިސްބަތްކޮށް މިނިވަން ނިއުސް ވެބްސައިޓްގައި ލިޔެފައިވާ ވާހަކަތަކަކީ ވަރަށް ދަށް ފެންވަރުގެ ނޫސްވެރިކަމެއް ކަމަށެވެ. އަދި ވިދާޅުވީ މީޑިއާގައި އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ލިބިފައިވާ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރުމަކީ ވެސް އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.
"މަގުމަތިން މީހަކު ބުނާ އެއްޗެއް ވެރިފައިކުރުމަކާ ނުލައި ޖެހުމަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ނޫސްވެރިކަމެއް،" ޔާމީން ވިދާޅުވި އެވެ.
މިނިވަން ނިއުސްގެ އެޑިޓަރު އަޖޭ މަކާން ރޭ އެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ވާހަކަތަކަކީ ކޮންމެހެން ހަގީގަތެއް ކަމަށް ދައުވާ ނުކުރާ ކަމަށެވެ. ނަމަވެސް ގޭންގްތަކުން ސީނިއާ ޕޮލިޓީޝަނުންނާ ބައްދަލުކުރާ ކަމަށް އެ މީހުން ބުނާ ނަމަ އެއީ މީހުންނަށް އެނގެން ބޭނުންވާނެ ރަނގަޅު ހަބަރު ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު މިނިވަން ނިއުސް އިން ޔާމީންގެ އަރިހުން މާފަށް އެދިފައެއް ނުވެ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުގައި ޔާމީން ވަނީ ފައިނޭންސް މިނިސްޓަރުކަން އޭނާ އަށް ދެއްވާނެ ކަމަށް ދެކެވޭ ވާހަކައާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. ޔާމީން ވިދާޅުވީ މިފަހުން ރައީސް މައުމޫނާ ބައްދަލުކުރެއްވި ކަމަށާއި ނަމަވެސް "ރައީސް ތިޔަ ކަހަލަ ވާހަކައެއް ނުދައްކަވާ" ކަމަށެވެ.
ގާނޫނު އަސާސީގެ މަސައްކަތް މެދުކަނޑާލައި ހާއްސަ މަޖިލީހުގެ މެންބަރުންނަށް 30 ދުވަހުގެ ޗުއްޓީއެއް ދެއްވީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ގާސިމު އިބްރާހީމް ވިދާޅުވި ގޮތުގައި އިދާރީ ކޮމެޓީން އެގޮތަށް ލަފާ ދެއްވުމުންނެވެ. ޔާމީނަކީ ވެސް އިދާރީ ކޮމެޓީގެ މެންބަރެކެވެ. ޔާމީން އެފަދަ ލަފައެއް ދެއްވިންތޯ ދެންނެވުމުން ވިދާޅުވީ، އިދާރީ ކޮމެޓީގައި ޕީއޭގެ ތިން މެންބަރުން ތިއްބަވާނެ ކަމަށާއި ނަމަވެސް އެ ނިންމުން ނިންމެވި ދުވަހު އެ ބައްދަލުވުމަށް އެއްވެސް މެމްބަރަކު ވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެ ދުވަހު ނުދިޔައީ، އިދާރީ ކޮމެޓީގެ ގަވާއިދު ބުނާ ގޮތުން 24 ގަޑިއިރުގެ ނޯޓިސް ދޭން ޖެހޭ. އެ ދުވަހު މެންދުރު ފަހު ނިންމީ ހަވީރު ޖަލްސާ ބާއްވަން،" ޔާމީން ވިދާޅުވި އެވެ.
ބަޖެޓް ޖަލްސާގެ ކޯރަމް މައްސަލަ ޖެހެނީ ކީއްވެގެންތޯ ދެންނެވުމުން ވިދާޅުވީ "ހީވަނީ ހަމަ ބަޖެޓްގެ ހުރި މައްސަލަތައް ބޮޑުކަމުން، ބަޖެޓާ ދޭތެރޭ މެންބަރުން ފޫހިވާތީ" ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅު މެންބަރު އިބްރާހީމް ވަހީދާއި އއ. މެންބަރު އަހުމަދު ޒުބޭރު ޑީއާރުޕީން ވަކިވަނީ ޕީއޭއާ ގުޅިވަޑައިގަންނަވަންތޯ ދެންނެވުމުން ޔާމީން ވިދާޅުވީ "އެ ދެ ބޭފުޅުން ޕީއޭ އަށް ވަނުމަށް އަދި ފޯމް ފުރާފައި ނުވާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ