ސިޓީއަކަށް އައްޑޫ ބަދަލުވުމާ އެކު ރަށްތައް އަވަށްތަކަކަށް ބަދަލުވެފައިވާ ކަމަށާއި އައްޑޫގައި މިހާރު އޮތީ ހަތަރު އަވަށް ކަމަށް ނިންމައި، ރައްޔިތުންނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި "މަރަދޫފޭދޫ" ގެ ނަން އައްޑޫ ސިޓީ ކައުންސިލުން ފޮހެލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މިކަމާ ގުޅިގެން އެ ރަށުގެ 10 މީހަކު ހިމެނޭ ޓީމަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާ ވެސް ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް ހުށަހަޅައިފަ އެވެ. މީގެ އިތުރުން ސަރުކާރު ތަމްސީލްކުރާ އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސާއި ނައިބް ރައީސާ ވެސް ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ މީހުން ބުނީ މިކަމާ ގުޅޭ ގޮތުން ކައުންސިލުގައި މަރަދޫފޭދޫ ވެސް ތަމްސީލްކުރައްވާ މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބާ އެއްވެސް މަޝްވަރާއެއް އަދި ކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން އޭނާއާ ބައްދަލު ކުރާނެ ކަމަށް އެ ޓީމުން ބުންޏެވެ.
އެ ޓީމުން ބުނީ އައްޑޫ ސިޓީއެއްގެ ގޮތުގައި ހިންގުމަށް ވަރަށް ބޮޑަށް ތާއިދުކުރާ ކަމަށާއި ލާމަރުކަޒީ އުސޫލަށް ވެސް ތާއިދުކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން ޖެހޭނީ ވަކި ރަށެއްގެ ނަން ފޮހެނުލައި، ރައްޔިތުންގެ ރަށްވެހިކަމަށް ވިސްނައިގެން ކަމަށް ޒުވާނުންގެ ޓީމުން ބުންޏެވެ.
"ސަރުކާރުން އައްޑޫ ސިޓީއަކަށް ހެދި ހެދުމާއި ލާމަރުކަޒީ އުސޫލުން ހިންގުމަށް ނިންމި ސިޔާސަތުތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔައި، އެކަމަށް އެއްބާރުލުން ވެސް ދެން. އެހެން ނަމަވެސް ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ އަޅުގަނޑުމެންގެ ރަށުގެ ނަން ފޮހެލައި އަޅުގަނޑުމެންގެ އައިޑެންޑިޓީ ގެއްލުވާލަން. މިކަމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި މިއީ މި ރަށުގެ އެއްވެސް ރައްޔިތަކު އެދޭ ގޮތެއް ވެސް ނޫން،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އަނެއްކާ ކައުންސިލުން މިވަރުގެ ކަމެއް ނިންމާ އިރު، ރައްޔިތުންނާ އެއްވެސް ވަރަކަށް މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލެއް ވެސް ހޯދައިފައެއް ނެތް. އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި ކައުންސިލަށް ޒިންމާދާރު މަސައްކަތްތަކެއް ނުކުރެވޭ މިހާތަނަށް ކަންކަން ގޮސްފައި އޮތް ގޮތަށް ބަލާ އިރު."
މޭޔަރު ސޯބެ މިއަދު ވިދާޅުވީ އައްޑޫގައި އޮތީ ހަތަރު އަވަށް ކަމަށް ކައުންސިލުން ނިންމާފައި ވަނީ މާޗް މަހުގެ ތެރޭގައި ކަމަށެވެ. އަދި އެގޮތަށް ނިންމީ އޭރު ވެސް އެކިއެކި ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ނިންމައި އެލްޖީއޭ އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ހަތަރު އަވަށް ކަމަށް ނިންމައި މަރަދު އާއި މަރަދޫފޭދޫ އެއް އަވަށެއްގެ ގޮތުގައި ނިންމީ ޖިއޮގްރަފިކަލް ބައުންޑަރީ އަށް ވެސް ރިއާޔަށް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން ދެ ނަމުން ނިސްބަތް ކުރިއަސް އެއްފަސްކޮށް ގުޅިފައި އޮތް ސަރަހައްދުގެ ރަސްމީ ނަމަކީ ވެސް "މަރަދޫ" ކަމަށް ސޯބެ ވިދާޅުވި އެވެ. އަދި ހުޅުދު އާއި މީދު އަކީ ވެސް އެއް އަވަށެއް ކަމަށް ނިންމީ އެ އުސޫލުން ކަމަށް ކައުންސިލުން ބުންޏެވެ.
"އައްޑޫ ސިޓީއަކަށް ބަދަލުވުމާ އެކު ސަރުކާރުން ގެޒެޓްކޮށްފައި ވަނީ އައްޑޫއަކީ އެއް ރަށް ކަމަށާއި އައްޑޫގެ މީހުން ދިރިއުޅޭ ހަ ރަށުގެ ބަދަލުގައި ދެން އޮންނާނީ އަވަށްތަކެއް ކަމަށް. އެގޮތަށް ގެޒެޓްކުރުމާ ގުޅިގެން ކައުންސިލުގައި ކުރެވުނު މަޝްވަރާތަކުގައި ހަތަރު އަވަށް ކަމަށް ނިންމީ،" ސޯބެ ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން އޮންނާނީ އެކަން އެލްޖީއޭ އަށް ވެސް ހުށަހަޅާފައި. އެ ފަރާތުން ދެން ގެޒެޓް ކުރުމުން ރަސްމީކޮށް އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ބަލާނީ."
މޭޔަރު ވިދާޅުވީ މިކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ޝަކުވާތަކެއް އައިސްފައިވާތީ އެ މީހުންގެ އަޑު އައްސަވާނެ ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން ޝަކުވާތަކެއް އައިސްފައިވާތީ އެމީހުންގެ އަޑު އަޅުގަނޑުމެން އަހާނަން. އަދި މިކަމައިގެން ދެން ކުރިއަށް ދެވެން އޮތީ ކިހިނެއްތޯ ބަލައި އެކަމާ މަޝްވަރާކުރާނަން،" މޭޔަރު ވިދާޅުވި އެވެ. "އެހެން ނަމަވެސް މިކަން ނިމިގެން ދާނީ ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު، ޑިމޮކްރަސީއާ އެއްގޮތަށް މެޖޯރިޓީ ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް."
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް ވިދާޅުވީ ހަތަރު އަވަށް ކަމަށް ނިންމީ ސިޓީއެއްގެ ގޮތުގައި އައްޑޫ ހިންގުމުގެ ފަސޭހައަށް ވިސްނާފައި ކަމަށެވެ. އަދި އެ ނިންމުމަކީ ޖިއޮގްރަފިކަލް ބައުންޑަރީ އަށާއި ދާއިރާތައް ހިންގުމުގެ ހަރަދަށް ވެސް ބަލާފައި ނިންނި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރާ ބައްދަލު ކުރި ޓީމުން ވާހަކަ ދެއްކި ޒުވާނަކު ބުނީ ލިއުމަކުން މި މައްސަލަ ކައުންސިލަށް ހުށަހެޅުމަށް މޭޔަރު އެދިވަޑައިގެންފައިވާތީ މާދަމާ ކައުންސިލަށް ސިޓީ ފޮނުވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ހަތަރު އަވަށުގެ ގޮތުގައި ނިންމާފައި ވަނީ ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުމީދޫ އަވަށެވެ. މީގެ ތެރެއިން މަރަދޫ އަވަށް ނިސްބަތް ކުރަނީ މަރަދޫފޭދޫ ވެސް ލައިގެންނެވެ.
"މިއީ ވަރަށް ބޮޑު މައްސަލައެއް. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސީރިއަސް ނަތީޖާތަކެއް ނިކުމެދާނެ ކަމެއް. ރައްޔިތުން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ އެ މީހުންގެ އައިޑެންޑިޓީ ގެއްލޭކަށް،" ޓީމުގެ އެކަކު ބުންޏެވެ. "އަޅުގަނޑުމެންނާ މަރަދޫ މީހުންނާ މިކަމާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް އޮތީކީ ނޫން. އަދި ނުވެސް އޮންނާނެ ދުވަހަކު ވެސް އެކަހަލަ ކަމެއް. އެކަމަކު ރައްޔިތުންތަކެއް ރަޖިސްޓްރީވެގެން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދިރިއުޅެމުން ދިޔަ ރަށެއްގެ ނަން ފޮހެލައި، އަޅުގަނޑުމެންގެ ރަށްވެހިކަން ގެއްލޭ ގޮތަށް މަސައްކަތްކުރާތީ މައްސަލަ އަކީ. މި މައްސަލައާ ހެދި ރައްޔިތުންނަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި. މިއީ މި ރަށުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް. މިކަމާ ދެކޮޅަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަދި ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަކަށް ވެސް މި މައްސަލަ އަޅުގަނޑުމެން ހުށަހަޅާނަން."
އަށާރަ ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް މަރަދޫފޭދޫ ރައްޔިތުންނަށް މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގަން އިނގިރޭސީންނަށް ދޭން އޭރުގެ ސަރުކާރުން ނިންމުމާ ގުޅިގެން، އޭރުގެ ގަމުގައި އުޅުނު ރައްޔިތުން [މިހާރު ފޭދޫގެ ރައްޔިތުން] ފޭދު އަށް ބަދަލު ކުރަން ނިންމައި ފޭދޫގައި އޭރު ދިރިއުޅެމުން ދިޔަ މީހުން [މިހާރުގެ މަރަދޫފޭދޫގެ ރައްޔިތުން] ފޭދޫން ބޭލި ބޭލުމަކީ ފިލައިގެން ނުދާނޭ ފަދަ ހިތި ތަޖުރިބާއެއް ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ.
މަރަދޫފޭދޫގެ ނަން "ފޮހެލަން" އުޅޭ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ