މެމްބަރު އިލްހާމްއާ ދިމާކުރަން ގެއަށް ވަތް މީހަކު ފުލުހުން ހައްޔަރުކޮށްފި

ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނާއިބު ރައީސް އިލްހާމް އަހުމަދާ "ދިމާކުރަން" އޭނާ އުޅުއްވާ ގެ އަށް ދިޔަ މީހަކު މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ. އިލްހާމް ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގެއަށް ޒުވާނަކު ގަދަކަމުން ވަންނަން އުޅުމުން އެކަމަށް ހުރަސް އެޅުއްވި ކަމަށެވެ. އަދި އެ މީހާ ފުލުހުންނާ ހަވާލުކުރީ އިލްހާމް ދިރިއުޅުއްވާ ގެ. ގ. ނައިޓް ސްޓާ ކައިރީގައި ހަރަކާތްތެރިވި އިލްހާމްގެ ސެކިއުރިޓީ ކަމަށް އިލްހާމް ވިދާޅުވި އެވެ. "ފުރަތަމަ އެ މީހާ އައިސް ދޮރުގައި ޓަކި ޖެހީ. ޓަކި ޖެހުމާއެކު އަޅުގަނޑު ކުޑަކޮށް ދޮރު ހުޅުވުމާ އެކު އޭނާ އުޅުނީ އެތެރެ އަށް ދެމި ގަންނަން. އެކަމަކު އަޅުގަނޑުގެ އަންހެނުންނާ ދެ މީހުން ވެގެން ގަދަކަމުން ދޮރު ކޮއްޕައި ލެއްޕީ. އެ މީހާ ބޭރުގައި ހުރެ ވަރަށް ގަދަ އަށް އަނެއް ކޮޅުން ދޮރު ހުޅުވަން މަސައްކަތް ކުރި،" އިލްހާމް ވިދާޅުވި އެވެ.އިލްހާމް ވިދާޅުވީ އޭނާ އުޅުއްވާ އެޕާޓްމަންޓް އެ މީހާ ހޯދާފައި ވަނީ ގޭތެރެއިން ބައެއް މީހުންގެ ގާތުން އޮޅުންފިލުވައިގެން ކަމަށް ލަފާކުރެއްވޭ ކަމަށެވެ. "އެ މީހާ ގެއަށް ވަންނަން މަސައްކަތް ކުރަން އުޅޭކަން އެނގުމާއެކު އަޅުގަނޑުގެ ސެކިއުރިޓީ އޮތީ ފުލުހުންނަށް ގުޅާފައި،" އިލްހާމް ވިދާޅުވި އެވެ. "ސެކިއުރިޓީ ހުރީ މަގުމަތީގައި. އޭރު ވެސް ސެކިއުރިޓީ އަށް ޝައްކުވެގެން ދިޔައީ އެކަން ބަލަމުން ކަމަށް ވަނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ