ދެ މަޖިލީހުގެ މެމްބަރުންތަކެއް އިސްކޮށް ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުންތަކެއް އިސްކޮށް ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަރުގެ އޮފީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އިލެކްޝަންސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި 50 އަށްވުރެ ގިނަ ބޭފުޅުން ސޮއިކުރައްވައި މިއަދު ހެނދުނު ހުށަހަޅުއްވައިފައިވާ ކަމަށާއި އެ ނަންތައް ސައްހަތޯ ޗެކްކުރުމަށް ފަހު، ތިން ދުވަސްތެރޭގައި ޖަވާބެއް ދެއްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީ އުފެއްދުމަށް ހުށަހެޅުމަށް ފަހު ދަރުބާރުގޭގެ ފަންސަވީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. މެމްބަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް ހުށަހެޅުއްވީ 72 މީހުންގެ ސޮޔާއެކު ކަމަށެވެ. އެ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދ. މެމްބަރު އަހުމަދު ނާޝިދުގެ އިތުރުން، އއ. މެމްބަރު އަހްމަދު ޒުބައިރާއި ކ. މެމްބަރު އިސްމާއީލް އަބްދުލް ހަމީދާއި ތ. މެމްބަރު މުހައްމަދު ޝަރީފާއި ރ. މެމްބަރު އިބްރާހީމް ޝަހީދު ޒަކީ ށ. މެމްބަރު އިބްރާހީމް ވަހީދުގެ އިތުރުން ޑީއާރުޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ވެސް ޕާޓީ އަށް ސޮއިކުރައްވާފައި ވެ އެވެ.
ޑރ. ހުސައިން ވިދާޅުވީ އޭނާ އެމްޑީޕީން އޭނާ ވަކިވެވަޑައިގަތީ އެ ޕާޓީއަށް ވުރެ ޖުމްހޫރީ ޕާޓީ ރަނގަޅުވާނެ ކަމަށް އުއްމީދުކުރާތީ ކަމަށެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ތ. މެމްބަރު ޝަރީފު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ "ގައުމަށް މިހާރަށްވުރެ ރަނގަޅު ގޮތެއް ހޯދައިދިނުމަށް" ކަމަށެވެ.
ޖުމްހޫރީ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދ. މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލްގެ ޗެއާމަން އަހްމަދު ނާޝިދު ނިއުސް ކޮންފަރެންސްގައި ވިދާޅުވީ އިދިކޮޅު ޕާޓީތައް ބައިބައިވެފައިވާތީ އާއި ޕާޓީއެއް އުފެއްދީ ހެޔޮ ބަދަލު ގެނައުމަށް ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވޭ ރައްޔިތުންނަށް ރަނގަޅު ބަދަލަކަށް. އެ ބަދަލު ގެނެސްދެވޭވަރުގެ ޕާޓީއެއް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑުމެންގެ ތެރޭގައި މި ތިއްބެވި މެމްބަރުންނަށް ވިސްނޭތީވެ އަޅުގަނޑުމެން ހިތަށް އެރީ ޕާޓީއެއް ޖައްސައިލައިގެންނޭ މިކަން ހާސިލްވާނީ،" ނާޝިދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާއެކު މާ ގިނަ ދުވަހެއް ނުވެ ޕާޓީ އުފައްދަވާނެ ކަމަށާއި 3000 މީހުންގެ ސޮއި ހޯއްދެވުމަކީ "މެޓައެއް" ކަމަށް ނާޝިދު ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ނޫސްވެރިން އެންމެ ބޮޑަށް ސުވާލުތައް އަމާޒުކުރީ، ޖުމްހޫރީ ޕާޓީ އުފެއްދުމުގެ ފަރުދާގެ ފުރަގަހުގައި ޑީއާރުޕީގެ ނާއިބް ޒައީމް ގާސިމް އިބްރާހީމް ހުންނެވި ކަމަށް އާންމުކޮށް ދެކެވޭ ވާހަކައަށެވެ. ނަމަވެސް ނާޝިދު ވިދާޅުވީ "މި ޕާޓީއަކީ ސިޔާސީ ގޮތުން ގާސިމަށް ކަންކަން މަގުފަހިކުރުމަށް އުފައްދާ ޕާޓީއެއް ނޫން" ކަމަށެވެ.
"ގާސިމް އިބްރާހީމަކީ އަޅުގަނޑާ ވިޔަފާރީގެ ގޮތުން ގުޅުން ހުރި ބޭފުޅެއް. ނަމަވެސް ޕާޓީ އުފެއްދުމަށް މިހާތަނަށް ގާސިމްގެ އެހީއެއް ނެތް. އަދި ހޯދާކަށް ނެތިން. މި ޕާޓީ އުފެއްދުމުގެ ފައިސާގެ ކެޕޭސިޓީ އަޅުގަނޑުގެ ކިބައިގައި އަދި މި ޕާޓީގެ އެހެން މެމްބަރުންގެ ކިބައިގައި އެބަހުރި،" ނާޝިދު ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބާއި އާންމު އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށާއި އަދި އެ އިންތިހާބުތައް ކާމިޔާބުކުރާނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ. ނަމަވެސް ޕާޓީގެ ޒައީމަކަށް ނާޝިދު ވެވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މި ޕާޓީން ނެރޭނީ މާ ބޮޑު ކެމްޕޭނެއް ކުރަން ނުޖެހޭ ފަދަ ކެންޑިޑޭޓެއް،" ނާޝިދު ވިދާޅުވި އެވެ.
ގާސިމް ޕާޓީއެއް ނުއުފެއްދި ނަމަވެސް ކޮންމެ ޕާޓީއަކަށް ވަންނަވައިގެން ވެސް އެ ޕާޓީއަކުން އިސް ޖާގައެއް ގާސިމަށް ހޯއްދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ނާޝިދު ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީގައި، ވިޔަފާރިވެރިއަކަށް ރައީސަކަށް ނުވަތަ ނާއިބު ރައީސްކަށް ނުވެވޭނެ ކަމަށް ބުނެފައިވާތީ އެކަމާ މެދު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޑރ. ހުސައިން ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުވަތަ ނާއިބު ރައީސް ކަމަށް ވިޔަފާރިވެރިއަކަށް ނުވެވޭ ގޮތަށް ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ.
މި މަހުގެ ކުރީކޮޅު "ޕީޕަލްސް އެލައިންސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް އިލެކްޝަންސް ކޮމިޝަނަރުގެ އޮފީހުން ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ