އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ މެމްބަރު ޔާމީން މަޖިލީހަށް ހުށަހަޅުއްވަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތް ހިންގި ގޮތް ބަލައި ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދުމަށް، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ނިންމަވައިފި އެވެ. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ވެރިކަން ކުރާ ޕީޕީއެމާ ގުޅިވަޑައިގެންނެވި ޔާމީން މިއަދު ނެރުއްވި ބަޔާނުގައި ވަނީ ކޮރަޕްޝަން މައްސަލާގައި ސަރުކާރަށް ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ރައްޔިތުންނަށް ސިހުން ލިބޭ ވަރުގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވެ އެ ކަންކަމުގެ ތުހުމަތު ސަރުކާރުގެ އެކި ފަރާތްތަކަށް ނިސްބަތްވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ދައުލަތުގެ މުހިއްމު މުއައްސަސާއެއް ކަރަޕްޝަނާއި ފަސާދައިގެ ހާއްޔަކަށްވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ. "އިގްތިސާދުގެ މައި އެއް ތަނބު ރަމްޒުކޮށްދޭ އެމްއެމްޕީއާރުސީ އަށް ވަދެފައިވާ ފައިސާގެ ތެރެއިން 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ވީ ނުވީއެއް ނޭނގި ގެއްލިފައިވުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ ހަރުދަނާ އުސޫލްތައް ތަންފީޒުކުރެވެމުން ނުދާކަން ދަލާލަތުކޮށްދިން ކަމެކެވެ،" ބަޔާނުގައި ޔާމީން ވިދާޅުވި އެވެ. ހިޔާނާތާ ގުޅިގެން އެމްއެމްޕީއާރުސީ ބަންދުކޮށްފައި ހުރި އިރު ފުލުހަކު ފޯރިމަރަނީ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީ އާއި އޮޑިޓް އޮފީހުން ވެސް އަންނަނީ ބަލަމަުން. --ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވިދާޅުވީ އެ ފައިސާ ހޯދަން މަޖިލީހުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. މަޖިލީހުގެ މަސައްކަތް ފެށުމާއެކު އެމްއެމްޕީއާރުސީގެ މައްސަލަ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމުގެ އިތުރުން ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ވެސް ހުށަހަޅުއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެހީތެރިކަން ހޯއްދެވުމަށް އޭނާ ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ. "ރައްޔިތުންގެ ފައިސާ އަށް އިހުމާލުވީ ހަގީގީ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ވެސް މި މަސައްކަތުން ހާސިލްކުރަން ބޭނުންވާ ނަތީޖާ އެކެވެ،" ޔާމީން ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުކުރާ އެއް ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ. އެ މަނިކުފާނަށް ތުހުމަތުކުރެވޭ މައްސަލަތައް ނިންމައި ދައުވާކުރަން ފޮނުވާފައިވީ ނަމަވެސް އޭސީސީގެ ތަހުގީގު ނިންމުމުން އެ މަނިކުފާނުގެ މައްޗަށް ދައުވާކުރަން ޕީޖީ ނިންމެވި ނިންމެވުމަށް ޔާމީން ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މި މައްސަލާގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެންދެވޭނީ ފުރިހަމަ ތަހުގީގަކަށް ފަހު އެވެ،" ޔާމީން ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީ އާއި އޮޑިޓް އޮފީހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ