ސުޕްރީމް ކޯޓު އިތުރު މައްސަލަތަކެއްގެ ތެރެއަށް!
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމުން ވަކިކޮށްފައިވާ މުހަންމަދު ފަހުމީ ހަސަންގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް އައްޔަންކުރި ފާތުމަތު ރީނީ އަބްދުއްސައްތާރު ހުވާ ކުރުން ސުޕްރީމް ކޯޓުން ހުއްޓުވީ އާންމުންގެ ތެރޭގައި ސުވާލު އުފެދޭ ގޮތަކަށެވެ. އެއީ، މިފަދަ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާ، ހާއްސަކޮށް ސުޕްރީމް ކޯޓުގެ އިތުބާރަށް ލިބުނު އިތުރު ނިކަމެތި ކަމެކެވެ. ބައެއް މީހުން ބުނަނީ، ލަދުން ބޯފަޅައިގެން ހިނގައްޖެ ކަމަށެވެ. ސީއެސްސީގެ މެމްބަރުކަމަށް އެހެން ބޭފުޅަކު އައްޔަން ނުކުރެވޭނެ ކަމަށް އަންގައި ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން އިއްޔެ ދައުލަތުގެ މައްޗަށް އަމުރެއް ނެރުނުއިރު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނަށް އެނގިވަޑައިނުގަތުމަކީ ވަރަށް ބޮޑު ގާނޫނީ މައްސަލައެއް ކަމަށް ދެކޭ ގާނޫނީ އެތައް ބަޔަކު އެބަތިއްބެވެ. އަމުރު ނެރުއްވި ހަތަރު ފަނޑިޔާރުންނަށް އެއީ މައްސަލަ އަކަށް ނުވި ނަމަވެސް، އެ އަމުރު ނެރުއްވީ އެމަނިކުފާނަށް އެނގިވަޑައިނުގެން ކަމަށާއި އެކަން ކުރީ ވެސް ސުޕްރީމް ކޯޓުގެ އުސޫލުތަކާ ހިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން ސުޕްރީމް ކޯޓުގެ ތެރޭގައި މައްސަލަތަކެއް އޮތީ އުފެދިފައި ކަން މާ ރަނގަޅަށް ވެސް އެނގެ އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން މިހާތަނަށް ވެސް ތަފާތު އެކި ކަންކަމުގައި ފަނޑިޔާރުން ތަފާތު ރައުޔު ނެރުއްވާފައި އެބަހުއްޓެވެ. އެކަމަކު ފަހުމީ މައްސަލާގައި އެންމެ ފަހުން މި ނެރުނު އަމުރާ ގުޅޭ ގޮތުން ނޫނިއްޔާ، އުއްތަމަ ފަނޑިޔާރު ނުކުމެވަޑައިގެން އެއާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެއް ނެތެވެ. މިއިން އެނގެނީ ފަހުމީ މައްސަލަ ވަކި ގޮތަކަށް ގެންދަން ސުޕްރީމް ކޯޓު ތެރެއިން ވެސް ބަޔަކު މަސައްކަތް ކުރާ ކަމެވެ. އެހެންނޫނީ އުއްތަމަ ފަނޑިޔާރު ނުވަތަ އެހެން ބައެއް ފަނޑިޔާރުންނަށް އެނގިވަޑައިގަތުމެއް ނެތި އަމުރު ނެރެންވީ ކީއްވެތޯ، މިއީ އާންމުން ކުރަމުން އަންނަ ސުވާލެކެވެ. ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ ގާނޫނީ ގޮތުން ބަލާއިރު އުއްތަމަ ފަނޑިޔާރެވެ. އެހެން ކަމަށްވާ ނަމަ ސުޕްރީމް ކޯޓުގެ އެއްވެސް ކަމެއް އުއްތަމަ ފަނޑިޔާރަށް ސިއްރުކުރަން ޖެހޭ ސަބަބެއް އޮންނާނެ ހެއްޔެވެ؟ އަމުރު ނެރުއްވި ފަނޑިޔާރުން ވިދާޅުވަނީ ސީއެސްސީ އަށް މެންބަރަކު އައްޔަންކުރަން އުޅޭތީ ޖަލްސާއެއް ބާއްވައިދިނުމަށް އުއްތަމަ ފަނޑިޔާރު އަރިހުގައި ދެންނެވުމުން އެ މަނިކުފާނު އެކަމަށް އިންކާރު ކުރެއްވީ ކަމަށެވެ. އެ ފަނޑިޔާރުންގެ ބަޔާނުގައި ބުނެފައި ވަނީ އަމުރު ނެރުނީ، ފަހުމީގެ މައްސަލައިގައި ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމް ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ޚިލާފަށް އެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި ހުވާލައިދިނުމަށްޓަކައި ރަސްމިއްޔާތެއް އޮންނާނެ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ. އަދި ނެރުނު އަމުރަކީ ކޯޓުން އެހެން އަމުރުތައް ވެސް ނެރޭ ގޮތަށް، އަޣުލަބިއްޔަތުން ނެރެފައިވާ އަމުރެއް ކަމަށް ވެސް އަމުރު ނެރުއްވި ފަނޑިޔާރުން ވިދާޅުވެ އެވެ. ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރުކަން ގާނޫނު އަސާސީން ވަރަށް ސާފު ކަމަށެވެ. އެހެންވެ އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިގަތުމެއް ނެތި ނެރޭ ބަޔާނަކީ ސުޕްރީމް ކޯޓުގެ ބަޔާނެއް ކަމާ މެދު ގާނޫނީ ގޮތުން ބަލައިގަންނަން ވަރަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ހާލަތުގައި ސީއެސްސީގެ މެމްބަރުކަމުގެ ހުވާ ރީނީ ކުރެއްވުމަށް ހުރަހެއް ނޯންނާނެ ކަމަށް ސުއޫދު ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު ދާއިމީ ވި ހިސާބުން ފެށިގެން އެ ކޯޓު އޮތީ ދެ ބަޔަކަށް ބެހިފަ އެވެ. "އެއްބައެއްގައި މި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފާއިޒަށް ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅުން. އެގޮތަށް ތިން ބޭފުޅަކު މި ފާހަގަކުރެވެނީ. ދެން އަނެއް ފަޅީގައި މި ތިއްބަވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވަފާތެރި ހަތަރު ބޭފުޅެއް. އެ ހަތަރު ބޭފުޅުން އެއްގަލަކަށް އަރައި ވަރަށް ގިނަ ނިންމުންތައް ވެސް ނިންމާފައި އެބަހުރި. ދުސްތޫރީ ބޮޑެތި މައްސަލަތަކާއި ގައުމީ ބޮޑެތި މަސްލަހަތުތަކާ ގުޅުން ހުރި މައްސަލަތައް އޭގެ ތެރޭގައި ހިމެނޭ،" ސުއޫދު ވިދާޅުވި އެވެ. ސީއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި މެމްބަރު ހުވާކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުއްލި ގޮތަކަށް އަމުރު ނެރުމުގެ ފަހަތުގައި އޮތީ، ބައެއް މީހުން ދެކޭ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ޖޭއެސްސީގައި އޮތުމުން އޭނާއާ އެއްކޮޅަށް މައްސަލަ ނިންމުމަށް މަގު ފަހި ކުރުމެވެ. އަލީ ހަމީދުގެ މައްސަލާގައި ޖޭއެސްސީގައި ވޯޓު ނަގައިފި ނަމަ އެ ވޯޓު އޭނާގެ ކޮޅަށް އަނބުރާލުމަށް ފަހުމީގެ ވޯޓު ވަރަށް މުހިންމު ދައުރެއް ކުޅޭނެ ކަމަށް ބައެއް މީހުން ދެކެ އެވެ. ސުއޫދު ވެސް ދެކެވަޑައިގަންނަވަނީ އެ ގޮތަށެވެ. ސުޕްރީމް ކޯޓުން އަމުރު ނެރުނީ "އަލީ ހަމީދުގެ ދިފާއުގައި" ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިޔަސް އަބްދުﷲ ސައީދާއި ޖޭއެސްސީގެ ރައީސް އާދަމް މުހަންމަދާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި އަލީ ހަމީދު ގުޅިވަޑައިގެންފިނަމަ، މަޖިލީހުގެ ނިންމުން ބާތިލު ކުރުމުގެ ފުރުސަތު އޮންނާނެތީ އެވެ. "އަޅުގަނޑަށް ހީވަނީ އެ ބޭފުޅުންގެ ދުރު ވިސްނުމަކީ އަލީ ހަމީދު ހިމާޔަތްކުރުން ކަމަށް،" އޭނާ ވިދާޅުވި އެވެ. ސީއެސްސީ އަށް އައްޔަންކުރި މެމްބަރަށް ހުވާ ނުކުރެވޭނެ ކަމަށް އަމުރު ނެރުނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އެނގިވަޑައިގަތުމަކާ ނުލަ އެވެ. ސުޕްރީމް ކޯޓުގައި ދެން ތިއްބަވަނީ އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހަންމަަދާއި ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ރޭ ރާއްޖެ ޓީވީގައި ފަނޑިޔާރު އަބްދުﷲ ސައީދު ދެއްކެވި ވާހަކަ އިން ދޭހަވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަމަށްވާއިރު އެ އަމުރުގައި މައްސަލައެއް ނެތް ކަމެވެ. އެކަމަކު އެ އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ އުސޫލުތަކާ ހިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވާ ނަމަ އަދި މައްސަލަ ސާފެއް ނޫނެވެ. ކޮންމެވެސް ގޯހެއް އެބައުޅެ އެވެ. "އަމިއްލަ ފަޔަށް ބަޑިޖަހަން އެ އުޅެނީ،" ސުއޫދު ވިދާޅުވި އެވެ. މިހާރު ސުވާލަކީ ސުޕްރީމް ކޯޓުގެ އުސޫލާ ހިލާފަށް އަމުރެއް ނެރެފި ނަމަ ދެން އަމުރަށް ވާނެ ގޮތަކާ މެދުގަ އެވެ. ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ އުސޫލާ ހިލާފު އަމުރެއް ނަމަ އެ އަމުރަކީ ބާތިލު އެއްޗަކަށް ވާނެ އެވެ. އޭގެ މިސާލެއް ވެސް އޭނާ ދެއްކެވި އެވެ. "ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަރީފުގެ މައްޗަށް ތުހުމަތުކުރަނީ ވެސް އެހެން ފަނޑިޔާރުންނަށް ނާންގަވައި ކޯޓު އަމުރު ނެރުއްވާ މައްސަލަ. އެއީ ޝަކުވާއެއްގެ ގޮތުގައި ޖޭއެސްސީ އަށް ހުށަހަޅައިގެން ބަލަމުންދާ މައްސަލައެއްގައި ޝަރީފު ވެސް އެ ހުންނެވީ ސަސްޕެންޑް ކުރެވިފައި. އެ އުސޫލަށް ބަލާއިރު މި މައްސަލަ ވެސް ވަރަށް ބޮޑު. ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ކުރެއްވި ކަމަކީ ވެސް ހަމަ ސީރިއަސް މައްސަލައެއް. އޭގެ ތެރޭގައި އަނެއްކާ ޖޭއެސްސީގެ ރައީސް ވެސް ބައިވެރިވެއްޖެ. ދެން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރެއްވި ކަމެއް ދެން ކިހިނެއްތޯ ޖޭއެސްސީން ބަލާނީ؟،" ސުއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިގަތުމެއް ނެތި އަދި ސުޕްރީމް ކޯޓުގެ އުސޫލުތަކާ ހިލާފަށް އަމުރެއް ނެރުމަކީ ސުލޫކީ މައްސަލައެއް ކަމަށެވެ. އެހެންވެ އެކަން ކުރެއްވި ފަނޑިޔާރުންނާ މެދު ޖޭއެސްސީން ފިޔަވަޅު އަޅަންޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. ދުސްތޫރީ މައްސަލައެއް ނަމަ އެކަމެއް ނިންމަން ވާނީ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުން ކަމަށް ގާނޫނުގައިވެ އެވެ. އެހެން ކަމަށްވާ ނަމަ ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކާ ދޭތެރޭގައި ސުވާލު އުފެދޭ ކަމަކަށް ވާއިރު އެއީ ދުސްތޫރީ މައްސަލަ އަކަށް ނުވާނެ ބާވަ އެވެ؟ ސުޕްރީމް ކޯޓާ މެދު އިތުބާރު ކުޑަވުމަކީ ބޮޑު މައްސަލަ އެކެވެ. އެއީ އެންމެ މަތީ ކޯޓެވެ. މިހާރު ވެސް ޝަރުއީ ދާއިރާ އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދާ މި ދަނޑިވަޅުގައި އެންމެ މަތީ ކޯޓުގެ ހާލަތު މި ހިސާބަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިހާރު ވެސް ސުޕްރީމް ކޯޓުގައި ބޮޑެތި އަދި އަވަހަށް ނިންމަންޖެހޭ ކަމަށް އެތައް ބަޔަކު އިއްތިފާގުވާ ގިނަ މައްސަލަތަކެއް ނުނިންމައިގެން ޝަކުވާކުރުން މަދެއް ނޫނެވެ. އަންނަ މަހު 7 ގައި ރިޔާސީ އިންތިހާބު ބާއްވާއިރު ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭ ގޮތުން މީގެ ދެ ތިން މަސް ކުރިން ހުށަހެޅި މައްސަލަ އަދިވެސް އޮތީ އޮތް ގޮތަށެވެ. އެތައް ބައެއްގެ ހައްގު ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ