އެމްޖޭއޭއިން ވެސް އިމްތިޔާޒުގެ ބިލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ޗެލެންޖު ކުރަން ނިންމައިފި

މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށް، ޤާނޫނަކަށް ހަދަން ލާޒިމު ކުރިވި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލްގައި ޤާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެ އެ ބިލުގައި ހިމެނޭ ނޫސްވެރިކަމާއި ގުޅުން ހުރި މާއްދާތައް، ސުޕްރީމް ކޯޓުގައި ޗެލެންޖު ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.
އެމްޖޭއޭއިން ބުނީ ބިލުގެ މައްސަލައާ ގުޅިގެން އެމްޖޭއޭގެ ފަރާތުން ވަކާލާތު ކުރައްވާނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުޢޫދާއި ގާނޫނީ ވަކީލު ޢަލީ ޙުސައިން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޖޭއޭއިން ވަނީ މިއަދު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނަނީ އިމްތިޔާޒުގެ ބިލްގެ 17 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް، ހެކިބަސް ހޯދުމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނުމަކީ ނޫސްވެރި ކަމަށް، ޤާނޫނު އަސާސީ އިން ދީފައިވާ ސޭފްގާޑްތައް ނައްތާލުން ކަމަށާއި އެ މާއްދާގައި ނޫސްވެރިންނަށް އެއްވެސް އިސްތިސްނާއެއްދީފައި ނުވާ ކަމަށެވެ.
ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމަށް ޚާއްސަ ޙައްގުތަކެއް ދީފައިވާއިރު، އެ މާއްދާގެ ފަހު ޖުމްލައިގައި މީޑިއާއަކުން ޝާއިއުކުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަކަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރުވޭނެ ކަމަށް އޮންނަ ނަމަވެސް އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް އެފަދަ އެއްވެސް އިސްތިސްނާއެއް ނެތި، މަޖިލީހާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް، މަސްދަރު ހާމަކުރަން އެންގުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުން، އެއީ އެ ބިލްގެ އެ މާއްދާގެ ސަހައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށާއި އެމްޖޭއޭ އިން ގަބޫލު ކުރަނީ އެއީ ގާނޫނު އަސާސީ އިން ނޫސްވެރިންނަށްދީފައިވާ، އެންމެ މުގައްދަސު އެއް އަސާސުތައް ނެތިކޮށްލުން ކަމަށެވެ.
ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ ގޮތުން، ގާނޫނު އަސާސީ އިން ދީފައިވާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ގާނޫނަކުން ވިއަސް ހިފެހެއްޓޭނީ، މިނިވަން ދިމިގްރާތީ މުޖުތަމައުއެއްގައި އެފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރާ މިންވަރަށެވެ.
އެމްޖޭއޭ އިން ބުނީ އިމްތިޔާޒުގެ ބިލްގައި މަސްދަރުގެ މައްސަލަ ނޫނަސް މި ޖަމިއްޔާ އިން ކަންބޮޑުވާ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި ބިލްގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތާއި ޤަދަރަށް އަދި އެ މަޖިލީހުގެ މަސައްކަތަށް "ހުރަހެއް އެޅިދާ ފަދަ ކޮންމެ ޢަމަލަކީ" މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބިދާނެ ކަންކަން ކަމަށް ބުނެފައިވާ އިރު، އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅިފައިވާ އަކުރުތަކުގައި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ދިނުމަކީ ކޮބައިކަން އެހާ ސާފުކޮށް ބަޔާންކޮށްފައި ނެތްކަން ފާހަގަ ކުރަމެވެ. އަދި އެކަން ސާފު އިބާރާތުން ނެތުމަކީ ނޫސްވެރިން ވެސް އެ މާއްދާގައި އެ ބުނާ ޖިނާއީ ކުށުން ކުށްވެރި ވުންތޯ، ސުވާލު އުފެދޭ ކަމަށެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލު ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރަސްމީކޮށް އެއްވެސް ލަފައެއް އަރުވާފައި ނުވާނެ ކަމަށާއި ނަމަވެސް ފޯނު މެދުވެރިކޮށް ވީހާވެސް އަވަހަކަށް އެ ދެ ބިލް ތަސްދީގު ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ދެ ބިލުގެ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް އެކަމަނާ މިއަދު ހާޒިރު ކުރުމުން ވިދާޅުވީ ތަސްދީގު ކުރުމުގެ ކުރިން ކޯޓައަށް ބިލާ ބެހޭ މައްސަލަ ވެއްދި ނަމަވެސް މައްސަލަ ކޯޓުން ބަލައި ނުގަންނަ ނަމަ އެއީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ ދެ ބިލުގެ ތެރެއިން ޕާޓީތަކުގެ ބިލުގެ މައްސަލަ ކޯޓަށް ހުށަހެޅީ ކުދި ޕާޓީ ތަކުގެ މެންބަރުންގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެތީ ކަމަށާއި އޭގެ ސަބަބުން ކުދި ޕާޓީ ތަކަށް ބޭއިންސާފު ކުރެވޭތީ ކަމަށެވެ.
"އަޅުގަނޑު ކަން ބޮޑުވަނީ އިލެކްޝަން ކޮމިޝަނުގެ ބަހާމެދު، އެއީ އެބޭފުޅުންނާއި ވާހަކަ ދެކެވުމުން އެބޭފުޅުން ވިދާޅުވީ ސިޔާސީ ޕާޓީ ތަކާބެހޭ ބިލް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރުމުން، ވަގުތުން ވަގުތަށް 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވިގެން ދާނެކަމަށް،" އާޒިމާ ކޮމެޓީގައި ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލްގައި 10،000 މެންބަރުން ހަމަ ނުވާ ޕާޓީ ތަކަށް ތިން މަސްތެރޭ 10،000 މެންބަރުން ހަމަ ކުރުމަށް ފުރުސަތު ދެވޭނެކަމަށް ބިލްގައި އޮއްވާ ބިލް ތަސްތީގް ކުރުމުން ވަގުތުން ވަގުތަށް ކުދި ޕާޓީތަށް އުވޭނެކަމަށް އިލެކްޝަނުން ބުނުމުން ކަމަށެވެ.
ދައުލަތުގެ މަސްލަހަތު އޮތް ކޮންމެ ކަމެއްގައި ބަންޑާރަނާއިބަށް ކޯޓަށް ވަޑައިގެންނެވޭނެ ކަމަށާއި މި ދެ ބިލް ތަސްދީގު ކުރުމުގެ މައްސަލާގައި ބަންޑާރަނާއިބްގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެއްވޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މަސައްކަތްކުރަމުން މިގެންދަނީ ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރަން، އިމްތިޔާޒުގެ ބިލްގެ މައްސަލަ ކޯޓަށް ގެންދިޔައީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުމަކަށް ނޫން،" ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ އަށް ޖަވާބުދާރީވުމަށް އާޒިމާއާއެކު ވަޑައިގެންނެވީ ބަންޑާރަނާއިބްގެ ނާއިބް އައިޝަތު ބިޝާމެވެ. މި ކޮމިޓީ އަށް ހާޒިރުވެ ތިއްބެވީ އެމްޑީޕީ އަށް ނިސްބަތްވާ ހިންވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހާއި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލްގަފޫރު މޫސާ އާއި މައްޗަންގޮޅީ ދެކުނުދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ޕީޕީއެމްގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފެވެ. މި ކޮމިޓީގެ މެޖޯރިޓީ އޮންނަނީ ވެސް އެމްޑީޕީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ