ނަޝީދަށް 2018 ގެ އިންތިހާބު ގެއްލުމުގެ ފަހު ވަގުތު ގުނެނީ؟

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު، މިހާރުގެ ގާނޫނުތައް އޮތް ގޮތުން، ގެއްލުމުގެ ބިރު ކުރިމަތިވެއްޖެ އެވެ. ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު މިނިވަންކުރަން އެމްޑީޕީން ކުރާ ހުރިހާ މަސައްކަތެއް ގޮސް ގުޅެނީ ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ފުރުސަތު އެމަނިކުފާނަށް ގެއްލިދާނެތީ އެކަމުން ސަލާމަތްކުރުމާ އެވެ. އެކަމަކު ސަޕޯޓަރުންނަށް އޮތް ހިތާމަވެރި ޚަބަރަކީ 2018ގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ވަރަށް ބޮޑަށް މިހާރު ހަނިވެފައިވުމެވެ. ޖިނާއީ ކުށެއްގައި ނަޝީދުގެ މައްޗަށް އައީ އެއް އަހަރަށް ވުރެ ދިގު ހުކުމަކަށް ވުމުން، ގާނޫނުއަސާސީ އޮތް ގޮތުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފް ލިބިވަޑައިގެންނެވިތާ ތިން އަހަރު ވެއްޖެ ނަމަ އެވެ. ސަރުކާރާއި އިދިކޮޅު އެމްޑީޕީއާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމެއް: އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނަޝީދަށް އޮތް ފުރުސަތު ހަނިނުވޭތޯ އެމްޑީޕީން އަންނަނީ މަސައްކަތްކުރަމުން ރިޔާސީ އިންތިޚާބުގެ ގާނޫނުގައި ބުނަނީ ރައީސްކަމުގެ ދައުރު ހަމަވާން 120 ދުވަހަށް ވުމުން، އާ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ހުޅުވާލަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅަން "މަދުވެގެން" 10 ދުވަހުގެ މުއްދަތެއް ދޭން ޖެހޭއިރު އެ މުއްދަތު ހަމަވާތާ 14 ދުވަހުގެ ތެރޭގައި ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ މައުލޫމާތު އާންމުކުރަން ގާނޫނު ލާޒިމްކުރެ އެވެ. އެ ނަޒަރުން ބަލާ ކަމަށް ވާ ނަމަ މި އޮގަސްޓް މަހުގެ ތެރޭގައި ނަޝީދަށް މައާފް ލިބިވަޑައިގަންނަވަން ޖެހެ އެވެ. އެހެން ނުވެއްޖެ ނަމަ ދެން އެމަނިކުފާނަށް އޮތީ "އުނދަގޫ" ދެ މަރުހަލާއެކެވެ؛ އެއް ގޮތަކީ އިންތިހާބުގެ ކުރިން މަތީ ކޯޓަކުން އެމަނިކުފާނުގެ ކުށެއް ނެތް ކަމަށް ކަނޑައެޅުމެވެ. އަނެއް ގޮތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ކޮންމެވެސް ބަދަލުތަކެއް ގެނައުމެވެ. ސަރުކާރާއި އެމްޑީޕީއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކުގައި ނަޝީދުގެ ސިޔާސީ ކުރިމަގު ބަންދުނުވާނެ ގޮތްތަކާ މެދު ވާހަކަ ދެކެވުނު ކަމެއް ތިލަވެފައެއް ނުވެ އެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކުގައި ވެސް އެކަމަށް އިޝާރާތެއް ނުކުރައްވަ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ސަރުކާރުން ބޭނުން ކޮންމެ ކަމަކަށް އެމްޑީޕީން ދޫދެމުން ދަނީ ދެ ކަމަކަށް އުއްމީދުކޮށްގެން ކަމެވެ؛ އެއް ކަމަކީ ރައީސް އަބްދުﷲ ޔާމީންގެ މައާފު ނަޝީދަށް ލިބިވަޑައިގަތުމެވެ. އަނެއް ގޮތަކީ މަތީ ކޯޓުތަކުން އެމަނިކުފާނުގެ ކުށެއް ނެތްކަން ކަނޑައެޅުމެވެ. "ހަވީރާ" ވާހަކަދެއްކި ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ނަޝީދަށް މައާފު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ކުރިން އޮތީ ދީފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ސަރުކާރުގެ އެއްވެސް ވެރިޔަކު އަދި ވަކި އެއްޗެކޭ ވިދާޅެއްނުވެ އެވެ. ނަޝީދަށް ފުރުސަތު ލިބިވަޑައިގަންނަވާނީ...އެންމެ ލަސްވެގެން މި މަހު ނަޝީދަށް މައާފް ދެއްވުންއިސްތިއުނާފް މަރުހަލާއިން ނަޝީދުގެ ހުކުމް ބާތިލްކުރުންއެ ދެ ގޮތް ނުވެއްޖެ ނަމަ ގާނޫނުތަކަށް ބަދަލު ގެނައުންނަޝީދުގެ މައްސަލަ ދައުލަތުގެ ފަރާތުން މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މަރުހަލާ ނިމުމުން ލުޔެއް ދެއްވެން އޮތް ނަމަ އެކަން ކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ޔާމީން ވަނީ ކުރައްވައިފަ އެވެ. ދަށު ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ނަޝީދުގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާފަ އެވެ. އެކަމަކު އެ މައްސަލައިގެ ލިޔެކިއުންތައް އަދި ކްރިމިނަލް ކޯޓުން ހައި ކޯޓަކަށް ނުފޮނުވަ އެވެ. ނަޝީދުގެ އިސްތިއުނާފު މަރުހަލާ ނުނިމި ހޭދަވާ ކޮންމެ ދުވަހަކު 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނަށް އޮތް ފުރުސަތު ހަނިވެ އެވެ. އެކަމަކު ސީދާ އެކަމާ ބެހޭ ގޮތުން އެމްޑީޕީން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. މިހާރު މަސައްކަތްކުރަމުން ދަނީ، މަޑުން ތިބެ، ސަރުކާރާ ގުޅިގެން ހައްލެއް ހޯދަން ކަމަށް ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ