އިނގިލީގެ ނިޝާން މައްސަލާގައި ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރާނަން: އިލެކްޝަންސް
ޕާޓީގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމްގައި އެ މީހެއްގެ އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރުމާ ގުޅޭ ގޮތުން ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. އިނގިލީގެ ނިޝާން ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރަން ނިންމާފައިވާ މައްސަލަ އެމްޑީޕީން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދާލަތު ޕާޓީން ވެސް އެ މައްސަލައިގެ ތެރެ އަށް ތަދުއްހުލް ވާން ނިންމާފައިވާ އިރު، ދެ ޕާޓީން ބުނަނީ އިލެކްޝަންސް އިން އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ޕާޓީތަކުން މެމްބަރުން ވަކިކުރަން އިލެކްޝަނުން ނިންމާފައިވާ އިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައިވާ މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅަން ނޭންގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ލަފާ ވެސް ދެއްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ބަންޑާރަ ނައިބުގެ ލަފަ އަށް ކޮމިޝަނުން އަމަލުނުކުރެއްވީ ކީއްވެގެންތޯ ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލަށް ވެސް ކޮމިޝަންގެ މެމްބަރުން ޖަވާބެއް ނުދެއްވި އެވެ. ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް އޭޖީ ލަފާ ދެއްވީ ކޯޓަށް މައްސަަލަ ހުށަހެޅުމުގެ ކުރިން ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު ކޮމިޝަނުން ވަކި ގޮތެއް ނިންމައި ޕާޓީތަކުގެ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް އިތުރަށް ކޮމިޝަނުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. "މިހާރު އަޅުގަނޑުމެން މިތިބީ އޭރު އަޅުގަނޑުމެން ނިންމި ގޮތުގެ މަތީގައި، އެއަށް އިތުރު ގޮތެއް ނިންމާނީ ކޯޓުން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ، ކޯޓުން އަމުރުކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ދާނެ،" އަކްރަމް ވިދާޅުވި އެވެ. ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވީ އިނގިލީގެ ނިޝާން ނުޖަހައި ތިބި މެމްބަރުން އިނގިލީގެ ނިޝާން ހަމަކޮށް ޑިސެމްބަރު، 13، 2015ގެ ނިޔަަލަށް ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތުގައިި ހުށަހެޅި ފޯމުތައް މިހާރު އަންނަނީ ޗެކްކުރަމުން ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ސޮއިކޮށްފައި ތިބި މެމްބަރުންނާ މެދު އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންވެ ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ވެސް ކޮމިޝަންގެ އެ ނިންމުން ގާނޫނާ ޚިލާފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ