ސުޕްރީމް ކޯޓުން ސުއޫދު ސަސްޕެންޑް ކުރުމުން އެމްޑީޕީއަށް!
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް އެދި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަކާލާތުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ކޯޓުން ސަސްޕެންޑްކޮށްފައިވާތީ ސުއޫދު އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ. އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަން އޭނާ އިއުލާންކުރެއްވީ ޓްވިޓާގަ އެވެ. ސުއޫދު ވިދާޅުވިގޮތުގައި މިއީ ހަޔާތުގައި ވެސް ސިޔާސީ ޕާޓީ އަކަށް ސޮއިކުރެއްވި ފުރަތަމަ ފަހަރެވެ. I have been banned from supreme court. Thanks for all justices.I have decided to join MDP. #KKBK — Husnu Al Suood (@hsuood) September 24, 2013 ސުއޫދުގެ ޓްވީޓް ސުއޫދު ސަސްޕެންޑްކުރި ސަބަބެއް ވިދާޅުވެފައި ނެތް ނަމަވެސް ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް މީޑިއާ އާއި ސޯޝަލް ނެޓްވޯކްތަކުގައި ވާހަކަ ދައްކާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި ވަކާލާތު ނުކުރެވޭ ގޮތަށް އެމްޑީޕީގެ ދެ ވަކީލުން ކަމަށްވާ ހިސާން ހުސެއިން އާއި ހަސަން ލަތީފު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސުއޫދު ވެސް ވަނީ އިންތިހާބު ފަސްކުރަން އަމުރު ނެރުނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައިފަ އެވެ. ސުޕްރީމް ކޯޓުން ހަސަން އާއި ހިސާން އަށް މިއަދު ފޮނުވާފައި ލިޔުމުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލުކުރުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ކަމަށެވެ. އެ ގޮތަށް އަންގާފައި ވަނީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް ދެ ވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށް ތަބާނުވާ ފަދަ ގޮތަކަށް މި ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާ މައްސަލައެއް ބަލަމުންދާތީ ކަމަށް ބުނެ އެވެ. "ސުޕްރީމް ކޯޓުން މިއަދު 1:40ގައި ގުޅާފައި ވިދާޅުވީ ރަޖިސްޓްރާގެ އެންގުމެއް އަންގަން މިހާރު ކޯޓަށް އައުމަށް. އަޅުގަނޑު ދެންނެވިން މި ވަގުތު ދެވޭކަށް ނެތޭ، 2:00ގައި އޮންނަ އަޑުއެހުމަށް އަޅުގަނޑު ދާނަމޭ. ދެން އަޅުގަނޑު ކޯޓަށް ދިޔަ މަގުމަތީގައި ޕާޓީ އޮފީހުން ގުޅާފައި ބުނެފި ލިޔުމެއް އެބަ އޮތޭ. އޭގައި އޮތީ މި މައްސަލާގައި އަޅުގަނޑަށް ވަކާލަތު ނުކުރެވޭނެ ކަމަށް،" ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކޯޓުން އަންގާފައިވާ އިރު އޭނާއަކީ އެ މައްސަލާގައި ވަކީލެއް ނޫން ކަމަށާއި ކޯޓަށް ވަޑައިގަންނަވަނީ އެމްޑީޕީ ތަމްސީލުކުރެއްވުމަށް ކަމަށެވެ. ހިސާން ވިދާޅުވީ ކޯޓުގައި ހިނގަމުންދާ މައްސަލައާ ބެހޭ ގޮތުން އަދި އިންތިހާބުގެ ދެ ވަނަ ބުރު ފަސްކުރުމަށް ރޭ ނެރުނު ވަގުތީ އަމުރަށް ތަބާނުވުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. "މިހާތަނަށް މައްސަލައާ ބެހޭ ގޮތުން ވާހަ ދެއްކީ ވެސް ގައުމީ މަޖިލީހުގައި. އެއީ މީޑިއާ އަށް ދެއްކި ވާހަކައެއް ނޫން. އެއީ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެއްކި ވާހަކަތަކެއް. އަމުރަށް ތަބާނުވުމުގެ ގޮތުންނެއް ނޫން އަޅުގަނޑުގެ އޮޕީނިއަންއެއް އަޅުގަނޑު ހާމަކުރީ،" ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގަލަމާއި ދުލުގެ މިނިވަންކަމަކީ ސްޓޭޓް އޮފް އެމަޖެންސީގައި ވެސް ހިފެހެއްޓޭ ހައްގަކަށް ނުވާ އިރު ބަލަމުންދާ މައްސަލައަކަށް ރިއާޔަތްކޮށް ފިޔަވަޅު އެޅުމުން ހިތާމަކުރައްވާ ކަމަށެވެ. އެމްޑީޕީން ތަދައްހުލްވެފައިވާ މި މައްސަލާގައި އެމްޑީޕީގެ ފަރާތުން ހިސާންގެ އިތުރުން ވަކީލުންގެ ގޮތުގައި ވަޑައިގަންނަވަނީ އަހުމަދު އަބްދުﷲ އަފީފު އަދި އަބްދުﷲ ޝާއިރު އެވެ. ނަމަވެސް މިއަދު 2:00 އޮތް އަޑުއެހުމުގައި އެމްޑީޕީ ތަމްސީލުކުރާނެ މީހަކު ނެތް ކަމަށާއި އެހެންވެ ޝަރީއަތުން ނިކުނަންނަން ބޭނުންވާ ކަމަށް އެމްޑީޕީން ބުނުމުން ފަނޑިޔާރުން ވަނީ އެކަން ހަމަޖައްސަން ދެ ގަޑިއިރު ދީ ޝަރީއަތް މެދުކަނޑާލައިފަ އެވެ. ވަކީލުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ، ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން މީގެ ކުރިން ވެސް ބައެއް ވަކީލުން ސަސްޕެންޑްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ