ކޮމިޓީއަށް ސަރުކާރުން ހާޒިރު ނުވާން ނިންމި ނިންމުމަށް މެމްބަރު ނަޝީދު ތާއިދު

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ނުވާން ސަރުކާރުން ނިންމި ނިންމުމަށް ތާއިދު ކުރައްވާކަން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހާމަ ކުރައްވައިފިއެވެ.
ނަޝީދު އެކަން ހާމަ ކުރައްވާ އޭނާގެ ބްލޮގުގައި މިއަދު ލިޔުއްވާފައިވަނީ ކޮމެޓީން ކުރަމުންދާ މަސައްކަތަކީ ކަނޑައެޅިގެން ގަވައިދާ ހިލާފު ކަމަކަށްވާ އިރުއާއި އެކަން އިސްލާހުކޮށްދިނުމަށް ބަޑާރަނައިބު އެދިވަޑައިގެންނެވުމުން ވެސް މަޖިލީހުގެ ރައީސް އެކަމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާތީ އެމައުޟޫގައި ކޮމިޓީން ކުރާ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަކީ ސަރުކާރުން ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެހާލަތުގައި އެއީ ސަރުކާރުން މަޖިލީހުގެ ހުރުމަތް ކަނޑާލުން ކަމުގައި ނުވާނެ ކަމަށާއި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ދިނުމާއި ގާނޫނު އަސާސީއާއި ހިލާފުވީ ކަމަށް ވެސް ނުބެލެވޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު މިއަދު ވެސް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާދު ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނަގާފައިވާ ބަޔާންތައް އާއްމު ކުރުމުން ނަޝީދު ކަންބޮޑުވެވަޑައިގަންނަވަނީ އޭނާގެ މަސްލަހަތު ހިމެނޭތީ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދިއުމަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވެފައިވަނީ ކޮމިޓީގެ މަސައްކަތާ ހެދި އޭނާ ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ދިޔާނާއާއި ދެއްކެވި ވާހަކަތަކުގައި ކުށެއް ކުރިކަމަކަށް ނުވަތަ ނުކުރަންޖެހޭ ކަމެއް ކުރިކަމަށް ނުވަތަ ކުރަންޖެހޭ ކަމެއް ނުކުރާކަމަކަށް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވީ މީގެ ކުރިން ކޮމިޓީގެ މަސައްކަތްތަކާއި މެދު ފާޑު ވިދާޅުނުވީ ކޮމެޓިގެ މުގައްރިރު އަލީ ވަހީދަކީ ނަޝީދު މުގައްރިރުކަން ކުރައްވާ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓިގެ މެމްބަރަކަށްވާތީ އެބޭފުޅާއާއި އެކު އޮތް ގުޅުން ގެއްލުވާ ނުލުމަށް ކަމަށެވެ. އަދި އޭރު ވެސް އެހެން ބޭބޭފުޅުންނައި އެވާހަކަ ދައްކާ މަސައްކަތްތައް އިސްލާހ ކުރެވޭތޯ މަސައްކަތް ކުރެއްވި ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ