ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ސްކޫލް ފީ ސަރުކާރުން ދައްކައި ދޭން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އަމިއްލަ ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ފީ، ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ސަރުކާރުން ދައްކައި ދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ފެމިލީ މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ. "އެކަމާ ގުޅޭ އުސޫލުތައް ވަރަށް އަވަހަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ވޯކްއައުޓް ކުރުމަށް ފަހު އިއުލާންކުރާނަން،" ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ސިޔާސަތުގެ ޑްރާފްޓް އެކުލަވާލުމަށްޓަކައި ނަސަންދުރާ ޕެލަސް ހޮޓެލްގައި ބޭއްވި މަސައްކަތު ބައްދަލުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އާޒިމާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ސިއްހީ ހިދުމަތްތައް ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާ އިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މީހުންނަށް އާސަންދައިގެ ހާއްސަ ޕެކޭޖެއް ތައާރަފްކުރުމަށް އެންސްޕާއާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭ ގައުމީ ސިޔާސަތުގެ ޑްރާފްޓް މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ފައިނަލްކުރި ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެ ސިޔާސަތު ކެބިނެޓުން ފާސްކޮށް ހާމަކުރާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަކީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް އެކަމާ ގުޅޭ ހާއްސަ ދިރާސާއެއް ހެދިފައި ނެތް ކަމަށް އާޒިމާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތް ރަނގަޅު ނުކުރެވި އޮތީ ސިޔާސަތެއް ނެތިގެން ނޫން ކަމަށާއި އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުން ކަމަށެވެ. އާޒިމާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަރަށް މުހިންމު ހައްގުތަކުން މަހްރޫމުވެފައިވާ ކަމަށާއި އެފަދަ މީހުންނަށް ވީލް ޗެއާގައި އާޓިފިޝަލް ބީޗް ސަރަހަށްދަށާއި އޮލިމްޕަސް އަދި ދައުލަތުގެ ގިނަ މުއައްސަސާތަކަށް ނުވަދެވޭ ކަމަށެވެ. އޭގެ އިތުރުން އެފަދަ މީހުންނަށް ފެރީތައް ވެސް ބޭނުންނުކުރެވޭ މައްސަލައަކީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އާޒިމާ ވިދާޅުވި ގޮތުގައި ވީލް ޗެއާގައި ފެރީއަށް އެރޭނެ ގޮތް ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ވަނީ މަޝްވަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ