ޖޭއެސްސީގެ ނާއިބް ރައީސް ކަމުގެ މަގާމަށް ކޮމިޝަނުގެ މެމްބަރު ޢަބްދުﷲ ދީދީ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ ނާއިބް ރައީސްކަމުގެ މަގާމަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރުކަމަށް ހަމަޖައްސަވާފައި ހުންނަވާ، ޖޭއެސްސީގެ މެމްބަރު އަލްއުސްތާޛް ޢަބްދުﷲ ދީދީ ހަމަޖައްސަވައިފިއެވެ.
އިއްޔެ ބޭއްވުނު ކޮމިޝަންގެ މިއަހަރުގެ 43 ވަނަ ބައްދަލުވުމުގައި ކޮމިޝަނުގެ ހުސްވެފައިވާ ނާއިބް ރައީސް ކަމަށް ހުޅުވާލުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ޢަބްދުﷲ ދީދީގެ ނަން ހުށަހެޅުމުން އެނަމަށް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މުހައްމަދު ސަލީމު (ރޭނިސް ސަލީމް) ތާއިދު ކުރެއްވުމުން، މިބައްދަލުވުމަށް ވަޑައިގަތް ހަތް މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއްނަގައި، މި ހަތް މެމްބަރުންގެ އިއްތިފާގުން ކޮމިޝަނުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ޢަބްދުﷲ ދީދީ ވަނީ ހޮވިވަޑައިގެންފައެވެ.
ޖޭއެސްސީގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވީ ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛް ޢަބްދުﷲ މުޢިއްޒުއެވެ. މިއަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ސަރުކާރު ބަދަލުވުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ދައުލަތުގެ ބަންޑާރަ ނާއިބު ކަމުގެ މަގާމަށް އަލްއުސްތާޛާ އާއިސަތު އާޒިމާ ޝުކޫރު އައްޔަން ކުރައްވާފައެވެ. ދައުލަތުގެ ބަންޑާރަ ނާއިބަކީ ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ