ޝަރީއަތަށް ފިލައިގެން އުޅުމުގެ ފުރުސަތެއް ނުދޭނަން: ގާސިމް

ޝަރީއަތަށް ފިލައިގެން ގާނޫނީ ނިޒާމުން ބޭރުން ހަރަކާތްތެރިވުމުގެ ފުރުސަތު އެއްވެސް މީހަކަށް އޮވެގެން ނުވާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް އާދިއްތަ ދުވަހު މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނީ ވެރިކަމެއް ކުރަން ބޭނުންވާ އެއްވެސް މީހަކު ގާނޫނަށް ފިލައިގެން އުޅެ ނުވަތަ ގާނޫންތަކަށް ގޮންޖަހައި ނުހަދާނެ ކަމަށެވެ.
މިހާރު އަމަލުކުރަމުން ގެންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީސް ލީޑްކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވީ ކޯޓްތަކަށް މައްސަލައެއް ހުށައެޅިއްޖެނަމަ އެ މައްސަލައެއް ބަލާ ކޯޓުން ހުކުމް އިއްވުމުން އެކަމަށް ގޮންޖަހައިގެން ގާނޫންގެ ވެރިކަން ނުހުއްޓޭނެ ކަމަށެވެ. އަދި ވަކިކަމަކަށް ކުރިމަތިލުމަށް ކޮށްފައިވާ ކުށަކުން ބަރީއަވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާ، އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނީ ހަމަހަމަކަން އެންމެންގެ މައްޗަށް ނެތް މުޖްތަމައެއް ހަލާކުވެ ދާން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށާ، އެހެންވީމަ މި މުޖްތަމައު ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށާ، ގާނޫންތަކާއި ގަވާއިދުތަކަށް ގޮންޖަހާނެ ވެރިއަކު އިންތިހާބު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޖުމްހޫރީ ގުޅުމުން ވެރިކަމަށް ނިކުތީވެސް ރައްޔިތުން އެދޭ ފަދަ ގާނޫނީ ވެރިކަމެއް ކޮށްދިނުމަށް ކަމަށާ، އެދުވަހަކުން ގާނޫނީ ވެރިކަމާއި އެއާއި ހިލާފް ވެރިކަމުގެ ތަފާތު ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ފަރާތަކަށް ނުފޫޒެއް ނެތި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އޭރުން ގާނޫނުގެ ބާރުވެރިކަން ހާމަވެ، ހަމަހަމަ މުޖުތަމައެއް ބިނާކުރެވި، ތަރައްގީ ދިވެހިރާއްޖެއަށާއި ދިވެހިންނަށް ލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ