އަޅުގަނޑު ކުރިމަތިނުލި ނަމަ ނަޝީދު އެއްބުރުން ހޮވުނީސް: ގާސިމް
މިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވާދަނުކުރެއްވި ނަމަ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ގާސިމް ރޭ ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިންތިހާބުގައި އޭނާ ވާދަ ކުރެއްވީ މުސީބާތަކުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކަމަށެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވެ ވަޑައިގަތުމަށް ފަހު، ދެވަނަ ބުރުގައި އެހެން ބަޔަކާ ނުގުޅެން ނިންމެވި ނަމަވެސް، "ރާއްޖޭގެ އާބާދީގެ 60 ޕަސެންޓް މީހުން ނިކަމެތިވުމުން" ގައުމަށްޓަކައި ޕީޕީއެމާ ގުޅެން ނިންމެވީ ކަމަށް ގާސިމް ވިދާޅުވި އެވެ. ޕީޕީއެމާ ގުޅެން ނިންމެވި ދެވަނަ ސަބަބަކަށް ގާސިމް ފާހަގަ ކުރެއްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ނަޝީދަށް އޭނާ ދެއްވި އެއްބާރުލުމާ ގުޅިގެން ލިބިވަޑައިގެންނެވި ބަދުނާމުން ސަލާމަތްވެ ވަޑައިގަތުމެވެ. މީގެ ފަސް އަހަރު ކުރިން ރިޔާސީ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކުރެއްވި ގާސިމް ވިދާޅުވީ އޭރު އޭނާ ނަޝީދަށް އެއްބާރުލުން ދެއްވީ ދިވެހިންނަށް ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ގައުމުގެ އަގުބޮޑު ތަރިކަ އާއި މުދާ ނަޝީދު ވިއްކަވާލައްވައި، 500 މިލިޔަން ޑޮލަރުގެ ދަރަނި ދެ ބިލިޔަނަށް ބޮޑު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އެއާޕޯޓް ޖީއެމްއާރަށް ވިއްކާލައްވައި ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ އާއި ފެން ކުންފުނީގެ ހިއްސާ ވެސް ނަޝީދު ވިއްކަވާލައްވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. "ކަންވީ ގޮތް އެނގެނީ އެކަމެއް ވެ ނިމިދިޔައީމަ. އޭގެ ކުރިން އަޅުގަނޑުމެންނަށް ތަދުބީރު ކުރެވޭއިރު ތަގުދީރު އޮންނަނީ ހީލަހީލާ. އެހެންވެ މި ފަހަރު އަޅުގަނޑުމެން ކުރިއަށް ދާން ބޭނުންވީ މާޒީގެ ތަޖުރިބާއިން އިބްރަތް ހާސިލް ކޮށްގެން،" ދެވަނަ ބުރުގައި ޕީޕީއެމާ ކޯލިޝަން ހެއްދެވި ޖޭޕީގެ ލީޑަރު ވިދާޅުވި އެވެ. އިންތިހާބުގައި ނަޝީދަށް ބޮޑު ކާމިޔާބީއެއް ލިބުނީ ފައިސާއަށް ވޯޓު ގަނެގެން ކަމަށް ތުހުމަތު ކުރައްވައި ގާސިމް ވިދާޅުވީ އެ ކަމަށް އެމްޑީޕީން ހަރަދު ކުރިވަރު ވިދާޅުވާން ވެސް ނޭނގޭ ކަމަށެވެ. އެކަމަކު 1000 ރުފިޔާ އަތަށް އެރުމުން، ހާލަތުގެ ގޮތުން، މީހުންނަށް ވޯޓު ދެވުނު ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގަ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކަން ތަކުރާރު ނުކުރަން އޭނާ އެދިވަޑައިގެންނެވި އެވެ. ޕީޕީއެމާ ކޯލިޝަން ހެދި ނަމަވެސް ބަދަލުގައި ބޮޑު އެއްޗަކަށް ޑިމާންޑް ނުކުރައްވާ ކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އިންތިހާބުގައި އެމްޑީޕީން ހުށަހެޅީ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާއެކު ސަރުކާރުގެ 35 ޕަސެންޓް ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ސަރުކާރުގެ 35 ޕަސެންޓް ހުށަހެޅި އިރު، އިންތިހާބީ ގޮނޑިތަކުގެ ވެސް 35 ޕަސެންޓް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމްގެ ވާހަކައިގައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރު ރައީސް އަބްދުﷲ ޔާމީނާއި ނަޝީދު ވަރަށް ބޮޑަށް އަޅާ ކިޔުއްވާފަ އެވެ. ޔާމީން އަކީ މޮޅަށް ކިޔަވާވަޑައިގެން، ބޭބޭފުޅުގެ ވެރިކަމުގައި މުހިއްމު މަގާމުތަކެއްގައި މަސައްކަތްކުރައްވައި ތަޖުރިބާ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ނަޝީދަކީ މަގުމަތީގައި އެކްޓިވިސްޓެއްގެ ގޮތުގައި ބޮޑުފުޅުވި އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރުގެ ވެރިކަން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ފަހު ޖޭޕީން އޮތީ ވަރުބަލިވެގެން ނިދާފަ އެވެ. އެކަމަކު މިހާރު ނިދާފައި އޮވެގެން ފަރުޖެއްސެން ނެތް ކަމަށާއި ކުރީ ފަހަރުގެ ތަޖުރިބާއިން އިބްރަތް ހާސިލްކޮށްގެން ވަރުބަލި ވުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބުން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ރާއްޖެ އަށް ބޭނުން ވަނީ ހަމައެކަނި ދެ ޕާޓީ ނޫންކަން. އެހެންވެ ތިން ވަނަ ޕާޓީއެއްގެ ގޮތުގައި އޮވެގެން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ