ފަރުހަދުގެ ގާތިލް ނަބީލުގެ މަރު ހުކުމަށް ހައި ކޯޓުން ތާއީދުކުރީ ކީއްވެ؟
ރާއްޖޭގައި މަރުގެ ހުކުމް އައި މީހުންގެ އިސްތިއުނާފް ޝަރީއަތެއް މިދިއަ ހަފުތާގައި ވަނީ ނިމިފަ އެވެ. ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ވަނީ ތާއީދުކޮށް، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. އެކަމަކު މަރުގެ ހުކުމް އައިސްފައި ތިބި އެހެން މީހުންގެ މައްސަލަތަކާ އަޅާ ބަލާއިރު ނަބީލްގެ މައްސަލަ ވަރަށް ތަފާތެވެ. ނަބީލް މެރުމަށް ނޮވެމްބަރު، 2010 ގައި ދަށު ކޯޓުން ހުކުމްކުރީ މާޗް، 2009 ގައި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދަށް ހަމަލާދީ އޭނާ މަރާލި މައްސަލައިގަ އެވެ. އެ މައްސަލާގައި ނަބީލަށް އިއްވި މަރުގެ ހުކުމަކީ އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް އިއްވި މަރުގެ ހުކުމެވެ. ހަމައެހެންމެ ގާނޫނު އަސާސީ މާނަކޮށް، ދަށު ކޯޓަކުން ކުރި ފުރަތަމަ ހުކުމް ވެސް މެއެވެ. މިއީ މަރުގެ އެހެން މައްސަލަތަކާ އަޅާ ބަލާއިރު ނަބީލްގެ މައްސަލަ ތަފާތުވާ ސަބަބުތަކެވެ. ފަރުހަދަށް ހަމަލާދިން ކަމަށް ނަބީލް ތަހުގީގުގައި އެއްބަސްވިޔަސް އާންމު އުސޫލުން އެހެން ކުށްވެރިންނެކޭ ވެސް އެއްފަދައިން އޭނާ ވެސް ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރިއެވެ. އޭނާ ބުނެފައިވަނީ ތަހުގީގު ބަޔާނުގައި ސޮއިކުރީ އޭގައި އޮތް އެއްޗެއް ނޭނގި ކަމަށެވެ. އެކަމަކު އޭނާ ތަހުގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯއަށް ބެލުމުން އެއީ ދޮގެއްކަން ހާމަވި އެވެ. ގިނައިރުތަކެއް ވަންދެން އޭނާ އެ ބަޔާން ކިޔާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި ފަރުހަދާއި ދިމާލަށް އޭނާ ކަޓަރު އެއްލި ގޮތާއި ފަރުހަދުގެ ބުރަކަށްޓަށް އެ ވަޅި ހެރުނު ގޮތާއި އޭގެ ފަހުން ކަންތައްތައް ވެގެން ދިޔަ ގޮތް ވެސް ތަހުގީގަށް ނަބީލް ކިޔައިދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެކަމަށް ރިއާޔަތްކޮށް ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމުގައި ވެސް ވަނީ ފަރުހަދު މަރުވެފައިވާކަން އެނގި ހުރެ އަމިއްލަ ނަފްސު ކުށްވެރިކޮށް ހަގީގަތާ ޚިލާފް ވާހަކަތަކެއް ނަބީލް ތަހުގީގަށް ކިޔައިދީފާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެގޮތަށް އެ ވާހަކަތައް ކިޔައިދޭން ޖެހުނު ސަބަބެއް ވެސް ނަބީލަކަށް ނުދެއްކެ އެވެ. "މުހައްމަދު ނަބީލް ނަފްސު ކުށްވެރިކޮށް ތަހުގީގުގައި އެފަދަ ވާހަކަތަކެއް ދައްކަން ޖެހުނު އެކަށީގެންވާ މަގްބޫލު ސަބަބެއް މުހައްމަދު ނަބީލް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހާމަކޮށްދީފައިވާ އެނގެން ނެތެވެ،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ނަބީލްގެ އިއުތިރާފް ބަޔާނުގެ އިތުރުން ދެން އެންމެ ބޮޑު ބުރަދަނެއް އެ މައްސަލަ ނިންމުމުގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް ދީފައިވަނީ އެ ހާދިސާ ހިނގިއިރު ނަބީލާ އެކު ހުރި އޭނާގެ ކޮއްކޮ އައިމިނަތު ނިއުމާ ތަހުގީގަށް ދިން ބަޔާނަށެވެ. ފަރުހަދަށް ނަބީލް ހަމަލާދިން ކަމަށް ނިއުމާ ތަހުގީގުގައި ބުންޏަސް އޭނާ ވެސް ކޯޓުގައި ބުނީ އެ ބަޔާނުގައި ސޮއިކުރީ ރަނގަޅަށް ނުކިޔާ ކަމަށެވެ. އެކަމަކު ނިއުމާ ވެސް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯއިން އޭނާގެ އެ ވާހަކަތައް ދޮގުކުރި އެވެ. ފަރުހަދަށް ނަބީލް ހަމަލާދިން ގޮތާއި ކަން ހިނގި ގޮތް ނިއުމާ ތަހުގީގަށް ކިޔައިދޭ މަންޒަރު ވީޑިއޯއިން ސާފުކޮށް ފެންނައިރު ނިއުމާ އެ ބަޔާން ގިނައިރުތަކެއް ވަންދެން ކިޔާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެހެންވެ ހައި ކޯޓުން އަދި ދަށު ކޯޓުގެ ހުކުމުގައި ވެސް ބުނެފައިވަނީ ނިއުމާގެ ބޭބެއާ ބެހޭ ގޮތުން ހަގީގަތާ ޚިލާފަށް ނިއުމާ ބަޔާން ދީފާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަމަށާއި އެ ބަޔާނަށް ވެސް އެ މައްސަލަ ނިންމުމުގައި ރިއާޔަތް ކުރެވިދާނެ ކަމަށެވެ. މީގެ އިތުރުން ނިއުމާ އެ ބަޔާން ދިންއިރު އޭނާ އާއި ނަބީލްގެ ވެސް ބައްޕަ އެތަނުގައި ހާޒިރުވެ އިނދެ ނިއުމާގެ ބަޔާނުގައި ސޮއިކޮށްފައިވާތީ އެއީ ވެސް ނިއުމާގެ ތަހުގީގު ބަޔާނަށް ކޯޓުން ބުރަވި އެއް ސަބަބެވެ. ނިއުމާގެ ބައްޕަ ވެސް ބަޔާނުގައި ސޮއިކުރީ އެ ބަޔާން ރަނގަޅަށް ބެލުމަށް ފަހުކަން ވީޑިއޯއިން ފެނެއެވެ. "އިބްރާހިމް ރަޝީދު [ނަބީލާއި ނިއުމާގެ ބައްޕަ] އުފަން ދަރިފުޅު މުހައްމަދު ނަބީލް، އަބްދުﷲ ފަރުހަދުގެ ގަޔަށް ކަޓަރު ހެރި ކަމަށް އައިމިނަތު ނިއުމާ ނުބުނަނީސް އެ ވާހަކަ ލިޔެފައި އޮތް ބަޔާނުގައި އިބްރާހިމް ރަޝީދު ސޮއިކުރުމަކީ ވެސް ސަލާމަތް ބުއްދިއަށް ގަބޫލުކުރެވޭ" ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ފަރުހަދު: އޭނާ މަރުވީ ނަބީލް ކަޓަރަކުން ދިން ހަމަލާގެ ސަބަބުން ކުރުކޮށް ބުނާ ނަމަ ނަބީލްގެ މައްޗަށް ކުށް ސާބިތުވީ ފަރުހަދަށް ހަމަލާދިން ކަމަށް އޭނާ ތަހުގީގުގައި ވެފައިވާ އިއުތިރާފަށާއި އެ އިއުތިރާފަށް ބާރު ލިބޭ ގޮތަށް ހެކިން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށެވެ. ތަހުގީގުގައި ކުށަށް އިއުތިރާފްވިޔަސް ނަބީލް ވަނީ ކޯޓުގައި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ނަބީލްގެ ތަހުގީގު ބަޔާނަށް ބާރު ލިބޭ ގޮތަށް ހެކިން ކޯޓުގައި ވާހަކަ ދެއްކި އެވެ. ނަބީލް ތަހުގީގަށް ކިޔައިން ވާހަކަތަކާއި ހެކިން ބުނާ ވާހަކަތަކުގައި މާ ބޮޑެތި ފުށުއެރުންތަކެއް ނެތެވެ. އެކަމަކު ގާނޫނު އަސާސީ އޭރު އޮތީ ޝަރީއަތުން ބޭރުގައި ކުށަށް ވެވޭ އިއުތިރާފް ބަލައިގަންނަ ގޮތަކަށް ނޫނެވެ. ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބުނަނީ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފް ފިޔަވައި އެހެން އިއުތިރާފްތައް ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެކަމަކު އެ މައްސަލަ ނިންމުމުގައި އެ މާއްދާ މާނަކޮށް، ދަށު ކޯޓުން ނިންމީ ތަހުގީގުގައި ވެފައިވާ އިއުތިރާފަށް ބާރު ލިއްބައިދޭ އިތުރު ހެކިތަކެއް ހުރެއްޖެ ނަމަ ތަހުގީގު ބަޔާނަށް ވެސް ރިއާޔަތް ކުރެވިދާނެ ކަމަށެވެ. އެހެންވެ ފަރުހަދަށް ހަމަލާދިން ކަމަށް އެއްބަސްވެ، ނަބީލް ދިން ބަޔާން ބަލައިގަނެވިދާނެ ކަމަށް ގާޒީ އަލީ ރަޝީދު ބެއްލެވި އެ މައްސަލާގައި ދަށު ކޯޓުން ނިންމި އެވެ. ދަށު ކޯޓުން ގާނޫނުއަސާސީ މާނަކޮށްފައި އޮތްއޮތުމާ ގުޅޭ ގޮތުން ހައި ކޯޓުގެ ހުކުމުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު ހައި ކޯޓުން ވެސް މައްސަލަ ނިންމުމުގައި ރިއާޔަތްކުރީ ދަށު ކޯޓުން ވެސް ބެލި ގޮތަށް ނަބީލް ތަހުގީގުގައި ވެފައިވާ އިއުތިރާފަށާއި އެއަށް ބާރު ލިބޭ ގޮތަށް ހެކިން ބުނެފައިވާ ވާހަކަތަކަށެވެ. އެހެންވެ، ދަށު ކޯޓުން އެ މައްސަލާގައި ގާނޫނުއަސާސީ މާނަކުރި ގޮތް ރަނގަޅު ކަމަށް ހައި ކޯޓުން ވެސް ގަބޫލުކުރީ ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. މީގެ އިތުރަށް ނަބީލް ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމިއިރު ތިން ފަހަރެއްގެ މަތިން ބަންދު މުއްދަތު މަޖިލީހުގައި ވެސް ކުށަށް އިއުތިރާފްވެފަ އެވެ. ބަންދު މުއްދަތު މަޖިލީހުގައިވާ އިއުތިރާފްތައް ޝަރީއަތަށް ބަލައިގަނެވިދާނެ ކަން ނުވަތަ ނޫންކަން މިހާތަނަށް ރާއްޖޭގައި ކަނޑައަޅާފައިނުވާތީ ނަބީލްގެ މައްސަލަ ނިންމުމުގައި އެކަމާ މެދު ގޮތެއް ކަނޑައަޅައިދޭން ޕްރޮސެކިއުޓާ ޖެނެރަލް އެދިވަޑައިގެންފައި އޮތަސް ހައި ކޯޓުގެ ހުކުމުގައި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ފަސް އަހަރަށް ވުރެ ދިގު ދެމިގެންދިޔަ އިސްތިއުނާފީ އެ ޝަރީއަތަށް ފަހު ނަބީލްގެ މަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓިޔަސް ނަބީލަށް އަދިވެސް ހުރިހާ ދޮރެއް ބަންދެއް ނުވެއެވެ. ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު ނަބީލަށް އެބަ އޮތެވެ. މިއީ މަރުގެ ހުކުމާ ގުޅޭ މައްސަލައަކަށް ވާތީ މިހާރު ހަމަޖައްސާފައިވާ އާ އުސޫލުގެ ދަށުން ނަބީލްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނާޅައިފި ނަމަ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދަން ޖެހޭނެ އެވެ. އެހެންވެ ދެން އޮތީ ސުޕްރީމް ކޯޓުން ނިންމާނެ ގޮތަކަށް އިންތިޒާރު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ