ބޮޑު ބަދަލެއް، ކަރަންޓް ބިލް ކޮންމެ މަހަކު އެއްވަރުކޮށްލެވިދާނެ!

ކަސްޓަމަރުންނަށް މަހުން މަހަށް ފިކްސްޑް ބިލެއް ދެއްކޭނެ ގޮތަށް "އީކުއަލް ޕޭމެންޓް ސިސްޓަމް"ގެ ނަމުގައި ޕޭމެންޓް ޕްލޭނެއް ސްޓެލްކޯއިން މިއަދު ތައާރަފްކޮށްފި އެވެ.
ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، އަލަށް ތައާރަފް ކުރި ޕްލޭނާ އެކު ކަސްޓަމަރުންނަށް ކޮންމެ މަހެއްގައި ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ބަޖެޓްކޮށްލެވޭނެ ކަމަށެވެ. މިސާލަކަށް މިދިޔަ އަހަރު ކަރަންޓަށް ކުރި ޖުމްލަ ހޭދައިން ކޮންމެ މަހަކަށް ޖެހޭ އަދަދު، މި އަހަރުގެ ކޮންމެ މަހެއްގައި ދެއްކިދާނެ އެވެ.
މުގުނީ ވިދާޅުވީ، މިފަދަ ޕްލޭނެއް ތައާރަފް ކުރީ ވޭތުވެދިޔަ ދެ އަހަރުގެ ކަސްޓަމަރުންގެ ރިވިއުއަށް ބެލުމަށް ފަހު ކަމަށެވެ.
"ފީޑްބެކްގެ އަލީގައި މިފަދަ ޕްލޭނެއް ތައާރަފް ކުރަން ނިންމީ. މިކަހަލަ ޕްލޭނަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ ޕްލޭނެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕްލޭންގެ ފައިދާ އިހުސާސްވެ، މީގެ ބޭނުން ގިނަ ކަސްޓަމަރުން ބޭނުންކުރުން،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ އީކުއަލް ޕޭމެންޓް ސިސްޓަމްގައި ބައިވެރިވާ ކަސްޓަމަރުންނަށް ބިލް ބަޖެޓްކޮށް، ކޮންމެ މަހެއްގައި ވެސް ބިލަށް ބޭނުންވާ އަދަދު ކަނޑައެޅޭނެ އެވެ. އަދި ބިލަށް އެ މަހެއްގައި ދައްކަން ކަނޑައަޅާ އަދަދު ފިޔަވައި އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.
އީކުއަލް ޕޭމަންޓް ޕްލޭނަކީ ގޭގެއިން ކަރަންޓު ބޭނުން ކުރާ ނިސްބަތުގެ އެވްރެޖަށް ބަލައި ކޮންމެ މަހަކު ވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި ބައިވެރިވެވޭނީ ކޮންމެ ގެއެއްގެ ވެސް ވެރި ފަރާތަށެވެ. އަދި ގޭގައި ކުއްޔަށް އުޅޭ މީހުންނަށް ޕްލޭންގައި ބައިވެރިވުމަށް ގޭގެ ވެރި ފަރާތުގެ އިއުތިރާޒެއް ނެތް ކަން އެނގޭ ލިޔުމެއް ބޭނުންވާނެ އެވެ.
ސްޓެލްކޯއިން ބުނީ މި ޕްލޭންގައި ބައިވެރިވުމަށް ޓަކައި ހުރިހާ ކަރަންޓް ބިލްތަކަށް ފައިސާ ދައްކާފައި ހުންނަން ޖެހޭނެ އެވެ. މިގޮތަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅާނީ ފާއިތުވެދިޔަ 12 މަސް ދުވަހުގެ ކަރަންޓް ބޭނުންކޮށްފައިވާ މިންވަރު ބެލުމަށް ފަހު އެވްރެޖު ޔޫސޭޖެއް ކަނޑައަޅާނެ އެވެ. އަދި އަލަށް ގެއެއްގައި ކަރަންޓް ބޭނުން ކުރާ ގެއެއް ނަމަ އެތަނެއްގެ ކުޑަ ބޮޑުމިނާއި ބޭނުން ކުރަ ތަކެތީގެ ލޯޑަށް ބެލުމަށްފަހު އަދަދެއް ކަނޑައަޅާނެ އެވެ.
މި ޕްލޭނާ އެކު ކަރަންޓު ބިލަށް ގިނައިން އަރާ މަސް މަހު މަދު އަދަދަކުން ފައިސާ ދެއްކޭނެ ގޮތް ވާނެ އެވެ. އަދި މުޅި އަހަރަށް ކަރަންޓުގެ ދެއްކުމުގެ ބަޖެޓިން ޕްލޭނެއް އެކުލަވައިލެވޭނެ އެވެ. މި ޕްލޭންގެ ދަށުން ކޮންމެ ހަ މަހަކުން އެވްރެޖް ޔޫސޭޖްގެ އަދަދު ރިވިއުކުރާނެ އެވެ. މިގޮތަށް ރިވިއު ކުރާ އިރު ބިލަށް އިތުރަށް ފައިސާ ދެއްކިއްޖެ ނަމަ އެބައި ދެން އަންނަ ބިލުތަކުން ކެނޑިގެންދާނެ އެވެ. އަދި ބިލަށް މަދުން ދެއްކިއްޖެ ނަމަ ދައްކަން ޖެހޭ ބައި ބަހާލައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ