ވިޔަފާރިވެރިންނަށް ވެރިކަން ކުރެވޭނެ، ބައްލަވާ އެމެރިކާ - ގާސިމް

ވިޔަފާރިވެރިޔަކު ވެރިކަމަށް ހޮވަން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް މުއްސަނދިން ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއްވިޔަފާރިވެރިޔާ ކަމަށްވާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ބަޔަކު ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، ދިވެހިންގެ ނަޒަރުގައި ވިޔަފާރިވެރިން ތިބެން ޖެހެނީ ވިޔަފާރިވެރިންގެ ގޮތުގައި ކަމަށާއި، ވިޔަފާރިވެރިޔަކު ވެރިކަން ކުރެއްވުން ވެފައި އޮންނަނީ ދިވެހިންނަަށް ކަމުނުދާ ކަމަކަށް ކަމަށެވެ.
ނަމަވެސް ވެރިކަމަށް މީހަކު ކުރިމަތިލައްވާއިރު އޭނާގެ ވިޔަފާރިއަށް ވުރެ އެމީހަކު ރައްޔިތުންނަށްޓަކައި ކޮށްދީފައި ހުރި ކަންތައްތަކަަށް ބެލުން މުހިއްމު ކަމަށާއި، ތައުލީމީ ގާބިލު މީހުން ރައްޔިތުންނަށް އެކަންކަން ވިސްނައިދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ބައްލަވާލައްވާ މިހާރު އެމެރިކާގެ ވެރިކަމަށް ކުރިމަތިލައިގެން ނިކުމެ ހުރި ކިތައްވަނައަށް މުއްސަނދި މީހާތޯ ދުނިޔޭގެ. އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެ ވަޑައިގެން ހުންނެވީ. މިހާރު ހުންނެވީ ކާކުތޯ ޕްރެޒިޑެންޓަކަށް. އާދެ ބިިލިއަނަރެއް." ގާސިމް ވިދާޅުވިއެވެ.
ގާސިމް އިޝާރާތް ކުރެއްވީ އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ބިލިއަނަރ މައިކަލް ބްލޫމްބާގަށާއި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށެވެ.
ވިޔަފާރިވެރިންނަށް ވެރިކަން ކުރެވޭނެ ކަމަށް ވިދާޅުވެ ގާސިމް އޭނާ އަށް ވެރިކަން ކުރެވޭނެ ސަބަބުތައް ހާމަކޮށްދެއްވި ނަމަވެސް ގާސިމް ވިދާޅުވީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރާނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ އާއްމު މެންބަރުން ކަމަށެވެ.
ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް "ފޮޅުވާ މަލަކަށް" ޖޭޕީ ނުހެދޭނެ ކަމަށާއި ބަޔަކު ނުރުހުނަސް 2023 ގެ ރިޔާސީ އިންތިޚާބަށް މިހާރު ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހާރު ޖޭޕީން ކުރަމުން ގެންދާ މަސައްކަތަކީ އިންތިޚާބުތަކުގައި ޖޭޕީ މެދުގައި އޮވެފައި، ކޯލިޝަން ހަދާ ސިޔާސީ ޕާޓީއަކަށް އިންތިޚާބު ކާމިޔާބު ވުން ހުއްޓުވައި ޖޭޕީ ކޮޅަށް ރައްޔިތުން ބުރަވެ އެ ޕާޓީން ވެރިކަން ކުރަން ކުރާ މަސައްކަތެވެ.
"އަޅުގަނޑު މި ދަންނަވަނީ ކާކު ކަމެއް ނޭނގެއޭ ވެރިކަމަށް ނުކުންނާނީ، މި ޕާޓީގެ ރައްޔިތުންނޭ ނިންމާނީ ނުކުންނާނީ ކާކުތޯ،" ގާސިމް ވިދާޅުވި އެވެ.
ފަހަކަށް އައިސް ޖޭޕީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތާއި ޕާޓީގެ ގޮފިތައް ހެދުމުގެ މަސައްކަތް ވަނީ ވަރުގަދަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ