ގާފަރު ސިއްހީ މަރުކަޒަށް ވޯޑެއް ކާށިދޫ ދާއިރާގެ މެމްބަރު ހަދިޔާ ކުރައްވައިފި

ކ. ގާފަރު ސިއްހީ މަރުކަޒުގައި އަށް އެނދުގެ ވޯޑެއް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހަދިޔާ ކޮށްދެއްވައިފި އެވެ. "ސަން" އަށް މިއަދު މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ގާފަރު ސިއްހީ މަރުކަޒަށް އޭނާ ހަދިޔާ ކުރެއްވި އަށް އެނދުގެ ވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ގާފަރުގައި ކަމަށެވެ. އޭނާ ވިދާޅުވީ ގާފަރުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސިއްހީ މައްސަލަ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން އޭނާ އަށް އެންމެ ގިނައިން އަންނަ އެއް ޝަކުވާއަކީ ސިއްހީ ހިދުމަތުގެ ޝަކުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކ. ގާފަރު ސިއްހީ މަރުކަޒުގައި މުޅިން އަލަށް ގާއިމު ކުރި 8 އެނދު: ފޮޓޯ/ ފައިސަލް ފޭސްބުކް "ގާފަރު ސިއްހީ މަރުކަޒުގެ އެރޭންޖުމަންޓު ހުރީ ވަރަށް ދަތި ގޮތަކަށް. އެތަނުގެ އިންތިޒާމުތައް ވަރަށް ދަތިކޮށް ހުންނަނީ. ވަރަށް ކުޑަ ކުޑަ ތަންކޮޅެއް ހުންނަނީ. އެ އާބާދީގެ އެވަރުގެ ރަށަކަށް އެވަރެއް ނުފުދޭ ހަމަ. ދެން އިއްޔެ ހުޅުވިގެން މިދިޔަ އަށް އެނދުގެ ސަބަބުން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ. އަޅުގަނޑުމެންގެ ދުރު ވިސްނުމަކީ އެތަނުގައި ހަމަ މެޑިކަލް ކޭމްޕުތައް ހަމަ ކޮންޓިނިއުސްކޮށް ގެންދިއުން. މާލެއިން ހަމަ ސުޕެޝަލިސްޓުން ގެނެސްގެން،" ފައިސަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަށް ގާތްގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ ހަރަދުވި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ނިންމާލެވޭ ވަރުވީ ފަސް މަސް ދުވަހުން ކަމަށް ފައިސަލް ވިދާޅުވި އެވެ. ގާފަރު ސިއްހީ މަރުކަޒުގައި މުޅިން އަލަށް އަށް އެނދުގެ ވޯޑެއް ފައިސަލް ހަދިޔާ ކޮށްދެއްވާފައިވާ އިރު އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބަނޑު އަންހެނުން ސްކޭންކުރާ މެޝިނެއް ހަދިޔާކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ