ފޯން ނުދިން ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އިއްވި ޖަލު ހުކުމުގެ މައްސަލަ ހައި ކޯޓުން ނުނިމި އޮއްވައި، އެ ހުކުމް ތަންފީޒު ކުރަން މިއަދުން ފެށިގެން ފަށައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އެ ތިން ބޭފުޅުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ފޯނު ނުދިން މައްސަލައިގައި މައުމޫނާއި އަލީ ހަމީދުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް، އަބްދުﷲ ސައީދުގެ މައްސަލަ ހައި ކޯޓުން އަދި ނުނިންމަ އެވެ.
ފޯނު ނުދިން މައްސަލައިގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއެއް ވެސް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި އެހެން ދައުވާއެއް ސާބިތު ވެގެން އަބްދުﷲ ސައީދަށް އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އޮތެވެ. އެހެންވެ، ޖުމްލަ ތިން އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަބްދުﷲ ސައީދަށް އޮތެވެ.
އެހެންވެ، އަބްދުﷲ ސައީދުގެ ދެވަނަ ހުކުމް ތަންފީޒުކޮށް މިއަދު ނިމުމާ އެކު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ފޯނު ނުދިން މައްސަލައިގައި އެއް އަހަރާއި ހަތް މަހުގެ ހުކުމް އޮތްކަން އޭނާއަށް އަންގައިފަ އެވެ. ޖަލު ހުކުމެއް އޮތަސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދުގަ އެވެ.
އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހުގެ ހުކުމެއް ތަންފީޒު ކުރަން ފެއްޓެވިއިރު، އަލީ ހަމީދު ދާދި ފަހުން ވަނީ މިނިވަން ވެފަ އެވެ. ސަބަބަކީ އޭނާގެ މައްޗަށް އޮތީ އެއް އަހަރާއި ހަތް މަހުގެ ހުކުމެއް އެކަނި ކަމަށް ވުމެވެ. އަލީ ހަމީދު ވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުންނެވީ ގޭ ބަންދުގަ އެވެ.
އަބްދުﷲ ސައީދުގެ އެއް އަހަރާއި ހަތް މަހުގެ ހުކުމް ތަންފީޒުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ