ދުބާއީ އިން ރާއްޖެ އައި ބައެއް މީހުންނަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ލަފާކޮށްފި

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ފެބްރުއަރީގައި ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި މީހުންނަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އެކްސްޕޯއަށް ވަޑައިގެންނެވި ބޭފުޅުން އެކަން އެޗްޕީއޭއަށް އެންގެވުން އެދޭކަމަށެވެ.
އެމީހުންނަކީ މިހާރު ކޮވިޑް-19 ގެ އަލާމާތްތައް ނެތް މީހުން ނަމަވެސް އެކަން އެންގެވުން އެދޭކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 1676 އަށް ގުޅައި ހިއްސާކޮށްދިނުމަށް ޑރ.އަފްޒަލް އެދިވަޑައިގެންނެވިއެވެ.
މާލެ އަށް ކޮވިޑް-19 ފެތުރުނީ ކިހިނެއް ކަމެއް ދެނެގަނެވިފައެއް ނުވެއެވެ. މާލެ އިން ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ފަހުގެ ތާރީޚެއްގައި ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައިވާ ބައެއް ނޫނެވެ. އަދި ބަލި ޖެހިފައިވާ ކަން އެނގޭ މީހަކާއި އެއިން މީހަކު ބައްދަލުވެފައެއް ވެސް ނުވެއެވެ.
ދުބާއީ އިން ރާއްޖެ އައި ބައެއް މީހުންނަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ދުބާއީ އަށް ދަތުރު ކުރި މީހަކު މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ނުވަތަ ނޫންކަން ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ފުރަތަމަ ކޮވިޑް-19 ގެ ބަލި މީހަކު ފެނިފައި ވަނީ ފެބްރުއަރީ މަހުގެ 09 ވަނަ ދުވަހު އެވެ. އެއީ ޗައިނާ އިން އެގައުމަށް ދަތުރު ކުރި އަންހެނެއްގެ ގައިންނެވެ. ޔޫއޭއީގައި ބޮޑަށް ކޮވިޑް-19 ފެތުރެން ފެށީ މާޗް މަހުގެ ފަހުކޮޅު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ