ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޢުމަރާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ދީފި

ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޢުމަރާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ދީފި އެވެ. މިއަދު ބޭއްވުމަށް ތާވަލު ކުރި ޢުމަރުގެ ޝަރީޢަތް ކެންސަލް ކުރެއްވި ކަން އިޢުލާނު ކުރައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ޢުމަރުގެ ފަރާތުން ޝަރީޢަތަށް ވަޑައިގެންނެވެން ނެތް ކަމަށް އަންގަވަނީ ކޯޓަށް ޙާޒިރު ވުމުގެ ޗިޓާއި ޙަވާލު ވުމަށްފަހު ޝަރީޢަތް އޮންނަ ދުވަހު ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ޝަރީޢަތް ކެންސަލް ކުރަން ޖެހެނީ ޢުމަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފައި ވާކަމަށް ބުނެ ހޯމް މިނިސްޓްރީން ސިޓީ އެއް ފޮނުވުމުން ކަމަށާއި، ޢުމަރު އެނބުރި ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނާ ތާރީޚަށް އަނެއްކާ ވެސް ޝަރީޢަތް ތާވަލު ކުރުމުން ވަޑައިގެންނެވެން ނެތް ކަމަށް އެންގެވުމަކީ ޝަރީޢަތަށް ދަތި ކުރުން ކަމަށް ބެލެވިދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ޢުމަރާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ދީފައި ވާއިރު، ޢުމަރުގެ މައްޗަށް ދައުލަތުން ދަޢުވާ ކުރަނީ ދިވެހި ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް ހަރުގަނޑު ތަކެއް ބޭނުން ކޮށްގެން ވަނުމާއި ގުޅޭ ގޮތުން ޢުމަރު ދައްކަވާފައިވާ ވާހަކަ ތަކަކާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ޢުމަރު ވިދާޅުވެފައި ވަނީ އޭނާ އެ ވާހަކަ ދައްކަވާފައި ވަނީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤުގެ ތެރެއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ