ސަރުކާރުހިންގާ ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އަތޮޅުތަކަށް އިތުރު ތަރަށްގީ ހޯއްދަވައި ދެއްވާނޭކަމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވައިކަރަދޫ ދާއިރާގެ ކެންޑިޑޭޓް އިގްބާލް އާދަމްގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރުގެ ވައުދުތައް "ފަސޭހައިން" ފުއްދޭނެ ކަމަށާއި އޭގެ ސަބަބުން އަތޮޅުތަކަށް އިތުރު ކުރިއެރުމާއި ތަރަށްގީ ލިބިގެންދާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ، ކޯލިޝަނަށް މަޖިލިސް މެޖޯރިޓީ ގެއްލިއްޖެ ނަމަ އެމްޑީޕީގެ ފަރާތުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރަސްތަކެއް ކުރިމަތި ކުރާނެ ކަމަށާއި އެހެން ވެއްޖެ ނަމަ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ދަތިތަކެއް ކުރިމާތިވާނެ ކަމަށެވެ. އަދި ކޯލިޝަން ތެރެއިން ކަމަށް ބުނެ އަމިއްލަ ގޮތުގައި ނުކުމެ ވަޑައިގެން ތިއްބެވި ކެންޑިޑޭޓުންނަށް ދެއްވަވަން ނިންމަވާފައިވާ ވޯޓް ވެސް ކޯލިޝަނަށް ދިނުމަށް ގާސިމް ގޮވާލެއްވި އެވެ.
ރޭގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ކޯލިޝަންގެ ކެންޑިޑޭޓް ވިދާޅުވީ، އެ ދާއިރާގެ ދެ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ އެގްރީމެންޓެއްގައި މިހާރު ވެސް ސޮއިކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެކަމަށް ވެސް އެ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް އިގްބާލް އާދަމް ވިދާޅުވި އެވެ.
ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އަތޮޅުތަކަށް ތަރައްގީ ލިބޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ