ރައީސް ކަމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ

ކަންތައް ބަދަލުވަމުން އަންނަ ގޮތަކުން، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެކަމަކު ރާއްޖޭގެ ވެރިކަން 30 އަހަރު ކުރައްވާފައިވާ މައުމޫން އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.
"ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވޭ. އެހެންވީމަ އަޅުގަނޑު މި ހުރީ ކޮންމެ ގޮތެއް އިހްތިޔާރުކުރަން ޖެހުނަސް ތައްޔާރަށް،" އެ އިންޓަވިއުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަލުން ރައީސްކަމަށް ކުރިމަތިލެއްވި ނަމަވެސް އެއީ އެ މަނިކުފާނުގެ އިހްތިޔާރުން ބޭރުގައި ކުރައްވާ ކަމަކަށް ނުވާނެ ކަމަށެވެ. ގައުމަށް 30 އަހަރު ހިދުމަތް ކުރައްވާފައި ވާއިރު، އަލުން ވެރިކަމަށް ވަޑައިގަތުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، 1978 އިން 2008 ވަނަ އަހަރާ ހަމަޔަށް ވެރިކަން ކުރެއްވި މައުމޫން ވަނީ އިންޓަވިއުގައި ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ކޮންގްރެސް ޖެނުއަރީ މަހު ބާއްވާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ ކޮންގްރެސްގައި ރިއާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް އެ ބޭފުޅަކު ވާނީ ޕާޓީގެ ރިއާސީ ކެންޑިޑޭޓަށް ކަމަށެވެ.
މިހާރުގެ ރައީސް މުހައްމަދު ވަހީދަކީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަށް ވެދާނެތޯ ސުވާލުކުރުމުން މައުމޫން ވިދާޅުވީ ވަހީދު ޕީޕީއެމްއާ ގުޅިވަޑައިގެން، ޕްރައިމަރީ ކާމިޔާބުކުރައްވައިފި ނަމަ އެމަނިކުފާނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ޕްރައިމަރީގައި އެހެން ބޭފުޅުން ވެސް ވާދަކުރައްވަފާނެ ކަމަށް ވިދާޅުވި އެވެ.
ހިންދޫ އަށް ދެއްވި އިންޓަވިއުގައި މައުމޫން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާ އާއި ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ހާދިސާގެ ފަހަތުގައި ހުންނެވި ކަމަށް ކުރާ ތުހުމަތަށް އިންކާރުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ