މަހްލޫފު ހުންނަވާނީ ޕީޕީއެމްގައި: މައުމޫން

ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ޕީޕީއެމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށާއި އޭނާ ހުންނަވާނީ ޕީޕީއެމްގައި ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަން ގުޅިގެން ކާނިވަލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މިއަދު އިރުއޮއްސުނު ވަގުތު މަހުލޫފާ ފޯނުން ވާހަކަ ދެއްކެވި ކަމަށެވެ. އަދި އޭނާ ހިތްނުތަނަވަސްވާ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ގައުމުގެ މަސްލަހަތު އިސްކޮށް ޕީޕީއެމްއާ އެކު ކުރިއަށް ދިޔުމަށް ހުންނެވި ކަމަށް މަހުލޫފް ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ މަހުލޫފް ﷲގެ އިރާދަފުޅުން ހުންނާނީ މި ޕާޓީގައޭ. އަޅުގަނޑު މިރޭ އިރުއޮއްސުނުއިރު އެމަނިކުފާނަށް ގުޅާ ވާހަކަދެއްކިން. އެމަނިކުފާނު ހިތް ނުތަނަވަސްވާ ކަންކަމުގެ ވާހަކަ ވިދާޅުވި. އޭނާ ވެސް ގަބޫލުކުރައްވާ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭކަން،" މައުމޫން އަސަރާ އެކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކު ވެސް މިދަނޑިވަޅުގައި ވިސްނަންވީ އުފާ ލިބޭނެ ކަންތައްތަކަކަށް ނޫން ކަމަށާއި ރާއްޖޭގެ ހަމަޖެހުން ދެމެހެއްޓުމަށް ކަމަށެވެ. އަދި މިގައުމު އަމާންކަމާ އެކު ދަރީންގެ ދަރިންނާ ހަމައަށް ގެންދިޔުމުގެ ޒިންމާ އެޅިފައި އޮތް ކަމަށް މައުމޫން ވިދާޅުވި އެވެ. ޕީޕީއެމްގެ ތަރުޖަމާން އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ މާލޭގެ ކޯޑިނޭޓަރު މަހުލޫފު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ ހަބަރުތައް މިއަދު ފެތުރިފައިވާ އިރު މީގެ ކުރިން ވެސް އޭނާ އެމްޑީޕީ އަށް ސޮއިކުރަން އުޅުއްވިކަމުގެ އަޑުތައް ފެތުރުނެވެ. އެކަމަކު އެ ހުރިހާ ފަހަރެއްގައި ވެސް އެކަން އޭނާ ދޮގުކުރެއްވި އެވެ. މަހުލޫފު އެމްޑީޕީ އަށް ސޮއިކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް އެންމެ ފަހުން ފެތުރުނީ ޖޫން 2013 ގަ އެވެ. އެފަހަރު އެ އަޑު ފެތުރުމާ އެކު ޕީޕީއެމްގެ ހަރަކާތްތަކުން ދުވަސްކޮޅަކު އޭނާ ދުރުގައި ވެސް ހުންނެވި އެވެ. އަދި ޕީޕީއެމްގެ ތަރުޖަމާންގެ މަގާމުން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރެއްވި އެވެ.ތަރުޖަމާން ކަމުން މަހުލޫފް އިސްތިއުފާ ދެއްވީ އާއިލާ އަށް ވަގުތު ދެއްވަން ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އޭރު ވިދާޅުވި އެވެ.މަހުލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ "އަޅުގަނޑު އެމްޑީޕީ އަށް ސޮއިކުރާނީ މައުމޫން އަބްދުލް ގައްޔޫމް އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު" ކަމަށެވެ."މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީ އަށް ސޮއިކުރައްވައިފިއްޔާ އެމަނިކުފާނާ ޖެހިގެން ދެން ސޮއިކުރާނީ އަޅުގަނޑު،" ޕީޕީއެމް އަދި މައުމޫންގެ ދިފާއުގައި އެންމެ ފާޅުކޮށް މިހާތަނަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަހުލޫފު ވިދާޅުވެފައިވެ އެވެ.އެމްޑީޕީ އަށް ސޮއިކުރަން އުޅުއްވާ ކަމުގެ އަޑުތައް އެންމެ ފަހުން ފެތުރުނު ދުވަސްވަރު މަހުލޫފު ވިދާޅުވީ "އަޅުގަނޑު ދުވަހަކު ވެސް އިރާދަކުރެއްވިއްޔާ ލާރިއަކަށް ނުގުޑާނެ" ކަމަށާއި "އަމިއްލަ ނަފުސު ފައިސާ އަށް ވުރެ މާ އަގު ބޮޑު" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ