މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ނައިފަރު ދާއިރާގެ މެމްބަރު ފުރަތަމަ ފަހަރަށް ބަލަހައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހަންމަދު މިއަދު ފުރަތަމަ ފަހަރަށް ބަލަހައްޓަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ވަގުތެއްގައި އޭނާ ރިޔާސަތު ބެލެހެއްޓެވިއިރު އަހުމަދު ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، އެކަން ކުރައްވާ ފަސް މެމްބަރުންގެ ތެރޭގަ އެވެ.
އަހުމަދުގެ އިތުރުން ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ހިންނަވަރު ދާއިރާގެ އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ އަދި ކަނޑިތީމު ދާއިރާގެ މުހަންމަދު ހުސެއިނެވެ.
މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ވަނީ "މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުން، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ އެވެ. މި ގޮތުން، ކަނޑައަޅާނީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރެކެވެ. އަދި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށެވެ،" މިހެންނެވެ.
ގަވާއިދުގައި ވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ، އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދީގެން ކަމަށެވެ. އަދި މެމްބަރުކަމުގެ މުއްދަތު ދެ މެމްބަރެއްގެ ހަމަހަމަވެއްޖެ ނަމަ އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރަށް އިސްކަންދީގެން ކަމަށް ގަވާއިދުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ