ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނުގެ 13 ވަނަ މާއްދާއާ ހިލާފަށް: ޝާހިދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކަކުގެ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖިލީހުގެ މެމްބަރަކު ޖިނާއީ ކުށެއްގެ ތަހުގީގަށް ހައްޔަރުކުރަން ކޯޓު އަމުރަށް އެދެންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށެވެ. އެހެންކަމުން ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ޓްވީޓްގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ސްކްރީން ޝޮޓެއް ވެސް ހިމަނާފަ އެވެ.
އިމްތިޔާޒް ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދާ ދިމާކޮށް އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ފުލުހުން އެގެއަށް ދިއުމަށްފަހު އެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެމަނިކުފާންގެ ބަންދަށް ހަ ދުވަސް ޖަހާފަ އެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ގާސިމްގެ ގާނޫނީ ޓީމުން ބުނެ އެވެ.
ގާސިމް މިވަގުތު ބަންދުގައި ދޫނިދޫގައި ހުންނެވިއިރު މިމަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ. ނަމަވެސް ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ދިނުމުން މަޖިލީހުގެ އެދުވަހުގެ ޖަލްސާއަށް ގާސިމް ހާޒިރުނުކޮށް ހިފެހެއްޓުމުގެ ބާރު ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންދާނެ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި މިވަނީ އެމަނިކުފާނާ ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޝައިހް އިމްރާން އަބްދުﷲއާއި އެއްބަސްވުމެއްގައި ސޮއިކުރައްވާ މިސަރުކާރު ޒިންމާދާރުކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ވަގުތެއްގަ އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް ގާސިމް އިބްރާހީމް ގެންދަވަނީ ތަކުރާރުކޮށް އިންކާރުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ