ކަރަންޓު ބިލް ބޮޑުވެގެން މަކުނުދޫގެ ފިހާރަތައް ވެސް ބަންދުކޮށްފި

ފިހާރަތަކާއި ވިޔަފާރިތައް ހިންގާ ތަންތަނުގެ ކަރަންޓު ބިލު، ސަބްސިޑީ ކަނޑާލުމުން، ބޮޑުވުމާ ގުޅިގެން ހދ. މަކުނުދޫގެ ހުރިހާ ފިހާރަތަކަކާއި ކެފޭތައް މިއަދު ބަންދުކޮށްފަ އެވެ. ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލާގައި ހދ. ކުޅުދުއްފުއްޓާއި އައްޑޫގެ ވިޔަފާރިތައް ވެސް އިއްޔެ ވަނީ ބަންދުކޮށް، އިހްތިޖާޖްކޮށްފަ އެވެ. މަކުނުދޫ ކައުންސިލް މެމްބަރު މުހައްމަދު ޝާކިރު ވިދާޅުވީ 1،600 މީހުން ދިރިއުޅޭ އެރަށުގައި 17 ފިހާރަ ހުންނައިރު، އެ ހުރިހާ ފިހާރަތަކަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށެވެ. އެހެންވެ ފިހާރަތަކުގެ ކަރަންޓު ބިލް ދެ ގުނައަށް ވުރެ ބޮޑުވުމުން، ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަކުނުދޫ ވިޔަފާރިވެރިން ދަނީ ކައުންސިލް އިދާރާއަށް އެއްވެ މައްސަލައަށް ހައްލެއް ހޯދައިދޭން އެދެމުންނެވެ. "ކުރިން ކަރަންޓު ބިލަށް 500 ރުފިޔާ ވެސް ނާރާ ފިހާރަތަކަށް މި ފަހަރު އެބަ އޮތް 1،400 އަށް ވުރެ ގިނަ ރުފިޔާ އަރާފައި. ބައެއް ވިޔަފާރިތަކަށް 8،000 އަދި 9،000 ރުފިޔާ ވެސް އަރާފައި އެބަ ހުރި،" މަކުނުދޫގެ ވިޔަފާރިވެރިއަކު، ނަން ނުޖެހުމަށް އެދި، ބުންޏެވެ. ވިޔަފާރިތަކަށް ދޫކުރާ ކަރަންޓްގެ އަގު ބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ކައުންސިލުން ވަނީ ފެނަކަ ކުންފުންޏަށާއި ރައީސް އޮފީހަށް ސިޓީ ފޮނުވާފަ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ފިހާރަތައް ހުޅުވާނީ ފެނަކަ އިން ބުނާ އެއްޗަކަށް ބެލުމަށް ފަހު އެވެ."ހަވީރާ" ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނީ މިއަދު މެންދުރު ތިނެއްގެ ކުރިން ޖަވާބު ނުފޮނުވައިފި ނަމަ އެ ރަށު އިންޖީނު ގޭދޮށަށް ރައްޔިތުން އެއްވެ މުޒާހަރާކުރާނެ ކަމަށެވެ. ވިޔަފާރިތަކަށް ދެމުން އައި ކަރަންޓް ސަބްސިޑީ ކަނޑާލުމުން ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓު ބިލުން ފެނަކަ އަށް އިތުރު 11
މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފެނަކަ
ކޯޕަރޭޝަނުން އިއްޔެ ބުނެފައިވެ އެވެ. އަދި ސަބްސިޑީ އަކީ ފެނަކަ އިން ދޭ އެއްޗަކަށް ނުވާތީ އެކަމުގައި އެ ކުންފުންޏަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.ކަރަންޓް ބިލަށް ސަބްސިޑީ ދެނީ، ބިލްގައި ހިމެނޭ ފިއުލް ސާޗާޖަށް ޖެހޭ
ވަރަށެވެ. އެހެންވެ ސަބްސިޑީ ކަނޑާލުމުން ވިޔަފާރިކުރާ ތަންތަނުން ދެން
ފިއުލް ސާޗާޖް ދައްކަން ޖެހޭނީ އެ ތަނަކުން އަމިއްލަ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ