ސުޕްރީމް ކޯޓުގެ ސަބަބުން ބޮޑެތި ސިހުންތަކެއް ލިބިއްޖެ: ނަޝީދު

ރައްޔިތުން ނުކުމެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ވެއްޖެ ކަމަށާއި އެ ކޯޓުން ސިހުން ލިބޭ ވަރުގެ ހުކުމްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހަންމަދު ނަޝީދު އެ ކޯޓަށް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓާ ދެކޮޅަށް އިހްތިޖާޖްކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޯޓުތައް ހާއްސަކޮށް ސުޕްރީމް ކޯޓު ބަދަލު ކުރުމަށް މަޖުބޫރުވާ ކަމަށާއި ރައްޔިތުން ނިކުމެ އެކަން ކުރަން ވެއްޖެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް މުހިއްމީ ރާއްޖޭގެ ރައީސްކަމެއް ނޫން، ބޭނުން ވަނީ ރާއްޖޭގައި އިންސާފު ގާއިމުކުރަން. ޝަރުއީ ނިޒާމް ހަމަ މަގަށް ގެނައުމަކީ އަޅުގަނޑު ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް. މިކަން ކުރުން އަޅުގަނޑު ހުއްޓައެއް ނުލާނަން. މަގުމައްޗަށް ވެސް ނިކުންނާނަން، އިހުތިޖާޖް ވެސް ކުރާނަން. އަދި އަލުން އަނބުރާ އައްޔަން ކުރެވެންދެން މި މަސައްކަތުގައި ދެމިހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އިސްލާހުކޮށްފައިވާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން އެންމެން ސިހޭވަރުގެ ބޮޑެތި ކަންކަން ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ފަހު ވެރިކަން ބަދަލު ވުމުން ވެސް، ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ އަށް މެމްބަރުން ބަދަލެއް ނުވާނެ ކަމަށް ވިދާޅުވުމަކީ އެންމެންނަށް ވެސް ސިހުން ލިބުނު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އިންތިގާލީ ބާބުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޖިލީހަށް މެމްބަރުން އިންތިހާބު ކުރެވުމުން މަޖިލީހުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމާއި ފަނޑިޔާރުން ދާއިމީ ކުރުމުން ވެސް ސިހުން ލިބިވަޑައިގަތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވަކީލުން ލައްވާ ސޮއިކުރެއްވުމަށް ފަހު އެ މީހުން އުޅެންވާ ގޮތާއި ކުރަންވާ ކަންކަން ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސައްކަތްކަމަށް އެ ކޯޓުން ދެކޭ ކަމަށެވެ. އަދި ވަކީލުންގެ ކަންތައްތައް މިހާރު ވަކި ހަމައެއްގައި ހިފެހެއްޓުމުން، ވަކާލާތު ކުރުމުގެ ހުއްދަ ބާތިލް ވެދާނެތީ އެ މިހުން ތިއްބަވަނީ ދައްކަން ޖެހޭ ވާހަކަތައް ނުދައްކާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ގާނޫނު އަސާސީން ޖޭއެސްސީ އަށް ލިބިފައިވާ ގިނަ ބާރުތަކެއް ސުޕްރީމް ކޯޓުން ނަގައިގެން ދަނީ ބޭނުން ކުރަމުންނެވެ.
އެ ކޯޓުން އަމަލު ކުރައްވާ ގޮތް ކަމަށް ވިދާޅުވެ އެ މަނިކުފާނު ފާހަގަކުރެއްވި އަނެއް ކަމަކީ ކޯޓުން އިއްވާ ހުކުމާއި ލިޔެފައިދޭ ހުކުމް ތަފާތު ވުމެވެ. އެ މަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން އިއްވާ ހުކުމާއި ލިޔެފައިދޭ ހުކުމް ތަފާތު ކަމަށާއި އެތަނުގައި ތިއްބަވަނީ އުނިއިތުރު ކުރުމާއި ބަދަލު ކުރުމުގައި ހިޔާނާތްތެރިވާކަމަށް ކަނޑައެޅިގެން ސާބިތުވެފައިވާ މީހުން ކަމަށެވެ.
"އެބަހުރި ފެންނަން ހުކުމް އިއްވެވި ގޮތް، އެބަހުރި ލިޔުން އަދި ފޮތުގައި ފެންނާން އެބަހުރި. މިދެކަން ފެންނަނީ ވަރަށް ތަފާތުކޮށް. މިއީ އަޅުގަނޑު އަބަދު ވެސް ވަރަށް ކަންބޮޑުވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެކި ފަހަރުމަތިން ޝަރުއީ ނިޒާމު ހަމައިން ނައްޓާލައިގެން ގޮސްފައިވާ ކަމަށާއި ކޮންމެ ފަހަރަކު ވެސް ރައްޔިތުން ނިކުމެ އެކަން ހަމަ މަގަށް ގެންނަނީ ކަމަށެވެ.
ސުޕްރީމް ކޯޓާ ދެކޮޅަށް އިހްތިޖާޖްކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ހުށަހެޅި ގަރާރު ރޭ ފާސްވެފައިވާ އިރު އެ ގަރާރަށް ރައީސް ނަޝީދު ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ