މީހުން މެރުން ހުއްޓުވޭނީ ގޭންގުތައް ފުނޑުފުނޑުކޮށްލާނެ ވެރިއަކަށް: އުމަރު

ރާއްޖޭގައި މީހުން މެރުން ހުއްޓުވޭނީ ގޭންގުތައް ފުނޑުފުނޑުކޮށްލައި މުލުން ލުހެލުމުގެ ހިތްވަރު ހުރި ވެރިއަކު އިންތިޚާބުކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރުގެ ވައިބާ ޕަބްލިކް ގުރޫޕްގައި ވިދާޅުވީ މަރާލާފައި އޮއްވައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު ފެނުނު ޔާމީން ރަޝީދާއި ޑރ. އަފްރާޝީމް އަލީގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާނަކީ ގޭންގަކުން ހަމަލާދީ މަރާލަން ނުވަތަ ވަގަށް ނަގަން ޖެހޭ ފަދަ ދުޝްމަން ކަމެއް އެފަދަ ގޭންގަކާ އޮންނާނެ ބައެއް ނޫން ކަން ކަށަވަރުވާ ކަމަށެވެ. ނަމަވެސް އެ ތިން މީހުންނަށް ވެސް ހަމަލާދީފައި ވަނީ ގޭންގުތަކުން ކަމާ މެދު ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޭންގުތައް ބާރުވެރި ވަނީ ސިޔާސީ މީހުން އެ މީހުން ލައްވައި އެކިއެކި ކަންކަން ކުރުވާތީ އެވެ. ކޮންމެ އިންތިހާބެއްގެ ތެރޭގައި މިކަން ވަރަށް ފާޅުކޮށް ފެނިގެންދެ އެވެ. އަދި ސިޔާސީ ހަލަބޮލިކަން ހިނގާއިރު ވެސް މިކަން ފެނިގެން ދެ އެވެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އެމްއެމްއޭގެ ސަރަހައްދުގައި 23 ރޭ ވަންދެން ހިންގި މުޒާހަރާގެ ތެރެއަށް ގޭންގުތަކުން ވަދެ ހަމަލާ ދިނީ ވެސް ސިޔާސީ މީހުން ފޮނުވައިގެންނެވެ. އަދި މި ސަރުކާރާ ދެކޮޅަށް ހިނގި މުޒާހަރާތަކުގެ ތެރެއަށް ގޭންގުތައް ވަނީ ވެސް ސިޔާސީ މީހުން ފޮނުވައިގެން ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު އެ އިޝާރާތް ކުރެއްވީ ސަރުކާރާ ދެކޮޅަށް މިހާތަނަށް ހިންގި އެންމެ ބޮޑު، މޭޑޭ މުޒާހަރާގެ ވާހަކަ ކަމަށް ބެލެވެ އެވެ.
މީހުން މެރުން ހުއްޓުވަން ގޭންގުތައް މުލުން ލުހެލަން ޖެހޭ ކަމަށާއި ފެއިލްވެފައިވާ ސިޔާސީ ލީޑަރުންނަށް ސަނާކިޔައި އެ މީހުން އިންތިހާބުކުރަމުންދާ ނަމަ، މީހުން މެރުން ނުހުއްޓުވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ