މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްގައި ކެންޑިޑޭޓެއް ނެރުމުގައި ގާނޫނީ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެ އެކަން އިލެކްޝަން ކޮމިޝަން (އީސީ)ގެ ސަމާލު ކަމަށް ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެންނަވައިފި އެވެ.
އީސީގެ ރައީސް އަހުމަދު ސުލައިމާނަށް ރައީސް މައުމޫން ފޮނުއްވި ސިޓީއެއްގައި ޕީޕީއެމްގެ ގައުމީ ޖަލްސާގައި ފާސްކޮށްފައިވާ ޕާޓީ ގެ އަސާސީ ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި "ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލު ކުރެވޭގޮތަށް ބާއްވާ އާންމު ގައުމީ ޖަލްސާއެއް، ކޮންމެ ދޭއް ބައި އަހަރަކުން އެއް ފަހަރު ބާއްވަންވާނެ" ކަމަށް ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވ.
އެ ގަވާއިދުގެ 81 ވަނަ މާއްދާގެ (ހ) ގައި "ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގަވާއިދުގެ ދަށުން އިންތިހާބުކުރާ މަގާމުތަކުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް" ކަމަށް ވެސް ފާސްކޮށްފައިވާ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، 2013 ވަނަ އަހަރުގެ ޖުނުއަރީ މަހުގައި ބޭއްވި ޕީޕީއެމް ގެ ފުރަތަމަ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށް ޕާޓީ ހިންގުމަށްޓަކައި ކައުންސިލާއި އެންމެހާ ކޮމިޓީތައް އިންތިހާބު ކޮށްފައިވާ ކަމަށާއި އެ ގައުމީ ޖަލްސާއިން އިންތިހާބު ކުރި ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ މުއްދަތު، 19 ޖަނަވަރީ 2018 އަށް ފަސް އަހަރު ހަމަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން، ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު ހަމަވާނެތީވެ، ޕާޓީގެ ހިންގުން ހުއްޓޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި މިކަމުގައި ޕާޓީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތައް ހުރުމާއެކު، ޕާޓީ ގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، އީސީގެ ސަމާލުކަމަށް އެކަން ގެންނަވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ޕާޓީ ގެ އިންތިހާބު ކޮމިޓީ ގެ ދައުރުވެސް ހަމަވާނެތީވެ، ޕާޓީ ގެ ރިޔާސީ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރައިމެރީއެއް ބޭއްވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓެއް ނެރުމާއި މެދުވެސް ގާނޫނީ އެތައް ސުވާލު ތަކެއް އުފެދިފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕާޓީ މިދަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށެވެ. ވީމާ ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މި ކަންކަން ތިޔަ ކޮމިޝަންގެ ސަމާލުކަމަށް ގެނައީމެވެ." ރައީސް މައުމޫންގެ ސިޓީގައިވެ އެވެ.
އެފަދަ ސިޓީއެއް ރައީސް މައުމޫން އީސީއަށް ފޮނުއްވިއިރު ޕީޕީއެމްއިން މިހާރު ވަނީ ޕްރައިމަރީއެއް ނުބާއްވައި ޕާޓީގެ ޓިކެޓް ރައީސް އަބްދުﷲ ޔާމީން ދެއްވުމަށް ނިންމާފަ އެވެ. ޕީޕީއެމް ގެންދަނީ ރައީސް ޔާމީނަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކާމެދު ގާނޫނީ ސުވާލުތަކެއް މައުމޫން އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ