8 މައްސަލައެއްގައި އަބްދުﷲ ޒިޔަތާ ދެކޮޅަށް ސިއްރު ހެކިބަސްދީފި

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތާ ދެކޮޅަށް ދައުލަތުން ދައުވާކޮށްފައި ޚިޔާނާތުގެ 30 މައްސަލައެއްގެ ތެރެއިން 8 މައްސަލައެއްގައި އޭނަ އާއި ދެކޮޅަށް ސިއްރު ހެކިބަސް ހުށަހަޅައިފިއެވެ.
ސިއްރު ހެކިބަސް ދީފައިވަނީ ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ ފައިސާގެ ޗެކްތަކާ ޒިޔަތު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރެ ހަވާލުވެފައިވީ ނަމަވެސް، އެ ފައިސާ އެމްއެމްޕީއާރްސީއަށް ލިބިފައިނުވާ ކަމަށްބުނެ ދައުލަތުން ދައުވާ ކޮށްފައިވާ މި މައްސަލަ ތަކުގެ މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައެވެ.
މިއަދުގެ ސިއްރު ހެކިބަސް ނެގުމުގެ ކުރިން އަބްދުﷲ ޒިޔަތުގެ ވަކީލު ވަނީ ޒިޔަތު އާއި ބައްދަލު ކުރުމުގެ ފުރުސަތު މިއަދާ ހަމައަށް ވެސް ލިބިފައި ނުޥާކަމަށް ބުނެ މިއަދުގެ ހެކިބަސް ނެގުން ފަސްކޮށްދިނުމަށް އެދިފައެވެ. އެހެން ނަމަވެސް މިއަދު ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ ހެކިވެރިއެއްގެ ހެކިބަސްކަމުން ދައުލަތުން ވަނީ ހެކިބަސް ނެގުން ފަސްކުރުމަށް އިންކާރު ކޮށްފައެވެ. މިއަދުގެ ޝަރީއަތުގައި ނެގޭ ހެކިބަހަކީ ސިއްރު ހެކިބަހަކަށް ވާތީއާއި މައްސަލައިގެ ޝަރީއަތް އިތުރަށް ލަސްވާނެތީ މިއަދު ހެކިބަސް ނެގުމަށް ގާޒީ ވަނީ ނިންމަވައި ހެކިބަސް ނަގާފައެވެ.
ސިއްރުން ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ، މި މައްސަލައިގައި ތެދު ބަހުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ބަޔާނެއް ދީފައިވާނެކަމަށާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި އަބްދުﷲ ޒިޔަތު ހުންނެވިއިރު، އެ ކުންފުނިން ފަޅުތަކަކާއި ފަޅު ރައްތަކެއް ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކެއްގައި ޒިޔަތު ސޮއި ކުރި ކަމަށެވެ.
އަދި އެއްބަސްވުންތަކުގެ ތަފްޞީލު ކިޔައިދެމުން ހެކިވެރިޔާ ބުނީ ސީދާ ސއިކުރި ހުރިހާ ރަށެއް ބުނެދޭން ނޭނގުނު ނަމަވެސް ޔަގީނުންވެސް 9 ނުވަތަ 10 ރަށެއްގެ އެއްބަސްވުމުގައި ސޮއި ކުރިކަމަށެވެ.
މީގެ އިތުރުން މި އެއްބަސްވުނަތަކުގައި އަބްދުﷲ ޒިޔަތުގެ ދައުރަކީ ކޮބައިކަމާމެދުގަ ދައުލަތުން ހެކިވެރިޔާ އާއި ސުވާލުކުރުމުން ބުނެފައިވަނީ ބުނީ ޒިޔަތު އެއްބަސްވުންތަކުގައ ސޮއި ކުރީ އެމްއެމްޕީއާރުސީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށެވެ. އަދި މި އެއްބަސްވުންތަކުގައި ސޮއި ކުރިކަން އެނގޭތޯ ދައުލަތުން ސުވާލު ކުރުމުން ހެކިވެރިޔާ ވަނީ ސޮއި ކުރިކަން އެނގޭކަމަށް ވެސް ބުނެފައެވެ.
ދައުލަތުން ސިއްރު ހެކިވެރިޔާ އާއި ސުވާލުކޮށް ނިމުމުން އަބްދުﷲ ޒިޔަތުއަށް ފުރުޞަތު ދިނުމުން އޭނަގެ ވަކީލުވަނީ އެ ފުރުޞަތު ދޫކޮށްލާފައެވެ.
ސިއްރު ހެކިވެރިޔާގެ ހެކިބަސް ނެގުމަށްފަހު މިއަދުގެ ޝަރިއަތް ނިންމަވާލެއްވީ މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އިތުރު ހެކިވެރިންގެ ހެކިބަސް ނެގުން އޮންނާނެކަމަށް ވިދާޅުވެފައެވެ
ދައުލަތުން މިއަދުގެ ޝަރީއަތުގައި ވިދާޅުވީ މި ސިއްރު ހެކިވެރިޔަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބައިވެރިވެފައިވާ މިންވަރު ސާބިތު ކޮށްދިނުމަށް ހުށަހަޅާފައިވާ ހެކިވެރިއެއް ކަމަށެވެ.
ދައުލަތުން ޒިޔަތުގެ މައްޗަށް ދައުވާ ކޮށްފައިވާ 30 މައްސަލައިގައި 721 މިލިއަން ރުފިޔާގެ ހިޔާނާތް ހިމެނޭކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ