އިބޫގެ އައްޑޫ ވައުދު: ފްލައިން ސްކޫލް ތަރައްޤީކޮށް އެއާކްރާފްޓު އިންޖިނިއަރިން ކިޔެވޭ ގޮތް ހަދާނަން

އިއްތިހާދެއްގެ ވެރިކަމުގައި އައްޑޫ ފްލައިން ސްކޫލް އިތުރަށް ތަރައްޤީކޮށް ގަމުގައި އެއާކްރާފްޓު އިންޖިނިއަރިން ކިޔެވޭނެ މަރުކަޒެއް ގާއިމް ކުރައްވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދު ވެވަޑައިގެންފިއެވެ.
އައްޑޫއަށް ހާއްސަކޮށް އިއްތިހާދުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ވަނީ ޒުވާނުންގެ ތަރައްޤީއާއި ތައުލީމަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
އެގޮތުން ގަމުގެ ފްލައިން ސްކޫލް ހަރުދަނާ ކުރުމާއި އެކު އެއާކްރާފްޓު އިންޖިނިއަރިން އައްޑޫގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖައްސަން ވަނީ ނިންމާފައެވެ. އަދި އައްޑޫގައި މަތީ ތައުލީމުގެ ފުރުސަތު ގިނަކޮށް، ޔުނިވަސިޓީ ކެމްޕަހުގައި ހިންގާ ކޯސް އިތުރުކޮށް، ގައުމީ ޔުނިވާސިޓީގެ އިުރު ފެކަލްޓީތައް ގާއިމް ކުރުން ހިމެނެއެވެ.
އައްޑޫގެ ޒުވާނުންނަށް ބައިނަލް އަގްވާމީ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކްލައިމެޓް ޗޭންޖް ރިސާޗު ސެންޓަރެއް ގާއިމްކޮށް ބައިނަލް އަގްވާމީ ރިސާޗް ސެންޓަރު ތަކާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ.
އިއްތުހާދުގެ މެނިފެސްޓޯގައި ފްލައިން ސްކޫލް ހަރުދަނާ ކުރުމަށް ނިންމާފައިވާއިރު މިހާރުވެސް ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި 200 އަށް ވުރެ ގިނަ ދިވެހިން ދަނީ ޕައިލެޓް ޓްރެއިނިން ހަދަމުންނެެވެ. މިއީ ދިވެހިންނަށް ލިބެގެންދާ ރަނުގެ ފުރުސަތަކަށްވާ އިރު މިހާރުވެސް ގަމުގެ ފްލައިން ސްކޫލް ހިންގާ ބިމުގެ އެގްރިމެންޓުގެ މުއްދަތު އިތުރުކޮށް ނުދީގެން އެ ސްކޫލް ހުއްޓިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ