ރައީސް ޔާމީން އަކީ ވެސް އާޢިލާ – ދުންޔާ މައުމޫން

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަކީ ވެސް އެކަމަނާގެ އާޢިލާކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ރައިށް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "އިންޑިއަން އެކްޕްރެސް" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އެކަމަނާ މިހެން ވިދާޅުވީ އެ ނޫހުން، ބައްޕާފުޅު، ހައްޔަރުކުރުމުން ވެސް ދުންޔާ އަދިވެސް ސަރުކާރުގައި ހުންނެވުމުން އެކަމާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލުގެ ޖަވާބުގައި ހެލްތް މިނިސްޓްރީގެ ނައިބެއްގެ މަގާމުގައި ހުންނެވި ދުންޔާ ދެއްވާފައިވާ ޖަވަބަކީ، "ރައީސް ޔާމީނަކީ ވެސް އޭނާގެ އާއިލާ" ކަމަށެވެ.
މީގެ އިތުރުން 1 ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކާއި ގުޅިގެން ޤައުމުގައި އުފެދިގެން ދިޔަ ހަމަނުޖެހުންތަކާއި މައްސަލަތައް ޙައްލުކޮށް ޤައުމަށް ޞުލްޙަ އާއި އަމަން އަމާންކަން ގެނެސްދިނުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީން އިޢުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތަކީ ޤައުމުގެ ހަމަޖެހުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސިފަ ކުރައްވައިފައިވެއެވެ.
އަދި ސިފައިންނާއި ފުލުހުން މި ނާޒުކު ދަނޑިވަޅުގައި ޒިންމާދާރުކަމާއެކު ލިބިދީފައިވާ ޙައްޤުތަކުގެ ބޭނުންކޮށް މުޖްޠަމަޢުގައި އަމަން އަމާންކަން ޤާއިމްކޮށް، އާންމު ރައްޔިތުންގެ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޢަމަލުކޮށްފައިވާ ފުރިހަމަ ކަމަށްޓަކައި، އެ ނޫހަށް ފޯނުން ދެއްވި އިންޓަވިއުގައި ދުންޔާ ވަނީ އެ ދެ މުޢައްޞަޞާގެ ވެރިންނަށާއި ވަރުބަލި ކަމެއް ނެތި ޚިދުމަތް ކޮށްދެއްވަމުން އަންނަ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ސުޕްރީމްކޯޓުގެ ތެރޭގައި އާދަޔާ ޚިލާފުކަންކަމން ހިނގާ ކަމަށް ތުހުމަތު ކުރެވި އެކަންކަން ތަޙްޤީގުކޮށް ޤައުމުގައި ޞުލްޙަ ޤާއިމް ކުރާށެވެ.
އަދި އެކަމަނާ ވިދާޅުވީ، އުއްމީދުކުރަނީ ވަރަށް އަވަހަށް ޤައުމުގެ ޙާލަތު ރަނގަޅު ހާލަތެއް އަންނާނެ ކަމަށެވެ. ދުންޔާ ވިދާޅުވެފައިވަނީ، އެކަމަނާގެ ބައްޕާފުޅު، ރައީސް މައުމޫން ޖަލުން ވަރަށް އަވަހަށް މިނިވަން ވެވަޑައިގަތުމަށް އުއްމީދު ކުރައްވާކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫން އެ ހުންނެވި ޙާލަތުގެ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަގަން ޖެހޭނެ ފަދަ ގޮތަކަށް ޢިޝާރަތްކުރަމުން ދުންޔާ ވިދާޅުވީ، ރައީސް މައުމޫން ހުންނެވީ ރައީސް ނަޝީދު އުފެއްދި "މެސްއެއްގެ" ތެރޭގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ