މެންބަރު ނާޒިމުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން މީގެކުރިން ކޮށްފައިވާ ހުކުމް މުރާޖައާކުރުމަށްފަހު ސުޕްރީމް ކޯޓުން މިއަދު އެ ހުކުމް ބާތިލްކޮށްފި އެވެ.
ނާޒިމަށް ކޮށްފައުވާ ޖަލު ހުކުމް މުރާޖައާކުރުމަށް ސުޕްރީމް ކޯޓުން ނިންމީ އޭނާ އެކަމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.
ނާޒިމުގެ މައްސަލަ މުރާޖައާކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
މުރާޖައާ ކުރުމުގެ މިމައްސަލާގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން ނާޒިމުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އަމުރުވެސް ކޮށްފަ އެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ފާހަގަކުރެވިގެން ދިޔަ މެންބަރު ނާޒިމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
މެންބަރު ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.
ިމިހުކުމާ ގުޅިގެން އޭރުން ނާޒިމު ތަމްސީލް ކުރައްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނާޒިމުގެ ހުކުމް ބާތިލްކުރުމާ ގުޅިގެން އޭނާ ވިދާޅުވީ ދިއްގަރު ދާއިރާގެ ރައްޔިތުން އެދޭނަމަ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެދާއިރާއަށް ހިދުަމަތް ކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ