ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ މެމްބަރުކަމުގެ ހުވާ ކުރެއްވުން މާދަމާ ހެނދުނު ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.
މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިވަގުތު ހުވާ ނުކުރައްވާ ހުންނެވި ހަަމައެކަނި މެންބަރަކީ ރިޒާ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މެންބަރުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުވާކުރެއްވިއިރު ރިޒާ އަށް އެ ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވުނީ ރޯދަ މަހު އުމްރާގެ އަޅުކަމުގައި ހުންނެވުމާ ގުޅިގެން ކަމަށެވެ.
ނިއުޝާ ވިދާޅުވީ ރިޒާ މިހާރު މާލެ ވަޑައިގެންފައިވާތީ އޭނާ މެންބަރު ކަމުގެ ހުވާކުރެއްވުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ޖަހާއިރު މަޖިލީހުގެ އިދާރާގައި ކަމަށެވެ.
ރިޒާއަށް ހުވާލައިދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދިދީ ކަމަށާއި މިރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ނިއުޝާ ވިދާޅުވި އެވެ.
ރިޒާ އަކީ އިދިކޮޅު މައިޕާޓީ ޕީޕީއެމްގެ މެމްބަރެކެވެ.
އިބްރާހިމް ރިޒާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
ރިޒާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންކަންވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 18 ވަނަ މަޖިލީހުގައި ވަނީ ރިޒާ އެ މަގާމުން ވަކިކުރައްވާފަ އެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ ހުވާކުރެއްވުން މާދަމާ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ