އިމްރާންގެ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މޭޑޭގައި ކުރިއަށް ގެންދިޔަ ބޮޑު އެއްވުމާ ގުޅިގެން ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ޝައިހް އިމްރާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން އިމްރާންގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅުމުން މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނިންމީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އިމްރާންގެ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޝައިހް އިމްރާން މިނިވަންކުރުމަށްވެސް އަމުރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލާގައި ގޮތެއް ނުނިންމަނީސް އިމްރާންގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް ސުޕްރީމް ކޯޓުން އެދުވަހު ވަނީ އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ މިއަމުރާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު ކަމަށް އިމްރާން އައްޔަންކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ