ކާށިދޫ ދާއިރާގެ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޖާބިރު ނިންމަވައިފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ޖާބިރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކަމަށެވެ.
ޖާބިރު ވިދާޅުވީ މިއަންނަ ހަފްތާ ބަންދުގައި ކާށިދޫ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނަށް އޭނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ޖާބިރު މީގެކުރިން ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނެއްގައި ވާދަކޮށް އެދާއިރާގެ މެންބަރު ކަން ކުރައްވާފަ އެވެ.
ޖާބިރަކީ ރައްޔިތުންގެ މަޖިލީހާއި މިހާރު އަމަލުކުރަމުން މިދާ ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ގއ. އަތޮޅުގެ މެންބަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް ނިކުމެވަޑައިގަތުމަށް ޖާބިރު ނިންމެވި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން އަދި ވަކިވަކި ޕާޓީތަކަށް ދާއިރާތައް ބަހާފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ކަމުގައި އެންމެ ފަހުން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު އެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަަމަށް އިންތިހާބުވުމާ ގުޅިގެން އެ ދާއިރާގެ ގޮނޑި މިހާރު ވަނީ ހުސްވެފަ އެވެ. ނަމަވެސް އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބާ ދެމެދު ހަމަސް ދުވަހުގެ މުއްދަތެއް ނެތުމުން އެ ދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ