ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވަން ހަސަން ޝިޔާމް (ވީބީ ހަސަން) ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހަސަންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަން ނިންމީ، އޭނާ ހިމެނޭ ގޮތަށް އޭނާގެ އާއިލާގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް ސާބިތު ދަރަންޏެއް ދައްކަމުން ނުދާ ކަމަށް ބުނެ އެވެ.
ހަސަންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހަސަން ހިމެނޭ ގޮތަށް އޭނާގެ އާއިލާގެ މައްޗަށް އިއްވާފައިވާ ސާބިތު ދަރަނީގެ މައްސަލަ މިހާރު އޮތީ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކޮށްފައި ކަމަށެވެ. އެހެންކަމުން ހަސަންގެ ފޯމު ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކުރާ ކަމަށް ހުކުމުގައިވެ އެވެ.
މިމައްސަލައިގެ ހުކުމަށްފަހު މިއަދު ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ހަސަންގެ ވަކީލުގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރެއްވި ހަސަންގެ ޅިޔަނު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ހަސަންގެ ފޯމު ބަލައިނުގަންނަން އީސީން ނިންމީ އެންމެ އެކަށީގެންވާ ފުރިހަމަ މައުލޫމާތު ނެތި ކަމަށެވެ.
ރައްޔިތުން މަޖީލީހުގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައިވަނީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާނަމަ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން ޖަމީލު ވިދާޅުވީ ހަސަނާއި އޭނާގެ އާއިލާގެ ދަރަނީގެ މައްސަލަ މަތީ ކޯޓުތަކުގެ އިސްތިއުނާފީ މަރުހަލާތަކުގައި އޮތުމުން އޭނާގެ މައްޗަށް ސާބިތުވާ ދަރަންޏެއް އޮތް ކަމުގެ ނިހާއީ ހުކުމެއް ނެތް ކަމަށެވެ.
މިކަމާ ގުޅިގެން ހަސަން ޝިޔާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމުން ވެސް އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ގޯސް ނިންމުމެއް ކަން ސާފުވާނެ ކަމަށެވެ. އަދި އޭނާގެ ފޯމު ބަލައިނުގަތުމަށް ކޮމިޝަނުން ނިންމުމުން ވެސް އޭނާގެ ސަޕޯޓަރުން ދެ ގޮތެއް ނުވެ ސާބިތުވެ ތިބީތީވެ އެކަން ފާހަގަކުރައްވާ ހަސަން ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.
ވީބީ ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ