އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މިގާނޫނު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމެވެ.
މިގާނޫނު ބާތިލްކުރަން ތިން މެންބަރުން ހުށަހެޅީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަން މަޖިލީހުން ފާސްކުރަން ބޭނުންވާ ކޯރަމުގެ އަދަދު ކަމަށް ބަލަމުންގެންދާ 43 މެމްބަރުން ހާޒިރުވެވަޑައިގެންފައި ނުވާ ޖަލްސާއެއްގައި މިގާނޫނު ފާސްކުރަން ވޯޓަށް އަހާފައިވާތީ މިގާނޫނު ފާސްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވާތީ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ހުކުމް ކުރީ ބިލް ފާސްކުރިއިރު ގާނޫނުގައި ބުނާ އަދަދަށް މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ނެތް ކަމަށާއި އެއީ ޟަރޫރީ ހާލަތެއް ދިމާވެގެން އަމަލުކުރައްވާފައި ގޮތެއް ކަމަށެވެ.
ެއެންޓި ޑިފެކްޝަން ގާނޫނު ރަައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. މިޖަލްސާގައި ގުޅިފައިވާ ޕާޓީ ތަކަށް ނިސްބަތްވާ މަޖިލީހުގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މިގާނޫނު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގުކުރެއްވީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނުގެ ތައާރަފްގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން ވަކިކޮށްފި ނަަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަަދަ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގާނޫނެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ތިން ހާލަތެއް ކަނޑައަޅާފައިވާއިރު އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ޕާޓީ އަކަށް ސޮއި ކުރެއްވި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ގާނޫނުގައި ވެއެވެ. އެކަމަކު އަމިއްލަ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށްފަހު ގޮނޑި ގެއްލޭނެ ކަމަށް ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށްވެސް ގާނޫނުގައި ވެއެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާތީ އެންޓި ޑިފެކްޝަން ބިގާނޫނު ފާސްކޮށްފައިވަނީ މިމައްދާ އުވޭ ގޮތަށެވެ. ނަމަވެސް ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިނާ ހިލާފުވެގެންނާއި، މެންބަރަކު ނިސްބަތްވާ ޕާޓީން އަޅާ ސުކޫލީ ފިޔަވަޅަކާއި ގުޅިގެން އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށްވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އަދި މިގާނޫނުގެ ބިލް މަޖިލީހަށް ހުށަހެޅިއިރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރުތައް މަޖިލީހަށް ވަނީ ނަގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ