އާޖެންޓީނާއާއި މުޅި ދުނިޔެ ވެސް ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި އާޖެންޓީނާ ފުޓުބޯޅަ ޓީމުގެ ކެޕްޓަން، ލިއޮނެލް މެސީއަށް މަރުގެ އިންޒާރުދިން މީހުން ހޯދައި، އެ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެ ގައުމުގެ ރައީސް، އަލްބާޓޯ ފެނާންޑޭޒް ވިދާޅުވެއްޖެއެވެ.
ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު، އާޖެންޓީނާގެ ސުޕަމާކެޓަކަށް ހަތިޔާރާއެކު ވަން ދެ މީހަކު ވަނީ، ސުޕަމާކެޓުތެރެއަށް ވަދެ ބަޑިޖެހުމަށްފަހު ނުކުމެގެންދަމުން "ނޯޓެއް" އެތަނުގައި ހަރުކޮށްފައެވެ. އެ ނޯޓުގައި މެސީ މަރާލާނެ ކަމަށާއި، މެސީ ނިސްބަތްވާ އަދި މި ސުޕަމާކެޓުހުރި ސިޓީ، ރޮޒާރިއޯގެ މޭޔަރަކީ ވެސް "ޑްރަގް ލޯޑެއް" ކަމަށާއި، މެސީގެ ދިފާއުގައި ގަވަރުނަރު ނުނިކުންނާނެކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މެސީއަތުން ފައިސާ ހޯދުމަށް ވެސް އެ ދެ މީހުން ޑިމާންޑުކޮށްފައިވާކަމަށްވެއެވެ.
މިކަމާ ގުޅިގެން އާޖެންޓީނާގެ މީޑިއާއަކާ ވާހަކަދައްކަވަމުން ރައީސް ފެނާންޑޭޒް ވިދާޅުވީ، ބުރާސްފަތި ދުވަހު އޭނާއަށް ހޭލެއްވުނީ، ހިތާމަވެރި، ބިރުވެރި ޚަބަރަކާއެކުގައި ކަމަށެވެ. އަދި މި ޚަބަރު ލިބުމާއެކު، ރޮޒާރިއޯގެ މޭޔަރަށް ގުޅުއްވި ކަމަށާއި، އާޖެންޓީނާ ސަރުކާރުގެ ޗީފް އޮފް ސްޓާފާ ވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
މެސީއަށް ދިން އިންޒާރަކީ، އާޖެންޓީނާގައި ރޭވިގެން ހިންގާ ކުށްތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭކަމެއް ކަމަށާއި، އެ ގައުމުގެ ރައްޔިތުންނަށް އަމާން، ރައްކާތެރި ވެށްޓެއް ގާއިމްކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ފެނާންޑޭޒް ފާހަގަކުރެއްވިއެވެ. ސުޕަމާކެޓަށް ހަތިޔާރާއެކު ވަދެ، ބަޑިޖެހި މައްސަލައާއި، މެސީއަށް އިންޒާރުދިން މައްސަލަ، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، އެ އަމަލު ހިންގި ދެ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރިޕޯޓުތައް ބުނާގޮތުން މި ސުޕަމާޓަކީ، މެސީގެ އަންހެނުން، އެންޓޮނެލާގެ އާއިލާއިން ހިންގަމުން އަންނަ ސުޕަމާކެޓެކެވެ. މި ސުޕަމާކެޓުގެ ތެރޭގައި ތިބެގެން 14 ފަހަރެއްގެ މަތިން ބަޑިޖަހާފައިވާކަމަށް އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދި، އަދި މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މެސީއަށް، ވޯލްޑް ކަޕުގެ ކުރިން ވެސް މަރުގެ އިންޒާރުދީފައިވެއެވެ.
މެސީއަށް މަރުގެ އިންޒާރުދިން މީހުން ހޯދާ، ފިޔަވަޅު އަޅާނަން: އާޖެންޓީނާގެ ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ