ރައީސް މައުމޫން: ހަނދު ސާބިތު ކުރުން ނޫން ހުރިހާ ބާރެއް ގެއްލި ނިމެނީ؟!

ރަނގަޅު ފެންވަރަކަށް ތައުލީމް އުނގެނިވަޑައިގެން 1971 ވަނަ އަހަރު މައުމޫން އަބްދުލްގައްޔޫމް ރާއްޖެ ވަޑައިގެންނެވިއިރު ވެސް ސިޔާސީ ގޮތުން އޭރުގެ ވެރިންނާ އޮތީ ކުނި ޖެހިފައެވެ. މިސްރުގައި ކިޔަވާ ވިދާޅުވާން ހުންނެވިއިރު ދިވެހި ކިޔަވާ ކުދިންގެ ތެރޭގައި ހިނގި ކަންތައްތަކެއްގެ ސަބަބުންނެވެ. ރޯއިސްޓަން އެލިސް ލިޔުއްވި މައުމޫންގެ ބަޔޯގްރަފީގައި ބުނާގޮތުން މައުމޫން ރާއްޖެ ވަޑައިގެން ބޭނުންވީ އެފަދަ ސިޔާސީ ކަމެއްގައި ނޫޅެ، ވަޒީފާއެއް އަދާކޮށްގެން ހަމަޖެހޭ ދިރިއުޅުމެއް އުޅުއްވާށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. މައުމޫން ރާއްޖެ ވަޑައިގެން ސްކޫލުތަކުގައި ކިޔަވައި ދެއްވަން ފެއްޓެވުމާއެކު ގިނަ ދިވެހީންތަކެއްގެ ލޯތްބާއި މަގުބޫލުކަން އެމަނިކުފާނަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބިވަޑައިގަތެވެ. ނަމަވެސް އިބްރާހީމް ނާސިރުގެ އެ ވެރިކަމުގައި އޭރުގެ ވެރިން މައުމޫނާ މެދު ދެކެމުން އައީ ޝައްކުގެ ނަޒަރަކުންނެވެ. ގިނަ ސަބަބުތަކެއް ހުރީމައެވެ. އޭގެން އެއްކަމަކީ މިސްރުގައި ހުންނެވިއިރު ޖެހުނު މައްސަލައެވެ. މައިގަނޑު އަނެއް ސަބަބަކީ އޭރު މަތީ ތައުލީމް ހާސިލްކޮށްގެން ރާއްޖެ ވަޑައިގަންނަވާ ބޭފުޅުން ވެރިކަމާ އުޅެފާނެތީ އޭރުގެ ސަރުކާރުން ޖެހިލުންވުމެވެ. ރައީސް މައުމޫން އެމަނިކުފާންގެ ވެރިކަމުގައި ރަށެއްގައި-- އެކަންކަން އެގޮތަށް އޮއްވައި މައުމޫން މަޅިއެއްގައި ބެދިވަޑައިގަތީ 1973 ވަނަ އަހަރުގައެވެ. އޭރުގެ ރައީސް ނާސިރު ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ފުޅާ ކުރައްވަން ބޭފުޅުންތަކެއް ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. އެކަން އެގޮތަށް ހިނގަނިކޮށް ބަނގުރަލާ ގުޅޭގޮތުން މައުމޫން ދެއްކެވި ވާހަކަފުޅެއް ހޫނުވެ، އެ މައްސަލަ އޭރުގެ ސަރުކާރުން ބެލިއެވެ. ގޭބަންދުގައި ބަހައްޓައިގެން ހިންގި ޝަރީއަތަށް ފަހު ހަތަރު އަހަރަށް އަރުވާލީ ހދ. މަކުނުދުއަށެވެ. ލޯބިވާ އަނބިމީހާއާއި ދަރިންނާ ދުރުގައި ވަރަށް އެކަހެރި ރަށަކަށެވެ. ފަހުން މައާފް ލިބިވަޑައިގަތެވެ. ނަމަވެސް ސަލާމަތެއް ނުވިއެވެ. މާލެ ވަޑައިގެން އުޅުއްވަނިކޮށް އޭގެ ފަހުން އަނެއްކާވެސް ހައްޔަރު ކުރެއްވިއެވެ. މައުމޫން 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމަޔަށް ހިތްދަތި، އުނދަގޫ ދުވަސްތަކެއް ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އޭގެ ބަދަލު ލިބިވަޑައިގަތީ ވެރިކަމުގައެވެ. ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ބޭފުޅާގެ ޝަރަފް ލިބިވަޑައިގަތެވެ. ދިގު އެ ތިރީސް އަހަރުގެ ވެރިކަން ކުރެއްވީ ވަރަށް އާރާއި ބާރު ލިބިވަޑައިގެންނެވެ. ބޭނުންފުޅުކަމެއް ބޭނުންފުޅުއިރަކު ކުރެއްވިއެވެ. މުޅި ގައުމު އޮތީ ހިތަކަށް ލިބިފައެވެ. އެ ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް އެއްވެސް ފުރުސަތެއް ނުދެއެވެ. އޭގެ ނަތީޖާއަކަށްވީ ގިނަ ރައްޔިތުންގެ މެދުގައި މައުމޫން ވަރަށް މަގުބޫލުވުމެވެ. ދީނީ ގޮތުން ލޯބިވާން ޖެހޭ ފަރާތްތައް ނެގުމަށްފަހު ދެން ރައްޔިތުން އެންމެ ލޯބިވާ އެންމެ ތަބާވާ މީހަކީ ރައީސް މައުމޫނެވެ. އާރާއި ބާރުގައި ހުންނެވި މައުމޫނަށް ސިޔާސީ ގޮތުން ގޮންޖެހުންތަކާ ދިމާވާން ފެށީ ރާއްޖެއަށް ޑިމޮކުރަސީ ގެނައުމުގެ މަސައްކަތް އެމްޑީޕީއިން ފެށި ހިސާބުންނެވެ. އެތެރެއާއި ބޭރުގެ ފިއްތުންތަކާއެކު އާގާނޫނު އަސާސީ ތަންފީޒުކޮށް، ކުރިން މިނިވަންކަން ނުލިބި އޮތް އެތައް ކަމެއްގައި މިނިވަންކަން ދޭންޖެހުނެވެ. އޭގެ ތެރޭގައި އާރާއި ބާރު ބޭނުންކޮށްގެން ހިފަހައްޓާފައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ވެސް ދޭން މަޖުބޫރުވިއެވެ. އޭގެ ނަތީޖާއަކަށްވީ ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތަށް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން މައުމޫނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. ނަމަވެސް އޭރުވެސް މައުމޫނަކީ ވަރަށް މަގުބޫލު ބޭފުޅެކެވެ. އެ އިންތިޚާބުގެ ފައިނަލް ބުރުގައި އެ މަނިކުފާނު 82,121 ރައްޔިތުންގެ ވޯޓް ހޯއްދެއްވިއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެހެން ގައުމެއްގެ ވެރިއަކާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް ޝަރަފުވެރިކޮށް ހުންނެވުމުގެ ފުރުސަތު ދޫކޮށްލެއްވީ އަމިއްލަފުޅަށް އިންތިޚާބުން ނާކާމިޔާބު ވުމާއެކު މައުމޫންގެ ފަރާތްޕުޅުން ފެނުނީ ރީތި މަންޒަރެކެވެ. ނަތީޖާއަށް ފަހު އަލަށް އިންތިޚާބުވި ރައީސް މުޙައްމަދު ނަޝީދާ މީޑިއާގެ ކުރިމަތީގައި ބައްދަލު ކުރައްވައި މަރުހަބާ ދެންނެވިއެވެ. އަދި އެއަށްފަހު ސިޔާސީ މަސައްކަތުން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރެއްވިއެވެ. އޭރު އެމަނިކުފާންގެ ޑީއާރުޕީއަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތުމާއެކު ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި ނަމުގެ ކުރިއަށް ރައީސް ލުމުގެ އިތުރުން އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީ އާއި އިނާޔަތްތަކުގެ ގޮތުގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ކޮންމެ މަހަކު ދޭން ޖެހޭ ކަމަށް ލާޒިމް ކުރިއެވެ. ސިޔާސީ ކަންކަމުގައި ނޫޅުއްވައި އިލްމީ އަދި ގިނަ މީހުންގެ ލޯބި ލިބޭނެ މަސައްކަތްތައް ކުރުމުގައި ދެމިހުރުމުގެ ހުރިހާ ފުރުސަތެއް ލިބިވަޑައިގަތެވެ. ނަމަވެސް ވިދާޅުވި އެއްޗަކާ މައުމޫންގެ އަމަލުފުޅަކާ ފަހުން ދިމަލެއްނުވިއެވެ. ސިޔާސީ ކަންކަމުގައި ނޫޅުއްވާނެކަން އިއުލާން ކުރެއްވި މައުމޫން އަނެއްކާވެސް ސިޔާސީ މަސައްކަތް ފެއްޓެވީ އޭރުގެ ޑީއާރްޕީ ދެބައިވި ހިސާބުންނެވެ. ޕީޕީއެމް އުފެއްދެވުމަށް އިސްކޮށް ހުންނެވިއެވެ. އެއަށް ފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރެއްވިއެވެ. ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މައުމޫންގެ ހިޔަނީގައެވެ. އަޑުތައް އިވޭގޮތަށް މައުމޫން ބޭނުންފުޅުވީ ޔާމީންގެ ވެރިކަން ވެސް އެމަނިކުފާން ބޭނުންފުޅުވާ ގޮތަކަށް ކުރުމަށެވެ. ނަމަވެސް ޔާމީން އެ ފުރުސަތެއް ނުދެއްވިއެވެ. ނަތީޖާއަކަށްވީ ދެބެން މައްސަލަ ޖެހުމެވެ. އެންމެ ފަހުން ވެރިކަމުގައި ހުންނެވި ޔާމީން ޕީޕީއެމްގެ ކޮންޓްރޯލް ނެންގެވިއެވެ. މައުމޫނުގެ ފަހަތްޕުޅަށް އެރީ މަދު ބަޔެކެވެ. ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަދި ރައީސް މައުމޫން -- ދެން އެ ހިސާބުން މައުމޫން ރަސްމީކޮށް އެ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. ސިޔާސީ ގޮތުން މައުމޫނަށް އެންމެ ތުރާޖެއްސެވި ރައީސް ނަޝީދާއެކު ޔާމީންގެ ވެރިކަން ބަދަލު ކުރަން މައުމޫން ނުކުންނެވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެއްބަޔަކު އެކަން ނެގީ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި މައުމޫން ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެ ކަމަށެވެ. ފާޑުކިޔުން އަމާޒުވެ މަގުބޫލުކަން ދަށްވާން ފެށިއެވެ. ނަމަވެސް މައުމޫން ޔާމީންގެ އެ ސަރުކާރާ ދެކޮޅަށް އެތައް މަސައްކަތެއް ކުރެއްވިއެވެ. ނަތީޖާއަކަށްވީ އުމުރުން 80 އިން މަތިވެފައިވަނިކޮށް ކޮއްކޯފުޅުގެ ވެރިކަމުގައި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމެވެ. ޔާމީންގެ ވެރިކަން ބަދަލުވުމުން ވެސް ޕީޕީއެމް ހޯދެއްވުމަށް މައުމޫން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޕީޕީއެމްގެ ގިނަ މީހުންގެ ލޯތްބާއި ސަޕޯޓް ލިބުނީ ރައީސް ޔާމީނަށެވެ. އެންމެ ފަހުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ އެމްއާރުއެމްގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. އެ ޕާޓީއަށް މިސަރުކާރު ކޯލިޝަނުން ބޮޑު ޕަސެންޓެއް ލިބުނު ނަމަވެސް ޕާޓީއަށް މަގުބޫލުކަމެއް ނުލިބުނެވެ. ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބުމަށް ލާޒިމް ކުރާ އަދަދު ކަމަށްވާ 3000 ވެސް ހަމަވަނީ ކިރިޔާއެވެ. އެއަދަދު ދަށަށް ގޮސްގެން ވެސް ދޭތެރެއަކުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ނޯޓިސް ފޮނުވައެވެ. އެންމެ ފަހުން މިހާރުގެ ސަރުކާރާ އެ ޕާޓީ ފެޔަށް ޖެހެން ފެށުމުން ޕާޓީގެ އިސްބޭފުޅުންތަކެއް މިވަނީ ޕާޓީން ވަކިވެފައެވެ. ޕާޓީގެ ކުރިމަގާމެދު ގިނަ ސުވާލުތަކެއް މިވަނީ އުފެދިފައެވެ. ރައީސް މައުމޫންގެ މި ދިގު ސިޔާސީ މާޒީއަށް ބަލާއިރު އިބުރަތްތެރި އެތައް ކަމެއް ފާހަގަވެއެވެ. އާރާއިބާރާއި އިންތިހާއަށް މަގުބޫލުކަން ލިބިވަޑައިގެންނެވި ކުރީގެ ރައީސް ސިޔާސީ ގޮތުން މިއަދު ވަރަށް ނިކަމެއްޗެވެ. އާއްމުންގެ ތާއީދެއް ނެތްތަނުގައި ސިޔާސީ ގޮތުން ނިންމާ ނިންމުންތައް ބަލައިގަންނާނެ ބަޔަކު ވެސް ނެތެވެ. ހަގީގަތުގައި މި ހިސާބަށް އެމަނިކުފާންގެ ކެރިއަރު މިދިޔައީ އަމިއްލަފުޅަށް ނެންގެވި ނުރަނގަޅު ނިންމުންތަކެއްގެ ސަބަބުންނެވެ. ދެހާސް އަށް ވަނަ އަހަރުގެ އިންތިޚާބުން ނާކާމިޔާބުވި ހިސާބުން ސިޔާސީ ކަންކަން ދޫކުރައްވައި އިލްމީ ކަންކަމުގައި އުޅުއްވިނަމަ މައުމޫނަށް އިހުތިރާމާއި ލޯބި މާބޮޑަށް ލިބުނީސްކަން ޔަގީނެވެ. ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ ދުނިޔޭގެ ބޮޑެތި ޑިމޮކުރަސީތަކަށް ބަލާއިރު ވެސް ދައުރު ހަމަކުރާ ރައީސުން އަނެއްކާ ޕާޓީ ހަދައިގެން ނުކުމެ ވެރިކަން ހޯދަން އުޅޭތަން ފެންނަނީ ވަރަށް މަދުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް ބަލާލިޔަސް އެކަން ސާފެވެ. އެ ބޭފުޅާގެ ރިޔާސީ ދައުރު ހަމަވުމަށް ފަހު ގިނަ ވަގުތު ހޭދަކުރައްވަނީ އިލްމީ ކަންތައްތަކުގައެވެ. އޭގެ ތެރޭގައި ގިނަ ފޮތްތަކެއް ލިޔުއްވުމާއި ޔުނިވާސިޓީ އަދި އާއްމު އެއްވުންތަކުގައި ލެކްޗާތައް ދިނުމާއި ނެޓްފްލިސްއާ ގުޅިގެން ޑޮކިއުމެންޓްރީ އުފެއްދުމާއި ޕޮޑްކާސްޓް ހެދުންފަދަ ކަންކަމެވެ. އޭގެ ސަބަބުން އެބޭފުޅާގެ މަގުބޫލުކަން މުޅި ދުނިޔޭގައި ވެސް އިތުރަށް ދަނީ ބޮޑުވަމުންނެވެ. ހަގީގަތުގައި އުޅުއްވަން ޖެހޭ ގޮތަކީ އެއީއެވެ. ގައުމު ބިނާކުރުމަށް ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ހިދުމަތްތެރިންގެ އިރުޝާދާއި ލަފާ ވަރަށް މުހިންމެވެ. އެހެންކަމުން ޔުނިވާސިޓީތަކުގައި ކިޔަވައިދެއްވުމާއި ޕަބްލިކް ލެކްޗާތައް ދެއްވުމަކީ ގައުމުތަކުގެ ކުރީގެ ރައީސުން ގިނަ ވަގުތު ހޭދަ ކުރައްވާ ކަންތަކެވެ. ހަމައެއާއެކު އާއިލީ ވަގުތު އިތުރުކޮށް އެ ގުޅުންތައް ބަދަހި ކުރަން މަސައްކަތް ކުރުމަކީ ވެސް ގައުމުތަކުގެ ކުރީގެ ރައީސުން އިސްކަން ދެއްވާ ކަމެކެވެ. ރައީސް މައުމޫންގެ މިއަދުގެ ހާލަތަށް ބަލާއިރު ހަގީގަތުގައި ވެސް އެމަނިކުފާންގެ މަގުބޫލުކަން ވަރަށް ކުޑައެވެ. ސިޔާސީ ގޮތުން ވަރަށް ނިކަމެތިވެއްޖެއެވެ. މިއަދު ދިވެހި ރައްޔިތުން ގަބޫލު ކުރައްވަނީ އެ މަނިކުފާން ފަލަކީ ގޮތުން ދައްކަވާ ވާހަކަފުޅެވެ. ހަނދު ސާބިތު ކުރަން ވެއްޖެނަމަ އަދިވެސް ދިވެހީންނަށް މައުމޫން މުހިންމެވެ. އެ ނޫން ހުރިހާ ބާރެއް އެމަނިކުފާނަށް ގެއްލި ނިމެނީއެވެ. އެމަނިކުފާންގެ އެރުމާއި ވެއްޓުމަކީ ލައްކަ އިބުރަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ