ފިލްމު 'ޖަވާން'ގެ ސީންތައް ލީކުވި މައްސަލަ ހައި ކޯޓަށް

ޝާހްރުކް ޚާންގެ ކުރިޔަށްއޮތް ފިލްމު "ޖަވާން"ގެ ޝޫޓިންގް ކުރިޔަށްދަނިކޮށް ބަޔަކު މީހުން ނަގާފައިވާ ފިލްމުގެ ދެ ސީންއެއް އިންޓަނެޓްގައި ލީކްކޮށްލުމާއި ގުޅިގެން ފިލްމު ގެނެސްދޭ ކުންފުނިން އެ މައްސަލަ އިންޑިއާގެ ހައިކޯޓަށް ހުށަހަޅައިފިއެވެ. މި ފިލްމަކީ، ޝާހްރުކް ޚާންއާއި އަންހެނުން ގޯރީ ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންޓްއިންއާއި ތަމަޅަ ޑައިރެކްޓަރު އެޓްލީ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމު "ޖަވާން"ގެ ލީކުވެފައިވާ ސީންތަކުގެތެރޭގައި ޝާހްރުކް ޚާންގެ އެކްޝަން ސީންއަކާއެކު ބަތަލާ ނަޔަންތާރާއާއެކު ކުޅެފައިވާ ލަވައެއްގެ މަންޒަރު ހިމެނެއެވެ. މި މަންޒަރުތަކާއެކު ފިލްމުގެ މިއުޒިކުވެސް ފިލްމު ރިލީޒްވުމުގެ މާކުރިން ލީކުވުމަކީ ފިލްމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރެޑް ޗިލީޒްއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ބަޔާނުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން ހައިކޯޓުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ކްލިޕްތައް ނެގުމަށް އަމުރު ނެރެފެއެވެ. "ޖަވާން"ގެ ބައެއް މަންޒަރުތަކާއެކު ފިލްމުގެ ޓީޒާއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަމަށް ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒްއިން ވަނީ ތުހުމަތުކޮށްފައެވެ. މި ފިލްމުގެ މަންޒަރުތަކެއް ލީކުވުމުގެ މައްސަލަ ފެންމަތިވެފައިވާއިރު ދާދި ފަހުން ފިލްމުގައި ބަތަލާ ދިޕިކާ ޕަދުކޯން ކުޅޭ ހާއްސަ ލަވައިގެ މަންޒަރުތައް ނަގާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. ފިލްމު "ޖަވާން"އަކީ މި އަހަރު ޖަނަވަރީ މަހު ރިލީޒްވި "ޕަތާން"އަށްފަހު ޝާހްރުކް ޚާން އެންމެ އަވަހަށް ސްކްރީނުން ފެންނާނެ ފިލްމެވެ. ބަތަލާ ނަޔަންތާރާގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ވެސް މި ފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެއެވެ. ޝާހްރުކް ޚާން ބޮޑެތި ޒަޚަމްތަކަކާއެކު ފެންނަ ކުރު ޓީޒާއެއް ރިލީޒްކޮށްފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 2ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ