އަގްސާ މިސްކިތަށް ޒަޔަނިސްޓުން ވަދެގަތުން ޝަހީމް ކުށްވެރިކޮށްފި އަގްސާ މިސްކިތަށް ޒަޔަނިސްޓުން ވަދެގަތުން ޝަހީމް ކުށްވެރިކޮށްފި

އަލް އަގްސާ މިސްކިތަށް ޒަޔަނިސްޓުން ވަދެގަނެ ހިންގި އަމަލުތައް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
ޝަހީމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަގްސާ މިސްކިތަށް ޒަޔަނިސްޓުން ވަދެގަނެ ހިންގި އަމަލުތަކާ ގުޅިގެން އެފަދަ ކަންކަން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއިން އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.
"ބައިނަލްއަގުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާއި ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވައިލަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގަައި އެ ގައުމުގެ މިނިސްޓަރުން ހިމެނޭ ގޮތަށް ޒަޔަނިސްޓުންތަކެއް އަގްސާ މިސްކިތަށް އިއްޔެ ވަދެގަނެ އެތަނުގައި އިސްލާމްދީނާ ހިލާފު ކަންކަން ހިންގާފައިވެ އެވެ. އެގޮތުން ޒަޔަނިސްޓުންގެ ދީނާ އެއްގޮތަށް އަޅުކަންކޮށްފައިވެ އެވެ.
އަގްސާ މިސްކިތުގައި އިޒްރޭލަށް ޔަހޫދީންގެ ދީނީ ކަންކަން ކުރިއަށް ނުގެންދަން އިޒްރޭލާއި ޖޯޑަން އެއްބަސްވުމެއް ހަދާފައި އޮތް ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން އެ މިސްކިތުގައި އެކި އަމަލުތައް އަބަދުވެސް ހިންގަމުންދެ އެވެ.
ރާއްޖެއިން ގަބޫލުކުރާ ގޮތުގައި ފަލަސްތީނަށް ލިބެން ޖެހޭ ހައްގުތައް ލިބި، ހަމަނުޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެންނެވެ.
އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގައި ތިބި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކޮންމެ ދުވަހަކު ވެސް އެތައް ރައްޔިތުންނެއް މަރަމުންނެވެ. ފަލަސްތީނުގައި ތިބި ރައްޔިތުންނަށް ކާބޯތަކެތި ނުލިބި އެ ރައްޔިތުން ބަނޑަށް މަރުވާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ