މީހަކު ތިބާ ދެރަކޮށްލައި އަދި ރުޅިގަދަކުރުވަން މަސައްކަތްކުރާނަމަ އެމީހާ ބަލިކޮށްލަން އެންމެ ފަސޭހަވާނެ ގޮތް-!

ފުރަތަމަ ކަމަކަށް ސުންނަތުގައި އޮތް ގޮތާއިމެދު ވިސްނާލަމާ ހިނގާށެވެ!
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ބާރުގަދަ މީހަކީ އަތުގެ، މުލައްދަޑީގެ ބާރުގަދަ މީހާ ނޫންކަމަށާއި ރުޅި އަންނަހިނދު ރުޅި ކޮންޓްރޯލްކުރެވޭ މީހާކަމަށެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިތަންމެ ބޮޑުކަމަކާއި ނުރުހުންވެވަޑައިގެންނެވި ނަމަވެސް މީސްތަކުންނަށް އަބަދުވެސް ދައްކަވަނީ ހިނިތުންވެވަޑައިގަތުމެވެ. އަދި ކޯފާއިސްކުރައްވަވަން ޖެހިވަޑައިގަންނަވާ ޙާލަތުގައި މޫނުފުޅުމަތިން ދައްކަވާނީ ތަފާތު ހިނިތުންވެވަޑައިގަތުމެވެ. އެކަން ވަރަށް ރަނގަޅަށް ޞަޙާބީންނަށްވެސް ފާހަގަ ކުރެއްވެވެއެވެ.
ތިބާގެ ޢަދާވާތްތެރިންގެ ތެރެއިން މީހަކު ކޮންމެ ދުވަހަކުވެސް މީހަކު ތިބާ އާއި ބައްދަލުކޮށް ތިބާ އެންމެ ރުޅި އަންނާނެ ކަމެއް ކޮށްފާނެއެވެ. ނުބައި ބަސްތައްވެސް ބުނެފާނެއެވެ. އެމީހާގެ ބޭނުމަކަށްވާނީ ތިބާ ރުޅިއައިސް ރައްދުގައި ނުބައިބަސްތައް ބުނުވުމެވެ. އަދި ގައިގައި އަތްލުން ފަދަ ކަމެއްވެސް ކުރުވުމެވެ. އެކަމުގެ ބޭނުމަކަށްވާނީ މީސްތަކުންގެ ކުރިމަތީގައި ތިބާގެ އަގުވައްޓައިލުމެވެ. ގައިގައި އަތްލައިފިނަމަ ކުށްވެރިވެ ޖަލަށްވެސްދާންޖެހުމެވެ. ޖަލަށް ފޮނުވައިލުމެވެ.
ވީމާ ފުރަތަމަވެސް ބަލައިލަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. ކެތްތެރިވެ، އަޅައިވެސް ނުލައި ރިވެތި ގޮތުގައި އެކަންމަތިން ހަނދާންނައްތައިލުމެވެ.
ރައްދު ދީފިނަމަ ތިބާވެސް އެވެއްޓިގެންދާނީ އޭނާ އާއި އެއް ޖަރަޖައަކަށެވެ. ވީމާ ކިތަންމެ ނުބައި ބަހެއް ބުނިނަމަވެސް ހިނިތުންވެލާށެވެ! އެއަޑު އިވުނުކަމަށްވެސް ނުހަދާށެވެ! އެމީހާ އެންމެ ދެރަވާނީ ވެސް ލަދުވެތިވާނީވެސް އެއިރުންނެވެ. ތިބާ ރުޅިއަރުވައިގެން ޙާޞިލކުރަން ބޭނުންވި ކަންތައް ޙާޞިލުނުކުރެވުނީތީއެވެ.
ތިމާހުރީ ޙައްޤުގައި ނަމަވެސް އަރާރުންނުވެ، ޒުވާބުނުކޮށް ދޫކޮށްލައިފި މީހަކަށް ރަސޫލް ﷺ ވަނީ ސުވަރުގޭގެ މެދުތެރެއިން ގަނޑުވަރެއް ޔަޤީންކުރައްވަވައި ދެއްވަވައިފައެވެ. ވީއިރު މީހަކާއި ޒުވާބުކޮށް މީސްތަކުންގެ ކުރިމަތީގައި ތިމާގެވެސް އަގުވައްޓައިލުމުގެ ބަދަލުގައި ސުވަރުގެއިން ލިބެން އޮތް ގަނޑުވަރު ލިބިގަތުމުގެ ފައިދާ މާބޮޑު ނޫން ހެއްޔެވެ؟
ފަށަމުން މިބަޔާންކުރީ މީހަކު ރުޅިއައުމުން އޭނާއަށް ހިނިތުންވުމަކީ ސުންނަތެއް ކަމެވެ. ޢަމަލުކުރުމުން އޮތީ ޘަވާބާއި ދަރުމަކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ