އެމްއެފްޑީއޭގެ ގަވާއިދު އޮތްގޮތުން ދަތިތައް ކުރިމަތިވާ ކަމަށް ބޭސް ވިއްކާ ބޮޑެތި ކުންފުނިތަކުން ބުނެފި އެމްއެފްޑީއޭގެ ގަވާއިދު އޮތްގޮތުން ދަތިތައް ކުރިމަތިވާ ކަމަށް ބޭސް ވިއްކާ ބޮޑެތި ކުންފުނިތަކުން ބުނެފި

ރާއްޖޭގައި ބޭސް ވިއްކުމުގައި ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ގަވާއިދު އޮތް ގޮތް ކަމަށް ރާއްޖޭގެ ބޮޑެތި ބޭސް ކުންފުނިތަކުން ބުނެފި އެވެ.
ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކާ ބައެއް ކުންފުނިތަކުން ނަން ނުޖަހާ ގޮތަށް އަދަދު އާ ވާހަކަ ދައްކަމުން ބުނީ އެމްއެފްޑީއޭގެ އުސޫލުތައް އޮންނަ ގޮތުން އާ ބޭހެއް ރާއްޖެއަށް އެތެރެ ކުރުމަށް ނަގަން ޖެހޭ ހުއްދަތައް ދޭން ވެސް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.
މިގޮތުން ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ހުއްދަ ނުލިބި އަހަރުތަކެއް ވެސް ފާއިތުވެފައި ހުރި ކަމަށާއި އެތައް ސަތޭކަ ބޭހެއް މިހާރު ވެސް ހުއްދަ ނުލިބިގެން ރާއްޖެއަށް އެތެރެ ނުކުރެވިފައިވާ ކަމަށް ކުންފުނިތަކުން ބުންޏެވެ.
ނަމަވެސް އެމްއެފްޑީއޭއިން ވަނީ ވަރަށް ފަހުން ބޭސް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކޮށްފަ އެވެ. އެއީ އެ އިދާރާގައި ތިބި މުވައްޒަފުންގެ އަދަދު މަދުވެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކުން ކަމަށް ބެލެވެ އެވެ.
މި ނޫހާ ވާހަކަ ދެއްކި ބޭސް އެތެރެކުރާ ކުންފުންޏެއްގެ ވެރިޔަކު ވަނީ ސަރުކާރުން ސިޔާސީ މުވައްޒަފުން ނެގުމުގެ ބަދަލުގައި ޒަރޫރީ ތަންތަނަށް މުވައްޒަފުން ނުނަގާތީ އެކަމާ ސުވާލު އުފައްދާފަ އެވެ. އޭނާ ބުނީ ބޭސް އެތެރެ ކުރުމުގެ ފަސް އަހަރުގެ ހުއްދަ އިތުރުކޮށްދޭން އެދުމުން އެ މުއްދަތު ވެސް ދިގުލައިގެންދާ ކަމަށާއި އޭގެ ސަބަބުން ބޭސް އެތެރެ ނުކުރެވި ދިގުލައިގެންދާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް އެތެރެ ނުކުރެވޭ ގިނަ ބޭސްތައް އިންޑިއާއަށް މީހުން ގޮސް ހިފައިގެން ރާއްޖެއަށް އަންނަކަން ކުންފުންޏަކުން ފާހަގަކުރި އެވެ. އެގޮތުން އެކަމާ ގުޅިގެން އެމްއެފްޑީއޭއިން ލުއިތައް ދިނުމުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އަންގާރަ ދުވަހު އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވީ އެ ކުންފުނިން ބޭސް އެތެރެކުރާއިރު އެމްއެފްޑީއޭގެ އުސޫލުތައް އޮންނަ ގޮތުން ދަތިތައް ދިމާވާ ކަމަށެވެ.
"އެސްޓީއޯއިން މި އެތެރެކުރަނީ ބޭހުގެ 30 އިންސައްތަ. ރާއްޖެއަށް ބޭސް އެތެރެކުރަން މި އޮންނަ އުސޫލަކީ ކޮންމެވެސް އެއް ފަރާތަކުން ބޭހެއް ރަޖިސްޓާ ކޮށްފިއްޔާމުން އެފަރާތަށް އެކަނި އެ ބޭހެއް އެތެރެކުރެވޭނީ އެނގޭތޯ. އޭގައި އުޅޭ ދެ މައްސަލައެއް،" ޝިމާދު ވިދާޅުވި އެވެ.
"ފުރަތަމަ މައްސަލައަކީ އެމްއެފްޑީއޭގެ މި އޮންނަ އުސޫލުން ރާއްޖެ އެތެރެކުރޭވޭނީ ވެސް އެ ފަރާތަށް އެކަނި. އަނެއްކޮޅު ސަޕްލަޔަރު ސައިޑުން ސަޕްލަޔަރު ވެސް ގިނަފަހަރު އެއް ޕާޓީއަށް މި ހުއްދަ ދެނީ."
ބައެއް ކުންފުނިތަކުން ބުނީ އާސަންދައިން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާތައް ނުދޭތީ، ބައެއް ބޭސް ފިހާރަތަކުން މިހާރު ފައިސާއަށް ބޭސް ވިއްކަމުންދާ ކަމަށެވެ.
އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ އަދަދު އަށް ވިދާޅުވީ ކުންފުނިތަކުން ކޮލިޓީ ބޭސްތައް އެތެރެ ކުރުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ. ނަމަވެސް ކޮލިޓީ ދަށް ބޭސްތައް އެތެރެ ކުރުމަށް މަސައްކަތް ކުރާނަމަ އެކަމަށް ރެސްޓްރިކްޝަންސްތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމްއެފްޑީއޭއިން ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް ހުރޭ. އެއީ އެމްއެފްޑީއޭއިން ހިފަހައްޓާ މިންގަނޑުތަކެއް އެކަންޏެއް ނޫން. އެއީ މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ހުންނަ މިންގަނޑުތައް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ