މީހެއްގެ ބޭންކް އެކައުންޓް ޝިކާރަކޮށް ސްކޭމްގެ އަމަލެއް ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް ހިންގައިފި ނަމަ، އެ ބޭންކް އެކައުންޓް ހުއްޓުވުމުގެ ބާރު ގާނޫނީ ގޮތުން ސިންގަޕޫރު ފުލުހުންނަށް އިއްޔެ ދީފި އެވެ.
އެ ފިޔަވަޅަކީ އިންޒާރު ދިން ނަމަވެސް، އެ މީހުންނަށް އޮޅުވާލަމުންދާކަން ގިނަ ފަހަރަށް ގަބޫލުކުރަން ބޭނުން ނުވާތީ، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ދިމާވާ ވަރަށް ބޮޑު މައްސަލައަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި އެޅި ފިޔަވަޅެއް ކަމަށް ސިންގަޕޫރު ސަރުކާރުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސް ކުރީ މި އަހަރުގެ ކުރީކޮޅުގަ އެވެ. ނަމަވެސް ބައެއް މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި އެ ފިޔަވަޅަކީ ތަންކޮޅެއް ހަރުކަށި ފިޔަވަޅެކެވެ.
ސިންގަޕޫރުގައި ސްކޭމްގެ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ސިންގަޕޫރުގައި ވަނީ 860 މިލިއަން ޑޮލަރު ފޭރިގެންފަ އެވެ.
ސްކޭމުން ރައްކާތެރިވުމުގެ އާ ގާނޫނުގައިވާ ގޮތުން، ހިޔާނާތުގެ އަމަލެއް ހިންގައި އެ މީހަކަށް އަމާޒުވާ ކަމަށް ގަބޫލުކުރެވޭ ނަމަ، އެކަމުގެ ޝިކާރައަކަށް ވެދާނެ މީހާގެ މުއާމަލާތްތައް ކުރިއަށް ނުގެންދިއުމަށް ބޭންކުތަކަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.
ޝިކާރައަކަށްވާ މީހާގެ އޭޓީއެމް އާއި ކްރެޑިޓް ކާޑުގެ ހިދުމަތް ލިބުން ހުއްޓުވުމުގެ ގާބިލުކަން ވެސް ފުލުހުންނަށް ލިބިދެ އެވެ.
ކުށުގެ ޝިކާރައަކަށްވާ މީހާއަށް ހިޔާނާތްތެރިވާ ކަމަށް ހީނުކުރެވުނު ކަމުގައި ވިޔަސް ފުލުސް އޮފިސަރަކަށް އެނިންމުން ނިންމުމުގެ ބާރު ގާނޫނީ ގޮތުން ލިބިދެ އެވެ.
ބޭންކް އެކައުންޓުގެ ވެރިފަރާތަށް އޭނާގެ އެކައުންޓްގައި ހުންނަ ފައިސާ ކޮންމެ ދުވަހެއްގެ ހަރަދާއި ބިލްތައް ދެއްކުން ފަދަ ގާނޫނީ ބޭނުންތަކަށް ބޭނުން ކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ، ސިންގަޕޫރުގެ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުން، ފުލުހުން ބުނާ ގޮތެއްގެ މަތީންނެވެ.
ހޯމް މިނިސްޓްރީން ބުނީ ޝިކާރައަށް ހުށައެޅޭ މީހާގެ ބޭންކް އެކައުންޓް 30 ދުވަހާ ހަމައަށް ފުލުހުންނަށް ބެލެހެއްޓޭނެ ކަމަށާއި އިތުރު ވަގުތު ބޭނުންވާ ނަމަ އެ މުއްދަތު ގިނަވެގެން ފަސް މަހަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ ގާނޫނަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޖަވާބުދާރީކުރުވުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމުން ކަންބޮޑުވާ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލީހުގެ ބަހުސުގައި ބައެއް މެމްބަރުން ހުށަހެޅުއްވީ ގާނޫނުން ވަކިވުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި ނޫނީ ކަމާ ބެހޭ ފަރާތްތަކުގެ ބަދަލުގައި އެ މީހުންގެ މުއާމަލާތްތައް ހުއްޓުވުމަށް އެހެން ފަރާތެއް އައްޔަން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށެވެ.
ނަމަވެސް އެ ގާނޫނަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އެ ގާނޫނަކީ އަނިޔާ ލިބޭ ފަރާތްތަކަށް ލިބޭ ބޮޑެތި ގެއްލުންތައް ކުޑަކޮށް، އެ މީހުން ހިމާޔަތް ކުރުމަށް ހަދަން ޖެހޭ ގާނޫނެއް ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ނިންމުން ނިންމާނީ އެ ފަރާތާއި އެ މީހެއްގެ އާއިލާގެ ފަރާތުންދޭ މައުލޫމާތަށް ބަލައިގެން ކަމަށެވެ.
"އެކައުންޓް ހިފެހެއްޓުމުގެ އޯޑަރަށް އަމަލުކުރާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން، އެ މީހަކު ވިސްނައިދިނުމަށް އެހެން ހުރިހާ ގޮތްތަކެއް ބޭނުން ކުރުމަށް ފަހު،" ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ސިންގަޕޫރުގައި ސްކޭމްގެ މައްސަލަތައް 2020 ވަނަ އަހަރު ގާތްގަނޑަކަށް 15،600ގައި ހުރި ނަމަވެސް 2024 ވަނަ އަހަރު ވަނީ އެ އަދަދު 50،000އަށް ވުރެ އިތުރުވެފަ އެވެ.
ސްކޭމް ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ސިންގަޕޫރު ފުލުހުންނަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ