މޫސުން ގޯސްކަމުން، މޫދު ކުޅިވަރުތައް މި ވަގުތަށް މަޑުޖައްސައިލަން އެދިއްޖެ

ކުރިއަށް އޮތް ދެ ތިން ދުވަހު، ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، މި ވަގުތަށް މޫދުކުޅިވަރުތައް މަޑުޖައްސައިލަން ދިވެހި ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާއިރު އިއްޔެ އެކަނި ވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. https://sun.mv/208463 އޭގެ ތެރޭގައި މާލެއިން ފުރައިގެން ލ. ހިތަދުއަށް ދަތުރުކުރި ބޯޓެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާ ވެސް ހިމެނެއެވެ. އަދި ގދ. ގައްދޫއިން ޑިންގީއެއްގައި އެކަނި ނުކުތް 79 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފެށި ހާދިސާ ވެސް ހިމެނެއެވެ. https://sun.mv/208469 އެއާއެކު ފުލުހުން ބުނެފައިވަނީ މިހާރު ވެސް ކަނޑުމަތީގެ އެކި ހާދިސާތައް ރިޕޯޓުކުރަމުން އަންނަ ކަމަށެވެ. އަދި އެކި ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވެ، ވާރޭ ވެހޭކަމުގެ ރިޕޯޓުތައް ލިބެމުން އަންނައިރު، ހާލަތު ރަނގަޅުވަންދެން މޫދުކުޅިވަރުތައް މަޑުޖައްސައިލަން އިރުޝާދު ދޭކަމަށް ފުލުހުން ބުންޏެވެ. https://x.com/PoliceMv/status/1943605841623502864 އާންމު ގޮތެއްގައި މޫދުކުޅިވަރުތައް ހިންގަނީ ރިސޯޓުތަކުންނާއި، ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނުގައެވެ. ސްނޯކްލިންއާއި، ސްޕޯޓްސް ފިޝިން ފަދަ ހަރަކާތްތަކާއި، ޑައިވިން ފަދަ ކަންކަމުގެ އިތުރުން ޖެޓްސްކީ ދުއްވުން ފަދަ ކަންކަން އެފަދަ ކުޅިވަރުތަކުގެ ތެރޭ ކޮށް އުޅެއެވެ. މީގެ ކުރިން މިފަދަ ބައެއް ހަރަކާތްތަކުގެ ތެރޭ ފަތުރުވެރިންނަށް ވެސް އެކި ހާދިސާތައް ދިމާވެފައި ވެއެވެ. އަދި ދިވެހީންނަށް ވެސް އެކި ނުރައްކާތެރި ހާދިސާތަކާ ކުރިމަތިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ