ކަންބޮޑުވުންތަކުން ނަޖާވެވި ފާގަތިކަން އޮތީ އިސްލާމީ އުސޫލުމަތީގައި ދެމިތިބެގެން: ރައީސް

ދިވެހި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުސޫލުމަތީ ގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ. ރައީސްގެ ހިތާބުގައި މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށް ވިދާޅުވި އެވެ.
އެގޮތުން ސަލާމާއި ސަލަވާތްލެއްވި މާތް ނަބިއްޔާ, އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވި ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް އިބްރަތެއް ލިބިދޭ ތާރީހީ ހާދިސާއެއްކަން ފާހަގަ ކުރައްވައި ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީ ގޮތުންނާއި، ގައުމެއްގެ ނިސްބަތުގައި އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރު ވެސް ކާމިޔާބު ހާސިިލުކުރުމުގައި ހިފަހައްޓަންވީ ހިކްމަތެރި ހަމަތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވި އެވެ.
ހިޖުރައިގެ ދަތުރުފުޅަށް ރަސޫލާ ފެއްޓެވި ރޭ، އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އަލީގެފާނު ބޭއްވެވުމާއި، އާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިސްރާބު ހިފާ މަގާ ދުރުގައި ހުރި ތައުރު ފަރުބަދައިގެ ހޮހަޅައިގާ 3 ރޭ މަޑު ކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ސަހާބީ ބޭކަލެއް ކަމުގައިވާ އާމިރު ބިން ފުހައިރާއާ ހަވާލުކުރެއްވުމާ، މިކަންކަމުން އަންގައިދެނީ، ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ދަތުރުފުޅު މަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ހަބަރުތައް ގެނަސްދެއްވުމަށް ޒުވާން ސަހާބީ އަބްދުﷲ ބިން އަބޫބަކުރާ ހަވާލުކުރެއްވުމާއި، ފަރިއްކޮޅު ގެނަސްދެއްވުމަށް، ހިތްވަރުގަދަ އަންހެން ސަހާބީ، އަސްމާ ބިންތު އަބޫބަކުރާ ހަވާލުކުރެއްވި ކަމީ، އިސްލާމީ މުޖުމަތަމައުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން އަންގައިދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ހަނދާން ކޮށްދެއްވި އެވެ. މީގެ އިތުރުން، މުސްލިމުން އިތުރު ތަޖުރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރުހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލުވެސް ހިޖުރައިގެ ހާދިސާއިން އެނގިގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ހިޖުރީ އައު އަހަރެއް ފެށިގެން ދިޔަ މި ދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ހަސްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެއްކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ