މިއުނިކް (ޖުލައި 31) - ބަޔާން މިއުނިކަށް ބަދަލުވުމަށް ފަހު އެންމެ ބޮޑު އަމާޒަކީ، އެ ޓީމުގައި ހުރެ ވާދަކުރާ ހުރިހާ މުބާރާތެއްގެ ތަށި ނެގުން ކަމަށް ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ޑިއާޒް ހޯދަން ބަޔާނުން، ފުރަތަމަ ކުރި ދެ ބިޑް ވެސް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، އެންމެ ފަހުން ބަޔާނުން ކުރި 88 މިލިއަން ޑޮލަރުގެ ޑީލަށް ލިވަޕޫލުން ރުހުން ދިނީ، ޑިއާޒް ވެސް އެ ގޮތަށް ބޭނުންވާތީ އެވެ.
ޑިއާޒް ވަނީ ބަޔާނާ އެކު، 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. ކުރިން ޕޯޓޯ އަށް ކުޅުނު ޑިއާޒަކީ، ބަޔާންގެ ތާރީހުގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އެއީ، 100 މިލިއަން ޑޮލަރަށް ގަތް ހެރީ ކޭން އާއި 94 މިލިއަން ޑޮލަރަށް ގެނައި، ލޫކަސް ހެނާންޑޭޒަށް ފަހު އެވެ.
"މި ޓީމަށް އަހަރެންގެ ސްޓައިލުގައި، އަހަރެންގެ މި ހުރި ހުނަރުތަކުގެ ބޭނުންހިފައިގެން ކާމިޔާބު ހޯދައިދޭން ބޭނުން، އަމާޒަކީ ވާދަކުރާ ކޮންމެ މުބާރާތެއްގެ ވެސް ތަށި ނެގުން، މިއީ އަހަންނަށް ކުރިއަށްދާން ލިބުނު ފުރުސަތެއް،" ބަޔާނަށް ސޮއިކުރުމަށް ފަހު، ޑިއާޒް ބުންޏެވެ.
ލިވަޕޫލަށް މިހާތަނަށް ކުޅެދިން 148 މެޗުން 41 ލަނޑު ޖަހައި، 23 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޑިއާޒް އެ ކްލަބާ އެކު ހުރީ، އަހަރަކު، ތިން މިލިއަން ޑޮލަރުގެ މުސާރައެއްގަ އެވެ. މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލިވަޕޫލަށް 17 ގޯލު ޖަހައިދިން، ޑިއާޒަށް އެއީ ކްލަބް ލެވަލްގައި އެންމެ ކާމިޔާބު ސީޒަނެވެ.
ޑިއާޒް ވަނީ ލިވަޕޫލުން އޭނާގެ ކެރިއަރު ބިނާކުރަން ދިން ފުރުސަތާއި އޭނާގެ ހަޔާތުގެ މުހިންމު ދުވަސްތަކެއްގައި ދިން އެއްބާރުލުމަށްޓަކައި ޝުކުރުއަދާކޮށްފަ އެވެ. އަދި، ދާދި ފަހުން ކާރު އެކްސިޑެންޓެއްގައި، މަރުވި ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ މަތިން އަބަދުވެސް ހަނދާން ކުރާނެ ކަމަށް ވެސް ޑިއާޒް ވަނީ ބުނެފަ އެވެ.
ޑިއާޒްގެ އަމާޒު؛ ބަޔާނާ އެކު ހުރިހާ ތަށްޓެއް ނެގުން ޑިއާޒްގެ އަމާޒު؛ ބަޔާނާ އެކު ހުރިހާ ތަށްޓެއް ނެގުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ